ވަރަށް ގިނަ މީހުނަށް އެމީހުންގެ ލޭގެ ގްރޫޕް ނުވެސް އެނގެއެވެ. އެނގުން ނަމަވެސް އެކަމާ ގުޅުން ހުރި ޞިއްޙީ މައްސަލަތަކަކީ ކޮބައިކަމެއް ގިނަ މީހުނަށް ނޭނގެއެވެ. ލޭގެ ގްރޫޕް ގިންތި ކުރެވެނީ ލޭގައި ހިމެނޭ މާއްދާތަކުގެ މައްޗަށެވެ. މީގެ ތެރޭގައި އެންޓިޖެން އަދި އާރު އެޗް ފެކްޓަރ ހިމެނެއެވެ. އެންޓިޖެންއަކީ ލޭގައި ހިމެނޭ ރަތް ސެލްތަކުގައި ހިމެނޭ ޕްރޮޓީންއެކެވެ. މި އެންޓިޖެންގެ ބާވަތަށް ބެލުމަށް ފަހު އޭ، ބީ ނުވަތަ އޯ ގްރޫޕަށް ލޭ ބަހާލައެވެ. އާރު އެޗް ފެކްޓަރއަކީ ވެސް ލޭގެ ރަތް ސެލްތަކުގައި ހިމެނޭ މާއްދާއެކެވެ. ލޭގެ ގްރޫޕް ޕޮޒިޓިވް ވެ ނެގަޓިވް ވަނީ މި މާއްދާގެ ސަބަބުންނެވެ. އާރު އެޗް ފެކްޓަރ ހުންނަ ނަމަ ލޭގެ ގްރޫޕްގެ ފަހަތަށް ޕޮޒިޓިވް އާދެއެވެ. އަދި އާރު އެޗް ފެކްޓަރ ނުހުންނަ ނަމަ ލޭގް ގްރޫޕުގެ ފަހަތަށް ނެގަޓިވް އަންނާނެއެވެ.
އާންމު ގޮތެއްގައި ލޭގެ ގްރޫޕް ބަލަނީ ރައްކާތެރިކަމާއިއެކު ލޭ އަޅަން ނުވަތަ ލޭހަދިޔާ ކުރަންޖެހުމުންނެވެ. ނަމަވެސް ލޭގެ ގްރޫޕާއި ގުޅުން ހުރި ސިއްޙީ މައްސަލަތައް ހުންނަ ކަމާއި އޭގެ ނުރައްކާ އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ތިރީގައި މި ބަލާލަނީ ލޭގެ ގްރޫޕްތަކާ ގުޅުން ހުރި، ނުރައްކާތެރި 3 ސިއްޙީ މައްސަލައަށެވެ.
- ހިތުގެ ބަލި
މުޅި ހަށިގަނޑަށް ލޭ ފޮނުވާދެނީ ހިތުންނެވެ. އެހެންކަމުން ހިތާ ލެޔާ ވަރަށް ބޮޑަށް ގުޅުން ހުންނާނެއެވެ. ނަމަވެސް ބައެއް ލޭގެ ގްރޫޕްތަކުގެ ސަބަބުން ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑު ވެގެން ދެއެވެ. މިހެން ވަނީ ލޭގައި ހިމެނޭ "އޭ ބީ އޯ" ޖީންގެ ސަބަބުންނެވެ. މި ޖީން ހުންނަނީ ހަމަ އެކަނި އޭ އަދި ބީ ލޭގެ ގްރޫޕްތަކުގެ މީހުންގެއެވެ. އޯ ގްރޫޕްގެ ލޭހުންނަ މީހުންގެ މި ޖީން ނުހިމެނެއެވެ. "އޭ ބީ އޯ" ޖީން ހުރެ، ވައިނުސާފު މާހައުލުތަކުގައި ދިރިއުޅޭ މީހުނަށް ހިތުގެ ބަލިތަކުގެ ނުރައްކާ އޮތްވަރު، މި ޖީން ނުހުންނަ މީހުނަށްވުރެ ބޮޑެވެ.
މި ނުރައްކާ ކުޑަކުރުމަށް ވައި ސާފު ހިސާބުތަކުގައި ދިރިއުޅުމާއި، އެތެރޭގައި ކުރެވޭ ކަސްރަތެއް، ގަވާއިދުން ކުރުން މުހިންމެވެ. ހިތުގެ ސިއްޙަތު ރަގަޅަށް ބެހެއްޓުމަށް މޭވާ، ތަރުކާރީ، ގޮވާން، މަސް އަދި ބަދަނުގެ ބާވަތްތައް ކެއުމުގައި ހިމެނުން މުހިންމެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމުގެ އިތުރުން ގަވާއިދުން ޑޮކްޓަރަކަށް ޒިޔާރަތްކޮށް، ހަދަން ޖެހޭ ޓެސްޓްތައް ހެދުން މުހިންމެވެ.
- ސިކުނޑީގެ މަސައްކަތްތަކާއި ހަނދާންނެތުން
"އޭ ބީ އޯ" ޖީންއަކީ ސިކުނޑިގެ މަސައްކަތްތަކާއި ހަނދާން ނެތުމާވެސް ގުޅުން ހުރި އެއްޗެކެވެ. އޭ، ބީ އަދި އޭބީ ގްރޫޕްތަކުގެ ލޭ ހުންނަ މީހުންގެ ތެރޭގައި ހަނދާން ނެތުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު، އޯ ގްރޫޕްގެ މީހުނަށް ވުރެ 82 އިންސައްތަ އިތުރެވެ. ހަނދާން ނެތުމުގެ ސަބަބުން ޑެމެންޝިޔާއަށް މަގުފަހިވެއެވެ. މި މައްސަލަ ދިމާވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ބެލެވެނީ، މި ގްރޫޕްތަކުގެ ލޭ ހުންނަ މީހުންގެ ލޭގެ ޕްރެޝަރު މަތިވުމާއި، ލޭގައި ހިމެނޭ ކޮލެސްޓްރޯލް މަތިވުމާއި ހަކުރުބައްޔަށް ފުރުސަތު އިތުރުވެއެވެ. މި ގްރޫޕްގެ ލޭ ހުންނަ މީހުނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތުވެސް މި ޖީން ނުހުންނަ މީހުނަށްވުރެ އިތުރެވެ.
މިކަމުގެ ނުރައްކާ ކުޑަކުރުމަށް ގަވާއިދުން ކަސްރަތު ކުރުމާއި، ފިކުރުތަކާއި ދުރުވެގެން ހުރުން ވަރަށް މުހިންމެވެ. ކޮންމެ ރެއަކު 7 ގަޑިއިރާއި 9 ގަޑިއިރުގެ ނިދި ނިދުން ވަރަށް މުހިންމެވެ. ގަވާއިދުން ޑޮކްޓަރާއި މަޝްވަރާކޮށް ޑެމެންޝިޔާގެ އެއްވެސް އަލާމާތެއް ހުރިކަން ނުވަތަ ނެތްކަން ޔަގީން ކުރަން ވާނެއެވެ.
- ކެންސަރު
ކެންސަރަކީ އެއަށް މަގުފަހި ކުރާ ވަރަށް ގިނަ ކަންކަން ހިމެނޭ ނުރައްކާތެރި ބައްޔެކެވެ. މިބަލިން ރައްކާތެރިވުމަށް ދުރުވާން ކުރަންޖެހެނީ ކޮން ކަމެއްކަން ގިނަ ފަހަރަށް ނުވެސް އެނގެއެވެ. ނަމަވެސް އޭ ގްރޫޕްގެ ލޭހުންނަ މީހުނަށް ބަނޑުގެ ކެންސަރު ޖެހުމުހެ ފުރުސަތު އެނޫން ގްރޫޕްތަކުގެ މީހުނަށް ވުރެ އިތުރެވެ. "އޭ ބީ އޯ" ޖީން އަކީ ކެންސަރު ޖެހުމުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާ ކުރާ މާއްދާއެކެވެ. މި ޖީން އާ ގުޅުން ހުންނަ ކެންސަރުތަކުގެ ތެރޭގައި ފުއްޕާމޭ، އުރަމަތި، ފުރަމޭ، ޕްރޮސްޓޭޓް އަދި ސަރވިކަލް ކެންސަރު ހިމެނެއެވެ. މިކަމަށް ދިރާސާ ކުރެވޭތާ 60 އަށް ވުރެ ގިނަ އަހަރު ވެފައި ވީ ނަމަވެސް މި ޖީންގެ ސަބަބުން ކެންސަރު ޖެހެން މެދުވެރިވަނީ ކިހިނެތްވެގެން ކަން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިކަން މިހެން ހިނގާކަން ތަފާސް ހިސާބުތަކުން ފެންނަން އެބަހުއްޓެވެ.
ކެންސަރުން ރައްކާތެރިވުމަށް ކުރެވޭނެ ވަކި ކަމެއް ނެތް ނަމަވެސް ސިއްޙަތަށް ފައިދާހުރި ރަގަޅު ކާނާ އާއި ގަވާއިދުން ކުރެވޭ ކަސްރަތުގެ އިތުރުން ދުންފަތާއި ދުރުހެލިވެގެން ހުރުމަކީ ގިނަ ބަލިތަކުން ދުރުވެ ހަށިގަނޑުގެ ދިފާޢީ ނިޒާމް ފުރިހަމަ ކުރުމަށް އެޅޭނެ ބާރެކެވެ.
މައުލޫމާތު https://www.pennmedicine.org/ އިން ނަގާފައި
