ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގް، މައިކަލް އޮލީސޭ ހޯދުމުގެ ރޭހަށް ނިއުކާސަލް ޔުނައިޓެޑް ވެސް ވަދެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅޭ އޮލީސޭ ވަނީ މިދިޔަ އޮގަސްޓް މަހުގައި ޕެލަސް އާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އައު ކޮށްފައެވެ. 

އޮލީސޭ، 22، ގެ ފަރާތުން ޕެލަސްގައި ދައްކަމުންދިޔަ މޮޅު ކުޅުމާއެކު މިފަހަރުގެ ސީޒަނަށް ކުރިމަތިލިއިރު ޗެލްސީން ދިޔައީ އޭނާ އަށް ފާރަލަމުންނެވެ. އެގޮތުން، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭރު ޗެލްސީން އޮތީ އޮލީސޭގެ ކޮންޓްރެކްޓްގައި ހިމެނޭ ރިލީޒް ކްލޯސް ދެއްކުމަށްފަހު އޭނާ ގެނައުމަށް ތައްޔާރަށެވެ.

އޭގެފަހުން، މެންޗެސްޓާ ޔުނައިޓެޑުން ވެސް އޮލީސޭގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާގައި ވަނީ އަޑުއަރާފައެވެ. އެގޮތުން، އެ ޓީމުން ބޮރޫޝިއާ ޑޯޓްމަންޑަށް ލޯން އުސޫލުން ޖޭޑަން ސަންޗޯ ދޫކޮށްލާފައިވުމާއެކު ދެން އެ މަގާމަށް ކުޅުމަށް ޔުނައިޓެޑަށް ގެންނާނެ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އޮލީސޭ ކަމަށް ވެސް މީޑިއާ ހަބަރުތައް ބުނެއެވެ.

މިފަހަރުގެ ސީޒަނުގައި އަނިޔާގެ މައްސަލަތައް ކުރިމަތިވިނަމަވެސް އޮލީސޭ ވަނީ ޕެލަސް އަށް ކުޅެދިން ގިނަ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައި، މުހިއްމު ލަނޑުތަކެއް ވެސް ޖަހައިދީފައެވެ. އެގޮތުން، ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 0-4 އިން ޕެލަސް މޮޅުވި މެޗުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ދެ ގޯލަށް ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ.

"މެންޗެސްޓާ ޔުނައިޓެޑަށް އޮލީސޭގެ ސޮއި ހޯދުމަށް ފަސޭހަނުވާނެ، އެ ރޭހަށް މިހާރު ނިއުކާސަލް ވެސް ވަދެއްޖެ،" މީޑިއާ ރިޕޯޓެއްގައިވެއެވެ.

ބައެއް ހަބަރުތައް ބުނާގޮތުން، ނިއުކާސަލުން އޮލީސޭގެ ސޮއި ހޯދުމަށް ޕެލަސް އިން ކިޔާ އަގު ދޭން ތައްޔާރަށް އޮތް ކަމަށް ވެއެވެ. 

އިނގިރޭސި ކްލަބު، ރެޑިންގައި ދެއްކި މޮޅު ކުޅުމާއެކު ޕެލަސް އިން އޮލީސޭގެ ރިލީޒް ކްލޯސް ދެއްކުމަށްފަހު އެ ޓީމަށް ގެނައީ 2021 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 88 މެޗުގައި 15 ލަނޑުޖަހައިދީ، އިތުރު 23 ލަނޑުޖެހުމަށް އެހީތެރިވެދީފައިވެއެވެ. މީގެތެރެއިން، ނުވަ ލަނޑުޖަހައިފައިވަނީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ކުޅުނު 17 މެޗުންނެވެ.