ދުނިޔޭގެ ފަށަލައިގައި ގުދުރަތީ ގޮތުން އުފެދޭ ރީތި ދެއައްޔެއްވެއެވެ. އެއީ އަރޯރާ އަދި އެއަރގްލޯއެވެ. އަރޯރާއަކީ ދުނިޔޭގެ ހައި ލެޓިޓިއުޑް ހިސާބުތަކުގައި އުފެދޭ ފެހިކުލައިގެ ރީތި އައްޔެކެވެ. ބައެއް ފަހަރު އެކި ކުލައިގައި އުފެދޭ މިއަލިކަމަށް ނޯދަރން ލައިޓްސް ނުވަތަ ޕޯލަރ ލައިޓްއޭވެސް ކިއަޔެވެ. މިއަލި އުފެދެނީ އިރުގެ ސޯލަރ ޕާރޓިކަލްތައް ދުނިޔޭގެ "މެގްނެޓިކް ފީލްޑާއި އެކުވުމުންނެވެ. އާންމުކޮށް މިއަލި ފެންނަނީ އާރކްޓިކް އަދި އެންޓަރކްޓިކް ސަރަހައްދުންނެވެ. އެއަރގްލޯ އަކީ ދުނިޔޭގެ ފަށަލައިގައި އުފެދޭ އެކިކުލައެކުލެވޭ ރީތި އައްޔެކެވެ. ދުނިޔޭގެ ފަށަލައިގައި ހުންނަ ބައެއް މޮލިކިއުލް ތަކުން އިރުގެއަލި އެއަށް ދެމުމުން އޭގައި އުފެދޭ އިތުރު ހަކަތައެއްގެ ސަބަބުން މިރީތި އަލި އުފައްދައިދެއެވެ. އޮކްސިޖަން ނައިޓްރޮޮޖަން އަދި އެހެނިހެން މޮލިކިއުލް ތަކާޢި އިރުގެ އަލި އެކުވުމުން މިރީތި އަލި އުފެދެއެވެ.
މިދެއަލި އެކީގައި ފެންނަ ފޮޓޯއެއް ވަނީ އިންޓރނޭޝަނަލް ސްޕޭސް ސްޓޭޝަނުން ނަގާފައެވެ. ފެހިކުލައިގެ އަރޯރާ އަދި ދުނިޔޭގެ ފަށަލައިގައި އުފެދިފައިވާ އެއަރގްލޯ މިފޮޓޯއިން ފެނެއެވެ. މިފޮޓޯ ނަގާފައިވަނީ ނާސާގައި މަސައްކަތް ކުރާ އެސްޓްރޯނޯޓެކެވެ. މިފޮޓޯޯއަށް ވަނީ އިމޭޖް އޮފްދަޑޭގެ ނަން ލިބިފައިވައި ބަލާލަން ހިތްގައިމު ފޮޓޯއެކެވެ. މިފޮޓޯ އެހާ ހާއްސަ ވެގެން ދިޔައީ މިދެއަލި އެއްކޮށް އެއްފޮޓޯއަކުން ފެނިގެން ދިއުމުންނެވެ.
ނާސާ އިން އަންނަނީ މިދެއަލީގެ އެހީގައި ދުނިޔޭގެ މޫސުމާއި ޖައްވުގެ މޫސުމާއި ގުޅެ ތަފާތު ކަންކަން ދިރާސާ ކުރަމުންނެވެ.
