މިހާރު ކުރިއަށްދާ 50 އޯވަރުގެ ގައުމީ ކްރިކެޓް މުބާރާތުގެ ފައިނަލްގައި މިލާން ކްރިކެޓް އެކެޑެމީއާ މާލޭ ވެޓެރަންސް ބައްދަލުކުރާން ޖެހިއްޖެއެވެ.
މި ދެ ޓީމު މީގެކުރިން ބައްދަލުކުރި މެޗު ވިއްސާރައިގެ ސަބަބުން ކުރުކޮށްލަން ޖެހުމުން ޑަކްވޯތު ލުވިސް މެތަޑުން 17 ލަނޑުގެ ތަފާތަކުން މޮޅުވީ މިލާން ކްރިކެޓް އެކެޑެމީ އިންނެވެ.
މިއަދުގެ މެޗަށް ނިކުތްއިރު ވެސް މިލާން ކްރިކެޓް އެކެޑެމީން ވަނީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމުން މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް ފައިނަލަށް ނިކުންނާނީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލުގެ ދެވަނަ ޖާގަ ހޯދި މާލެ ވެޓެރަންސް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމު ބަލިވީ މިލާން ކްރިކެޓް އެކެޑެމީ އަތުންނެވެ.
އެކުވެނި ކްރިކެޓް ގްރައުންޑްގައި މިއަދު ހެނދުނު ކުޅުނު މެޗުން ނިއު ސްޓާރ އަތުން މިލާން ކްރިކެޓް އެކެޑެމީ މޮޅުވީ 196 ލަނޑުގެ ތަފާތަކުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން މިލާން ކްރިކެޓް އެކެޑެމީން ކުޅެން އަރައި 48 އޯވަރުގެ ތެރޭގައި ތިން ވިކެޓަށް 367 ލަނޑުހެދިއެވެ.
މި އިނިންގްސްގައި މިލާން ކްރިކެޓް އެކެޑެމީން އެންމެ ރަނގަޅަށް ކުޅުނީ 147 ލަނޑުހެދި އަހުމަދު ހަސަން އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 54 ބޯޅައިން 91 ލަނޑުހެދި އެ ޓީމުގެ ކެޕްޓަން، ޔޫސުފް އަޒްޔާން އެވެ. އެ ޓީމުގެ އާދަމް ނާސިފް ވެސް ބައި ސައްތަ ހެދިއެވެ. ނިއު ސްޓާރގެ އުކުންތެރިންގެ ތެރެއިން މުޙައްމަދު ޝިޔާމް އާއި މަންޒޫރް ޝެއިޙް އަދި މަނޯ ގަނަސިންގ ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.
ޖަވާބުގައި ކުޅެން އެރި ނިއު ސްޓާރގެ ހުރިހާ ކުޅުންތެރިން 30 އޯވަރުގެ ތެރޭގައި ނުބައިވީ އެންމެ 171 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 42 ބޯޅައިން 53 ލަނޑުހެދި މުއާވިޔަތު އަބްދުލް ޣަނީ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ގޮޑްވިން އެންތަނީ އެވެ. އޭނާ ވަނީ 29 ލަނޑުހަދައިފައެވެ. މި އިނިންގްސްގައި މިލާން ކްރިކެޓް އެކެޑެމީގެ އިބްރާހިމް ނަޝާތު ވަނީ އަށް އޯވަރުގެ ތެރޭގައި 39 ލަނޑަށް ހަތަރު ވިކެޓްނަގައިފައެވެ. އެ ޓީމުގެ އިބްރާހިމް ރިޒާން ތިން ވިކެޓްނެގިއިރު، އަލީ އިމްއާން ވިކެޓެއްނެގިއެވެ.
ގައުމީ ކްރިކެޓް މުބާރާތުގައި މި އަހަރު ފަސް ޓީމަކުން ވާދަކުރި އެވެ. އެއީ، މިލާން ކްރިކެޓް އެކެޑެމީ އާއި މާލެ ވެޓެރަންސްގެ އިތުރުން ސީބީއެލް ސްޕޯޓްސް، ނިއު ސްޓާރ އަދި ފުވައްމުލަކު ކްރިކެޓް އެކެޑެމީ އެވެ. މުބާރާތުގެ ފައިނަލުން ޖާގަ ލިބުނީ ހުރިހާ ޓީމެއްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމެވެ.
މި ފަހަރުގެ ގައުމީ ކްރިކެޓް މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ކުރީކޮޅު އެވެ. މި މެޗުގައި ބައްދަލުކުރާނީ މިލާން ކްރިކެޓް އެކެޑެމީއާ މާލެ ވެޓެރަންސް އެވެ.
