އުމުރުން އެންމެ 15 އަހަރުގައި އިނގިރޭސިވިލާތުގެ އިތުރު ދެ ކުއްޖަކާ އެކު، ސީރިޔާގައި ޖިހާދު ކުރަމުންދިޔަ ނެދަރލެންޑްގެ މީހަކާ ކައިވެނި ކުރަން ޝަމީމާ ފުރި ހިސާބުން އޭނާ ވަނީ ނޫސްތަކުގެ ސުރުޚީތަކަށް އަރާފައެވެ. އޭރު ޝަމީމާ ދިޔައީ އައި.އެސް.އައި.އެސް އާ ގުޅުމަށެވެ. އަދި އެ ޖަމާޢަތް ދިފާޢުކޮށް އޭނާގެ ކުރީގެ އިންޓަރވިއުތަކުގައި ވަނީ ވާހަކަ ދައްކާފައެވެ. ނަމަވެސް ކަންކަން ބަދަލުވެ، ހަނގުރާމައިގެ ތެރޭގައި ޝަމީމާގެ 3 ދަރިން މަރުވުމުން އޭނާވަނީ ގައުމަށް އެނބުރި އައުމުގެ ހުއްދައަށް އެދިފައެވެ. އަދި އޭނާއާއި ބެހޭގޮތުން ދެކެވޭ ހުރިހާ ވާހަކަތަކަކީ ތެދުނޫން ކަމަށް އޭނާ ދަޢުވާ ކުރެވެއެވެ. އެތައް ފަހަރަކު އެދިގެންވެސް އިނގިރޭސިވިލާތަށް ދިއުމުގެ ހުއްދަ ދީފައި ނުވާތީ ޝަމީމާ ވަނީ އިނގިރޭސި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޝަމީމާ ހާމަ ކުރި ގޮތުގައި އައި.އެސް.އައި.އެސް ދިފާޢުކޮށް އޭރު ވާހަކަ ދެއްކީ އެތަނުގައި ތިބި އެހެން އަންހެނުންގެ ސަލާމަތަށް ނުރައްކާވެދާނެތީއެވެ. އަދި ޝަމީމާ އެނބުރި ގައުމަށް ދިއުން މަނާކުރުމަށް އިނގިރޭސިވިލާތުން "ވާހަކަ ހަދަނީ" ކަމަށް ބުނާ އިންޓަރވިއުއެއް މިހާރު ވަނީ މީޑިޔާއަށް އާންމުވެފައެވެ.
މި އިންޓަރވިއުއަކީ 2019 ވަނަ ނަގާފައިވާ އިންޓަރވިއުއެކެވެ. އިންޓަރވިއުގައި ޝަމީމާ ވަނީ އޭނާ އާއި ބެހޭގޮތުން އިވިފައިވާ ވާހަކަތައް ހަނދާން ނައްތާލުމަށްފަހު، އޭނާއަށް ދެވަނަ ފުރުސަތެއް ދިނުމަށް އިނގިރޭސި ރައްޔިތުންގެ ކިބައިން ވެސް އެދިފައެވެ. ރޮމުން ވާހަކަ ދައްކަމުން ޝަމީމާ ބުނީ އޭނާގެ 3 ދަރިން މަރުވުމުން ލިބުނު ހިތާމައިގައި އަމިއްލައަށް މަރުވާން ހިތަށް އެރި ކަމަށާ، މިހާރު ބޭނުންވަނީ އުފަން ގައުމަށްގޮސް ބޮޑު ސަބްވޭ އެއް ކާލަން ކަމަށް ވެސް ޝަމީމާ ބުންޏެވެ. ޝަމީމާ ބުނީ ދަރިން މަރުވި ނަމަވެސް ދަރިންގެ ބައްޕަ ދިރިހުރި ކަމަށާ، އޭނާއަށް އުފަން ދުވަހުގެ ތަހުނިޔާ ރެޑްކްރޮސް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ. އައި.އެސް.އައި.އެސް އިން ހިންގާ އަނިޔާވެރި ޢަމަލުތަކުގެ ޒިންމާ ޝަމީމާވެސް އަދާކުރަންވާނެ ކަމަށް މީހުން ބުނާ ބުނުމަށް ރައްދުދެމުން އޭނާ ބުނީ، އެތަނުގައި ހިނގާ ކަންކަން ކުރިން އޭނާ އަށް ނޭނގޭ ކަމަށާ، އޭނާއަކީ އަނިޔާވެރިކަމަށް ހިތްވަރުދޭނެ މީހެއް ނޫން ކަމަށެވެ. އަދި މީހުން އޭނާއާއި މެދު ކުރާ ތުހުމަތު ތަކުން ބަރީއަ ވާކަމަށްވެސް ޝަމީމާ ބުނެއެވެ. ޝަމީމާގެ ކިބައިން އިނގިރޭސި ރައްޔިތުކަން ނެގުމަށް ހުށައަޅާފައިވާ މައްސަލަ އާއި ދެކޮޅަށް ޝަމީމާ ހުށައެޅި މައްސަލައިގެ އަޑު އެހުމުގައި ސުޕްރީމް ކޯޓުންވަނީ، ޝަމީމާ އަށް ދުވަހަކުވެސް ގައުމަށް އެނބުރި ނާދެވޭނެކަމަށް ހުކުމް ކޮށްފައެވެ.
މީޑިޔާތަކުން ޝަމީމާ އެންމެ ފަހުން ފެނުނު އިރު އޭނާ ވަނީ ކަޅު ހެދުމާއި ބުރުގާ ދޫކޮށް، ޖީންސް، ގަމީސް އަދި ޖެކެޓް ލައިގެން ހުއްޓާ ފެނިފައެވެ. 2019 ވަނަ އަހަރު ޝަމީމާ ފެނިފައިވަނީ ސީރިޔާގެ ޖަލެއްގައި ނަފްސާނީ ފަރުވާ ހޯދުމަށް ބަންދުކޮށްފައި ވަނިކޮށެވެ. ކޭމްޕްތަކުގައި މީހުން ދިރިއުޅެނީ އެންމެ ޒަރޫރީ ސާމާނާއި އެކުގައި ނަމަވެސް މި އިންޓަރވިއުގައި ޝަމީމާ ފެންނަނީ ޓީ.ވީ ބަލަން އިންނަ ތަނެކެވެ. އަދި ފަހަތުން ކުޝަން ލާފައިވާ ސޯފާއެއްވެސް ފެނެއެވެ. ޝަމީމާ ބުނީ ކުޑައިރު އޭނާއަކީ ވަރަށް ޝުކުރުވެރި ނުވާ ކުއްޖެއް ކަމަށާ، އޭނާ ގަބޫލު ކުރީ އޭނާއަކީ އަބަދު އެންމެ ރަގަޅު ކުއްޖާ ކަމަށާއި، ދެން ތިބޭ އެންމެނަކީވެސް ގޯސް މީހުން ކަމަށެވެ. އަދި މަންމަ ހިތުގައި ޖެހޭނެ ފަދަ އެތައް ބަހެއް ބުނެވިފައިވާނެ ކަމަށާ، ނަމަވެސް މަންމަގެ އުނގަކީ އެންމެ އަމާން ތަންކަމަށް މިއަދު އޭނާ ވިސްނިއްޖެކަމަށް ވެސް ޝަމީނާ ބުނެއެވެ. ޝަމީމާ އަކީ އާއިލާގެ ތެރޭގައި އެންމެ ތަފާތުކޮށް، މީހުނާ ގުޅުން ކުޑަކޮށް ބޮޑުވި ކުއްޖާއެވެ. ޝަމީމާ ގަބޫލު ކުރީ އާއިލާގެ ތެރޭގައި އޭނާ ބާކީ ވެފައިވާ ކަމަށެވެ.
މިހެން އުޅުމުގެ ތެރޭގައި އޭނާވަނީ އިންޓަރނެޓުން ސީރިޔާގެ އެތައް ވީޑިއޯ އެއް ބަލާފައެވެ. އަދި އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލުންލިބޭ މުސްލިމް މުޖުތަމަޢުއަށް އަޅާލާނެ އެއްވެސް މީހަކު ނެތްކަމަށް ގަބޫލުކޮށް، އޭނާ އެގައުމަށް ދިޔައީ އެމީހުނަށް އެހީތެރިވުމަށް ކަމަށާ، އަނިޔާވެރިކަމެއް ހިންގަން ނޫންކަމަށް ޝަމީމާބުނެއެވެ. ޝަމީމާއާއި އެކުގައި ދިޔަ އާމިރާ އައްބާސް އަދި ކަދީޒާ ސުލްތާނާ ވަނީ ވަނީ ހަނގުރާމައިގައި މަރުވެފައެވެ. ޝަމީމާ ހާމަކުރި ގޮތުގައި 15 އަހަރާއި 16 އަހަރު މި ތިން ކުދިން ގެއިން ފިލައިގެން ސީރިޔާއަށް ދިޔައީ އައި.އެސް.އައި.އެސްގެ ޕްރޮޕެގެންޑާ އެއްވެސް ވަރަކަށް ނޭނގިއެވެ.
އިނގިރޭސިވިލާތުން ފުރިދުވަހުގެ ހަނދާން ކުރަމުން ޝަމީމާ ބުނީ، އެމީހުން އިނގިރޭސިވިލާތުގެ ގެޓްވިކް އެއަރޕޯޓުން ފުރައިގެން ތުރުކީގެ އިސްތަންބޫލަށް ދާން އޮތް ފްލައިޓް ލަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ހާސްވި ކަމަށާ، އޭނާ ބޭނުންވީ ގެއަށް ދާނެކަމަށް މަންމަ ބަލާ ގަޑި ޖެހުމުގެ ކުރިން ފްލައިޓް ޖައްސަން ކަމަށެވެ. އަދި 3 ކުދިން ސީރިޔާއަށް އެތެރެ ވުމާއި އެކު ޝަމީމާގެ މަންމަ ގުޅި ކަމަށާ، އަދި ސިރިޔާގައި ހުރިކަމަށް ބުނުމުގެ އިތުރުން އެއްވެސް އެއްޗެއް ނުބުނާ ކަމަށާ އޭގެފަހުން މަންމަގެ ބަހެއް ވެސް އަޑު ނުއިވޭކަމަށް ޝަމީމާ ކިޔާދިނެވެ.
ދެން ޝަމީމާމެން ގެންދިޔައީ ކޭމްޕަކަށެވެ. އަދި އެކުދިންނަށް ފިރިން ހަމަ ޖެހެންދެން އެތަނުގައި ބޭތިއްބިއެވެ. ޝަމީމާއަށް ލިބުނު ފިރިމީހާއަކީ ވަރަށް ރީތި ފިރިހެނެއް ނަމަވެސް ޝަމީމާއަށް ކައްކަން ނޭނގުމުން ފިރިމީހާ ހުރީ ހައިރާން ވެފައި ކަމަށާ، އެކަމުގައި ޖަވާބުގައި، " ކައިވެނި ތި ކުރީ 15 އަހަރުގެ ކުއްޖަކާ، ތިއީ އަމިއްލަ ކުށް" ކަމަށް ބުނެ ރައްދުދިނެވެ.
2019 އަހަރު އަނެއްކާ މީޑިޔާއަށް ޝަމީމާ ފެނުނު އިރު އިނީ ބަލިވެ ކަމަށާ، އޭރު ކުރިން ލިބުން ދެކުދިން މަރުވެ، ފިރިމީހާވެސް މަރުވެފައިވާ ކަމަށް ގަބޫލު ކުރެވުނެވެ. 3 ވަނަ ދަރިފުޅުވެސް ވިހާފައި މާ ގިނައިރުތަކެއް ނުވެ ވަނީ މަރުވެފައެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމުން، ދިރިހުރުމަށް އުއްމީދެއް ލިބުނު ކަމަށާ ނަމަވެސް ދެވަނަ ދަރިފުޅަށް ބަލިވެ އިން އިރު އޭނާގެ ދިރިއުޅޭ ހިސާބަށް ކޮންމެ ދުވަހަކު ބޮމުގެ ހަމަލާތައް އަމާޒުވަމުން ދިޔަ ކަމަށާ، ކާއެއްޗެއްސާއި ނެޕީ ވެސް ލިބުން ދަތި ކަމަށް ޝަމީމާ ކިޔާދިނެވެ. ދޮށީ ފިރިހެން ދަރިފުޅު މަރުވުމުން ވަރަށް ދެރަވި ކަމަށާ ނަމަވެސް އެކަމާ ރޮއި ހަދާނެ ވަގުތެއް ނުވި ކަމަށް ޝަމީމާ ކިޔާދިނެވެ. ސަބަބަކީ ދެވަނަ އަށް ހުރި އަންހެން ދަރިފުޅުގެ ޒިންމާވެސް ޝަމީމާގެ ކޮނޑުގައި އެޅިފައި ވުމެވެ. ފިރިހެން ދަރިފުޅު މަރުވިތާ މަހެއްގެ ތެރޭގައި އަންހެން ދަރިފުޅުވެސް މަރުވިއެވެ. ނަމަވެސް މިއިން އެއްވެސް ކުއްޖެއް މަރުވާ ދިމާވި ސަބަބެއް ސާފުކޮށް ޝަމީމާއަކަށް ނޭނގެއެވެ. އަންހެންދަރިފުޅު މަރުވުމުން އަމިއްލަ ނަފްސު ކުށްވެރިކޮށް އެތަނުން ސަލާމަތް ނުވެވުނީތީ ހިތާމަ ކުރި ކަމަށާ، އެވަގުތު ދިރިހުރުމުގެ ހަމަ އެކަނި އުއްމީދަކަށްވީ، އޭރު ބަނޑުގައި އޮތް ދަރިފުޅު ކަމަށް ވެސް ޝަމީމާ ބުންޏެވެ. ޝަމީމާ ބޭނުންވީ އެ ދަރިފުޅާއެކު އެތަނުން ނިކުމެ، އާދައިގެ ދިރިއުޅުމެއް ހޯދާދިނުމެވެ. ނަމަވެސް ވިހައިގެން މާގިނަ ދުވަހެއް ނުވެ އެދަރިފުޅުވެސް މަރުވުމުން އެރޭ އެއްކޮށް އެދަރިފުޅުގެ ކައިރީގައި ރޯން އިން ކަމަށާ، ދިރިހުރުމުގެ ހަމަ އެކަނި އުއްމީދު ދިއުމުން، ހުރިހާ ކުދިން ގެއްލުމުގެ ހިތާމައިގައި އެރޭ ވަރަށް ގިނައިން ރޮވުނުކަމަށް ޝަމީމާ ބުންޏެވެ.
ކުރުދީން ހިންގާ ކޭމްޕެއްގައި ހުރެގެން ވާހަކަ ދައްކަމުން ޝަމީމާ ބުނީ އެތަނުގައި ހޭދަކުރި މުއްދަތުގައި ދެން އެންމެ ހިތްދަތި ކަމަކަށް ދިމާވީ، ސީރިޔާ ސިފައިންގެ ވައިގެ ހަމަލާއެއްގައި، ޝަމީމާއާއި އެކުގައި އައި އާމިރާ މަރުވިކަމުގެ ޚަބަރު އާމިރާގެ މަންމައަށް ދިނުން ކަމަށެވެ. އާމިރާގެ މަންމަ ބޭނުންވީ އޭނާގެ ގަބުރުގެ ފޮޓޯއެއް ކަމަށާ ނަމަވެސް އާމިރާގެ ހަށިގަނޑު އޮތީ ކުދިކުދި ވެފައި ކަމުން ފޮޓޯ އެއް ފޮނުވުން އެއީ އެ ޙާލަތުގައި ކުރެވޭނެ ކަމެއް ނޫންކަމަށް ޝަމީމާ ކިޔާދިނެވެ. އަދި އާމިރާ މަރުވުން ވަރަށް އެކަނިވެރިވި ކަމަށާ، އާމިރާއާއި އެކުގައި ޝަމީމާގެ މުޅި އުމުރު އުޅެވޭނެކަމަށް އުއްމީދު ކުރި ކަމަށްވެސް އޭނާ ކިޔާދިނެވެ.
ޝަމީމާ ގަބޫލު ކުރާ ގޮތުގައި އައި.އެސް.އައި.އެސް އަކީ މީހުން ބަންދުކޮށްގެން ގެންގުޅޭ ބައެއް ކަމަށާ، އޭނާ އެތަނުން ނިކުންނަން ބޭނުންވި އިރު އެތަނުން ނިކުތުން އެއީ ވާނެ ކަމެއް ނޫންކަން އޭނާ އަށް ވަނީ ގަބޫލު ކުރެވިފައެވެ.
