މިހާރު ކުރިއަށްދާ އައިޕީއެލްގެ ލީގު ބުރުގައި ޖެހިޖެހިގެން ހޯދީ ހަވަނަ މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއީ ސުޕަ ކިންގްސް ބަލިކޮށް ރޯޔަލް ޗެލެންޖާސް ބެންގަލޫރު ޕްލޭއޮފުން ޖާގަ ހޯދައިފިއެވެ. ރޭގެ މެޗުން ބެންގަލޫރު މޮޅުވީ 27 ލަނޑުންނެވެ.
މިއީ މިދިޔަ 15 އަހަރުގެ ތެރެއިން ބެންގަލޫރުން ޕްލޭއޮފުން ޖާގަ ހޯދި ނުވަވަނަ ފަހަރެވެ. އަދި މިއީ ޗެންނާއީ އިން ޕްލޭއޮފް ޖާގައެއް ނުލިބި ނިންމާލަން ޖެހުނު ތިންވަނަ ފަހަރެވެ. އަނެއްކޮޅުން، މި ފަހަރުގެ މުބާރާތް ފެށިގެން ކުޅެވުނު ފުރަތަމަ 8 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެ، އޭރު ތާވަލްގެ ފުލުގައި އޮތް ބެންގަލޫރުން އޭގެފަހުން ކުޅުނު ހަ މެޗުން މިވަނީ މޮޅުވެފައެވެ.
މި ނަތީޖާއާއެކު ބެންގަލޫރަށް ހަތަރުވަނަ މަގާމު ލިބުނީ ނެޓް ރަން ރޭޓުން ކުރިލިބުމުންނެވެ. ބެންގަލޫރުގެ އިތުރުން ފަސްވަނައިގައި އޮތް ޗެންނާއީ އާއި ހައެއްގައި އޮތް ދިއްލީ ކެޕިޓަލްސް އަދި ހަތްވަނައިގައި އޮތް ލަކްނޯ ސުޕަ ޖަޔަންޓްސް އަށް ވެސް 14 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ބެންގަލޫރުގެ ނެޓް ރަން ރޭޓް 0.459 ގައި އޮތްއިރު، ޗެންނާއީގެ އޮތީ 0.392 އެވެ.
މި ފަހަރުގެ އައިޕީއެލްގެ އެންމެ ކުރީގައި އުޅޭ ކަލްކަތާ ނައިޓް ރައިޑާސް އަށް 13 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް އަށް 13 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ތިނެއްގައި އޮތް ސަންރައިޒާސް ހައިދަރުއާބާދަށް ލިބިފައިވަނީ 13 މެޗުން 15 ޕޮއިންޓެވެ.
ރޭގެ މެޗަށް ނިކުތްއިރު ޕްލޭއޮފް ޖާގައެއް ހޯދުމަށްޓަކައި 18 ލަނޑުގެ ތަފާތަކުން މޮޅުވުން ނޫން ގޮތެއް ބެންގަލޫރަށް ނެތެވެ. ޗެންނާއީ އަށް ރޭގެ މެޗުން ބަލިވެގެން ވެސް ޕްލޭއޮފް ޖާގައެއް ލިބެން އޮތެވެ. އެގޮތުން، ރޭގެ މެޗުން 17 ލަނޑުގެ ތަފާތަކުން ބަލިވިނަމަވެސް ނެޓް ރަން ރޭޓުން ޗެންނާއީ އަށް ކުރިލިބޭނެ އެވެ.
ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި އަމިއްލަ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ޗެންނާއީ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ބެންގަލޫރުން ކުޅެން އަރައި، ފުރަތަމަ ތިން އޯވަރުގެ ތެރޭގައި 31 ލަނޑުހެދިތަނާ، ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނެވެ.
ގާތްގަނޑަކަށް 40 ވަރަކަށް މިނެޓުގެ މެދުކެނޑުމަކަށްފަހު ކުޅުން އަލުން ފަށައިގެން ބެންގަލޫރުން ރަނގަޅު ސްކޯއަކާ ދިމާއަށް ދަތުރުކުރީ އެ ޓީމުގެ ކުރީގެ ކެޕްޓަން، ވިރާތު ކޯލީ އާއި މިހާރުގެ ކެޕްޓަން، ފާފް ޑު ޕްލެސީސްގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު އެވެ. މީގެއިތުރުން، އެ ޓީމުގެ ރަޖަތު ޕަތީދާރު އާއި އޮސްޓްރޭލިއާގެ އޯލްރައުންޑަރު، ކެމަރަން ގްރީން ވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ބެންގަލޫރުގެ އިނިންގްސްގައި ކޯލީގެ ފަރާތުން 29 ބޯޅައިން ހެދި 47 ލަނޑާއި، 39 ބޯޅައިން ހެދި 54 ލަނޑާއެކު ފާފް ކާމިޔާބުކުރި ބައިސައްތަ އާއެކު އެ ޓީމުން ވަނީ 20 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 218 ލަނޑުހަދައިފައެވެ. އެ ޓީމުގެ ގްރީން ނުބައިނުވެ 17 ބޯޅައިން 38 ލަނޑުހެދިއިރު، ޕަތީދާރު ވަނީ 23 ބޯޅައިން 41 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ގްލެން މެކްސްވެލް ވަނީ ފަސް ބޯޅައިން 16 ލަނޑުހަދައިފައެވެ. ޗެންނާއީގެ އުކުންތެރިންގެ ތެރެއިން މިޗޭލް ސެންޓްނާ އާއި މަހީޝް ތީކްޝާނާ ފިޔަވައި އެހެން ކުޅުންތެރިއަކަށް ރަނގަޅު އިކޮނޮމީއެއްގައި އުކިފައިނުވާއިރު، ސެންޓްނާ ވިކެޓެއްނެގިއެވެ. ޗެންނާއީ އިން އެންމެ ގިނަ ވިކެޓްނެގި ޝާރްދުލް ތާކުރްގެ އިކޮނޮމީ ރޭޓް ހުރީ އޯވަރެއްގައި 15 ލަނޑުން މަތީގައެވެ.
ޖަވާބުގައި ކުޅެން އެރި ޗެންނާއީގެ ފުރަތަމަ ވިކެޓް ގެއްލުނީ ދެވަނަ އިނިންގްސްގެ ފުރަތަމަ ބޯޅައިގައި ބެންގަލޫރުގެ މެކްސްވެލްގެ އުކުމުގައެވެ. މެކްސްވެލް ވަނީ ޗެންނާއީގެ ކެޕްޓަން، ރުތުރާޖް ގައިކްވާޑް ސުމަކަށް ނުބައިކޮށްލާފައެވެ. އަދި އޭގެފަހުން، ބެންގަލޫރުގެ އުކުންތެރިޔާ، ޔަޝް ދަޔާލް ވަނީ ޗެންނާއީގެ ޑަރީލް މިޗޭލް ނުބައިކޮށްލާފައެވެ. މިޗޭލް ނުބައިވީ ހަތަރު ލަނޑަށެވެ. އެއަށްފަހު ދެން ކުޅެން އެރި އަޖިންކިޔާ ރަހާނޭ އާއި އޯޕަނިންގ ބެޓްސްމަން، ރަޗިން ރަވިންދްރަ ގުޅިގެން ތިންވަނަ ވިކެޓަށް 41 ބޯޅައިން 66 ލަނޑުހެދިއެވެ.
ދެން ކުޅެން އެރި ޝިވަމް ޑޫބޭ އާއި ސެންޓްނާ އަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އޭނާ ނުބައިކޮށްލުމަށްޓަކައި ބެންގަލޫރުގެ ކެޕްޓަން، ފާފް ވަނީ މޮޅު ބޯޅައެއް ހިފައިފައެވެ. އެއަށްފަހު، ޗެންނާއީ އަށް އަނެއްކާވެސް އުއްމީދުގެ ހުޅުކޮޅެއް ދިއްލުނީ ކުރީގެ ކެޕްޓަން، މަހެންދްރަ ސިންގ ދޯނީ އާއި ރަވިންދްރަ ޖަދޭޖާ ބެޓްކުރަމުންދިޔައިރު އެވެ. މި ދެ ކުޅުންތެރިން ގުޅިގެން ހަތްވަނަ ވިކެޓަށް 61 ލަނޑުހެދިއެވެ. އެހެންނަމަވެސް، މެޗުގެ 19 އޯވަރުގައި ދޯނީ ނުބައިވުމާއެކު ޗެންނާއީ އަށް އިތުރު މައްސަލަތައް ކުރިމަތިވިއެވެ. އޭރު ކޮލިފައިވުމަށްޓަކައި ހަތަރު ބޯޅައިން ހަދަން ޖެހެނީ 11 ލަނޑެވެ. ނަމަވެސް، ހާސިލްކުރަން ޖެހުނު ޓާގެޓަށް ވާސިލްނުވެވި، ޗެންނާއީގެ އިނިންގްސް ނިންމާލަން ޖެހުނީ ހަތް ވިކެޓަށް 191 ލަނޑާއެކު އެވެ.
މި އިނިންގްސްގައި ޗެންނާއީ އިން އެންމެ ރަނގަޅަށް ކުޅުނީ ރަވިންދްރަ އާއި ރަހާނޭ އަދި ޖަދޭޖާ އެވެ. ރަވިންދްރަ ވަނީ 37 ބޯޅައިން 61 ލަނޑުހަދައިފައެވެ. ރަހާނޭ ނުބައިވީ 33 ލަނޑަށެވެ. ޖަދޭޖާ ވަނީ ނުބައިނުވެ 22 ބޯޅައިން 42 ލަނޑުހަދައިފައެވެ. މީގެއިތުރުން، ދޯނީ ވަނީ 13 ބޯޅައިން 25 ލަނޑުހަދައިފައެވެ. ބެންގަލޫރުގެ ޔަޝް ދަޔާލް ދެ ވިކެޓްނެގިއިރު، މެޗުގެ ފަހު އޯވަރުގައި ދޯނީ ނުބައިކޮށްލީ އޭނާގެ މޮޅު އުކުމުގައެވެ. މީގެއިތުރުން، އެ ޓީމުގެ މެކްސްވެލް އާއި މުޙައްމަދު ސިރާޖް އާއި ލޮކީ ފާގަސަން އަދި ގްރީން ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބެންގަލޫރުގެ ކެޕްޓަން، ފާފް އެވެ. އޭނާ ވަނީ ބައިސައްތަ ހަދައި، ދެ ކުޅުންތެރިއަކު ނުބައިކޮށްލުމުގައި މޮޅު ދެ ބޯޅައެއް ހިފައިފައެވެ.
މި މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މެންދުރުފަހު 3 ޖަހާއިރު ސަންރައިޒާސް ހައިދަރުއާބާދުއާ ޕަންޖާބް ކިންގްސް ކްރިކެޓް ޓީމު ބައްދަލުކުރާއިރު އަނެއް މެޗުގައި ރޭގަނޑު ހަތެއް ޖަހާއިރު ކަލްކަތާ ނައިޓް ރައިޑާސް ނިކުންނާނީ ރާޖަސްތާން ރޯޔަލްސްއާ ދެކޮޅަށެވެ.
