އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު މެޗުން ރާޖަސްތާން ރޯޔަލްސް 36 ލަނޑުން ބަލިކޮށް، ސަންރައިޒާސް ހައިދަރުއާބާދު އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ އެ ޓީމުން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. އެއީ 2016، 2018 އަދި 2024 އެވެ. އޭގެތެރެއިން، 2016 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު، 2018 ވަނަ އަހަރުގެ ފައިނަލްގައި ޗެންނާއީ ސުޕަ ކިންގްސް އަތުން ވަނީ ބަލިވެފައެވެ. އަނެއްކޮޅުން، މިއީ މި ފަހަރުގެ މުބާރާތުގައި ރާޖަސްތާން އަތުން ހައިދަރުއާބާދު މޮޅުވި ދެވަނަ ފަހަރެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން މޮޅުވީ ވެސް ހައިދަރުއާބާދު އެވެ.
މީގެއިތުރުން، ހައިދަރުއާބާދު ވަނީ މުބާރާތުގެ ފައިނަލުން އެންމެ ގިނަ ފަހަރު ޖާގަ ހޯދީ ފަސް ޓީމުގެ ތެރޭގައި ހިމެނިފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ޗެންނާއީ ވަނީ ރެކޯޑް 10 ފަހަރު ކުޅެފައެވެ. ދެވަނައިގައި އުޅެނީ ހަ ފައިނަލާއެކު މުމްބާއީ އިންޑިއަންސް އެވެ. ތިންވަނައިގައި އުޅޭ ކަލްކަތާ ވަނީ ހަތަރު ފަހަރު ފައިނަލަށް ދަތުރުކޮށްފައެވެ. ހައިދަރުއާބާދުގެ އިތުރުން ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ފައިނަލަށް ދަތުރުކޮށްފައިވަނީ ތިން ފަހަރެވެ.
ޗެންނާއީގައި ހުންނަ އެމްއޭ ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ރާޖަސްތާނުން ގަސްދުކުރީ ހޮވަން އަރާށެވެ. ހެއިންރިކް ކްލާސެން އާއި ރާހުލް ޓްރިޕާތީގެ މޮޅު ކުޅުމާއެކު ހައިދަރުއާބާދުން ވަނީ 20 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް 175 ލަނޑު ހަދައިފައެވެ. ކްލާސެން ވަނީ 34 ބޯޅައިން 50 ލަނޑުހަދައިފައެވެ. އޭނާގެ މި އިނިންގްސްގައި ހަތަރު ފަހަރު ހަޔަކަށް ޖަހައިފައިވެއެވެ. ޓްރިޕާތީ ވަނީ 15 ބޯޅައިން 37 ލަނޑުހަދައިފައެވެ. އޭނާ ވަނީ ދެ ފަހަރު ހަޔަކަށް، ފަސް ފަހަރު ހަތަރަކަށް ޖަހައިފައެވެ. މީގެއިތުރުން، 28 ބޯޅައިން 34 ލަނޑުހެދި އޯޕަނިންގ ބެޓްސްމަން، ޓްރޭވިސް ހެޑްގެ ކުޅުން ފާހަގަކޮށްލެވުނެވެ.
ފުރަތަމަ އިނިންގްސްގައި ރާޖަސްތާންގެ އުކުންތެރިން ކަމަށްވާ؛ ޓްރެންޓް ބޯލްޓް އާއި އާވޭޝް ޚާން ތިން ވިކެޓްނެގިއިރު ސަންދީޕް ޝަރްމާ ދެ ވިކެޓްނެގިއެވެ. އެ ޓީމުގެ ދެ ސްޕިނަރުން ކަމަށްވާ، ރަވީޗަންދްރަ އަޝްވިން އާއި ޔުޒްވެންދްރަ ޗަހާލް އަށް ވިކެޓެއް ނުނެގުނެވެ.
ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނަށް ކަނޑައެޅިފައިވާ ޓާގެޓަށް ވާސިލްނުވެވި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 139 ލަނޑެވެ. ރާޖަސްތާނަށް އެންމެ ރަނގަޅަށް ކުޅުނީ ޔަޝަސްވީ ޖައިސްވާލް އާއި ދްރޫވް ޖުރެލް އެވެ. މީގެތެރެއިން، ދްރޫވް ޖުރެލް ނުބައިނުވެ 35 ބޯޅައިން 56 ލަނޑުހެދިއެވެ. އޭނާގެ އިނިންގްސްގައި ދެ ފަހަރު ހަޔަކަށް، ހަތް ފަހަރު ހަތަރަކަށް ޖަހައިފައިވެއެވެ. އެ ޓީމުގެ އޯޕަނިންގ ބެޓްސްމަން، ޖައިސްވާލް ވަނީ 21 ބޯޅައިން 42 ލަނޑުހަދައިފައެވެ. އޭނާ ވަނީ ތިން ފަހަރު ހަޔަކަށް، އަދި ހަތަރު ފަހަރު ހަތަރަކަށް ޖަހައިފައެވެ. ރާޖަސްތާނުގެ އިތުރު ކުޅުންތެރިއަކަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އެ ޓީމުގެ ވިކެޓްކީޕަރު ބެޓްސްމަން، ސަންޖޫ ސެމްސަން ނުބައިވީ އެންމެ 10 ލަނޑަށެވެ.
މި އިނިންގްސްގައި ރާޖަސްތާނުގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލެވުނީ ހައިދަރުއާބާދުގެ ކޯޗު، ޑެނިއަލް ވެޓޯރީގެ ފުރިހަމަ ރޭވުންތެރިކަމުގެ ސަބަބުން ކަމަށް އެ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް ވަނީ ބުނެފައެވެ. އެގޮތުން، ކަމިންސް ފާހަގަކުރި ގޮތުގައި އިމްޕެކްޓް ޕްލެޔާގެ ގޮތުގައި ޝަހްބާޒް އަހުމަދު ތަޢާރަފްކުރުމާއި، އަބީޝެކް ޝަރްމާގެ އުކުމުގެ ބޭނުންހިފުމުގައި ގެންގުޅުނު ރޭވުންތެރިކަމަށް ތައުރީފްކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝަހްބާޒް ވަނީ ހަތަރު އޯވަރުގެ ތެރޭގައި 23 ލަނޑަށް ތިން ވިކެޓްނަގައިފައެވެ. އަބީޝެކް ވަނީ ހަތަރު އޯވަރުގެ ތެރޭގައި 24 ލަނޑަށް ދެ ވިކެޓްނެގިއެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން، ކަމިންސް އާއި ތަންގަރަސޫ ނަތަރަޖާން ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.
މި ފަހަރުގެ ޕްލޭއޮފްސްގައި ހައިދަރުއާބާދު ކުޅުނު ފުރަތަމަ މެޗުގައި ކަލްކަތާ ނައިޓް ރައިޑާސް އަތުން ބަލިވިނަމަވެސް، ރޭ ކުޅުނު ދެވަނަ ކޮލިފަޔާ ކާމިޔާބުކޮށް އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލްގައި އެ ޓީމު ނިކުންނާނީ ކަލްކަތާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ އެ ދުވަހުގެ ރޭގަނޑު 7 ޖަހާއިރު އެވެ.
