އަންނަ މަހު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފްރާންސްގެ ސްކޮޑުން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ކުރީގެ އިތުބާރު ޑިފެންސިވް މިޑްފީލްޑަރު، އެންގޯލޯ ކާންޓޭ އަށް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ފުރުޞަތު ދީފިއެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ކާންޓޭ އެންމެފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ ޖޫން 2022 ގައެވެ. އެ ފަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުން އޭނާ އަށް ފުރުޞަތު ގެއްލުނީ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ކާންޓޭ، 33، އަށް ފްރާންސްގެ ސްކޮޑުން ޖާގަ ދިނުމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ކޯޗު ޑެޝޯމްޕްސް ބުނީ، ޖޫން 2022 ގައި ފްރާންސް ޓީމަށް ކުޅުނުފަހުން އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން އެ އަހަރު ނޮވެންބަރުން ޑިސެންބަރަށް ކުރިއަށްދިޔަ ވޯލްޑް ކަޕުން ފުރުޞަތު ނުލިބުނު ނަމަވެސް މިހާރު ސައުދީ އަރަބިއްޔާގައި ކުޅެމުން އަންނަ ކާންޓޭގެ ފަރާތުން ފެންނަ ކުޅުމަށް ބަލާއިރު ފްރާންސް ޓީމުން ޖާގަ ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޑެޝޯމްޕްސް އިތުރަށް ބުނީ، ކާންޓޭގެ ފަރާތުން ކުރިއެކޭ އެއްފަދައިން ދަނޑުމަތީގައި ވަރުބަލިކަމެއް ނެތި ވަރުގަދަ ކުޅުމެއް ސައުދީގައި ވެސް ފެންނަމުންދާ ކަމަށެވެ. އަދި މިހާތަނަށް މި ފަހަރުގެ ސީޒަނުގައި 40 އަށްވުރެ ގިނަ މެޗު ކާންޓޭ ކުޅެފައިވާ ކަމަށާއި، ކާންޓޭ އާއެކު ފްރާންސް ޓީމު ވަރުގަދަވާނެ ގަބޫލުކުރާ ކަމަށް ވެސް ޑޭޝޯމްޕްސް ބުންޏެވެ.

ސައުދީ އަރަބިއްޔާ ލީގުގައި އެންގޯލޯ ކާންޓޭ ކުޅެނީ. --ފޮޓޯ: ގެޓީ އިމޭޖަސް

 

ޔޫރޯގައި ވާދަކުރާ ފްރާންސްގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ޕީއެސްޖީގެ ޒުވާން ވިންގް، ބްރެޑްލީ ބާކޯލާ އަކީ މުޅިން އަލަށް ގައުމީ ސްކޮޑުން ޖާގަ ހޯދި ކުޅުންތެރިއެކެވެ. މި ޓީމުގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިއަކީ ޕީއެސްޖީގެ އުއްމީދީ މިޑްފީލްޑަރު، ވަރެން ޒައިރް-އެމެރީ އެވެ. އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ އަކީ ފްރާންސް ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. މީގެއިތުރުން، މި ފަހަރުގެ ސްކޮޑުގައި ހިމެނޭ އެންމެ ދުވަސްވީ ކުޅުންތެރިއަކީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ފޯވާޑް، އޮލިވިއޭ ޖިރޫ އެވެ. އެންމެ ފަހުން ފްރާންސް ކުޅުނު ބޮޑު މުބާރާތްތަކުގައި މުހިއްމު ދައުރެއް އަދާކުރި ޖިރޫ، 37، ވަނީ ޔޫރަޕްގައި ކުޅުމަށްފަހު އަންނަ ސީޒަނަށް އެމެރިކާގެ އެލްއޭ އެފްސީ އަށް ކުޅެން ނިންމާފައެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފްރާންސް ޓީމުން އަނިޔާގެ ސަބަބުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި، ޕީއެސްޖީގެ ސެންޓްރަލް ޑިފެންޑަރު، ލޫކަސް ހެނާންޑޭޒް ހިމެނެއެވެ. މީގެއިތުރުން، މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންނަށް ބަލާއިރު މި ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ޗެލްސީގެ ކްރިސްޓޮފާ އެންކުންކޫ އާއި ކްރިސްޓަލް ޕެލަސްގެ މައިކަލް އޮލީސޭ ހިމެނެއެވެ. މީގެތެރެއިން، އޮލީސޭ، 22، ވަނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު 18 މެޗުގައި 10 ލަނޑުޖަހައި، އިތުރު ފަސް ލަނޑުޖަހަން އެހީތެރިވެދީފައެވެ. އެހެންނަމަވެސް، އެންކުންކޫ އަށް އަނިޔާއިން އެނބުރިއައިސް އަދި މިހާތަނަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ.

2000 ވަނަ އަހަރުގެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ނުކުރެވި އޮތް ފްރާންސުން ޖަރުމަނަށް ފުރުމުގެ ކުރިން އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ޖޫން މަހުގެ ފަސް ވަނަ ދުވަހު ލަކްޒަމްބަރގްއާ ދެކޮޅަށް، މެޓްޒްގައި ކުޅޭއިރު، އޭގެ ހަތަރު ދުވަސް ފަހުން ބޯޑޯގައި އެ ޓީމު ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ. އެންމެ ފަހުގެ ދެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ ފްރާންސުން މި ފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ އޮސްޓްރިއާއާ ދެކޮޅަށް، ޖޫން މަހުގެ 17 ވަނަ ދުވަހު ޑުސެލްޑޯފްގަ އެވެ. އެއަށްފަހު ޖޫން 21 ވަނަ ދުވަހު ލައިޕްޒިގުގައި ނެދަލެންޑްސްއާ ދެކޮޅަށް ނިކުންނައިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 25 ވަނަ ދުވަހު ޑޯޓްމަންޑްގަ އެވެ.

 

ފްރާންސްގެ 25 ކުޅުންތެރިންގެ ސްކޮޑު:

ގޯލްކީޕަރުން: އަލްފޮންސޭ އަރެއޯލާ (ވެސްޓް ހޭމް ޔުނައިޓެޑް)، މައިކް މައިގްނޯން (އޭސީ މިލާން)، ބްރައިސް ބަމްބާ (ލެންސް)؛

ޑިފެންޑަރުން: ޖޮނަތަން ކްލައުސް (އޮލިމްޕިކް މާސޭ)، ތިއޯ ހެނާންޑޭޒް (އޭސީ މިލާން)، އިބްރާހިމާ ކޮނާޓޭ (ލިވަޕޫލް)، ޖޫލްސް ކޫންޑޭ (ބާސެލޯނާ)، ފާލެންޑް މެންޑީ (ރެއާލް މެޑްރިޑް)، ބެންޖަމިން ޕަވާޑް (އިންޓަ މިލާން)، ވިލިއަމް ސަލީބާ (އާސެނަލް)، ޑަޔޮޓް އުޕަމެކާނޯ (ބަޔާން މިއުނިކް)؛

މިޑްފީލްޑަރުން: އެޑޮއާޑޯ ކަމަވިންގާ އާއި އައުރެލިން ޗުއަމެނީ (ރެއާލް މެޑްރިޑް)، ޔޫސުފް ފޮފާނާ (މޮނާކޯ)، އެންޓޮއިން ގްރީޒްމަން (އެތުލެޓިކޯ މެޑްރިޑް)، އެންގޯލޯ ކާންޓޭ (އަލް އިއްތިހާދު)، އެޑްރިއެން ރަބިއޯ (ޔުވެންޓަސް)، ވަރެން ޒައިރް-އެމެރީ (ޕީއެސްޖީ)؛

ފޯވާޑުން: ކިންގްސްލީ ކޯމަން (ބަޔާން މިއުނިކް)، އޮލިވިއޭ ޖިރޫ (އޭސީ މިލާން)، މާކަސް ތުރާމް (އިންޓަ މިލާން)، އޮސްމާނޭ ޑެމްބެލޭ، ބްރެޑްލީ ބާކޯލާ އާއި ރެންޑަލް ކޯލޯ މުއާނީ އަދި ކިލިއަން އެމްބާޕޭ (ޕީއެސްޖީ).