އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ 1-2 އިން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ޔޫރަޕްގެ މުބާރާތަކުން ފުރުޞަތު ހޯދައިފިއެވެ.
މިއީ ޔުނައިޓެޑުން މި މުބާރާތް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ އާސެނަލް ވަނީ 14 ތަށި އުފުލާލައިފައެވެ. ޔުނައިޓެޑުން އެފްއޭ ކަޕް އެންމެ ފަހުން ކާމިޔާބުކުރީ 2015 ގައެވެ.
މި މެޗަށް ނިކުތްއިރު އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުމަށްޓަކައި ސިޓީ ބަލިކުރުން ނޫން ގޮތެއް ޔުނައިޓެޑަށް ނެތެވެ. އެއީ އެ ޓީމުން ލީގުގެ އަށްވަނައިގައި އޮވެގެން ނިންމާލުމުންނެވެ. މި މެޗު ކާމިޔާބުކޮށް، އެފްއޭ ކަޕްގެ ތަށި އުފުލާލުމާއެކު ޔުނައިޓެޑަށް ވަނީ ޔުއެފާ ޔުރޮޕާ ލީގުން ފުރުޞަތު ލިބިފައެވެ. މިއާއެކު، ޔުނައިޓެޑްގެ އިތުރުން ފަސްވަނައިގައި ލީގު ނިންމާލި ޓޮޓެންހަމް ހޮޓްސްޕާ އަށް ވަނީ ޔުރޮޕާ ލީގުން ޖާގަ ލިބިފައެވެ. ލީގުގެ ހަވަނައިގައި އޮތް ޗެލްސީ އަށް ވަނީ ޔުއެފާ ކޮންފަރެންސް ލީގުން ފުރުޞަތު ލިބިފައެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ 30 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑްނެގީ އަލެހަންދްރޯ ގާނާޗޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ސިޓީގެ ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލް އާއި ގޯލްކީޕަރު، ސްޓެފަން އޯޓޭގާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ގާނާޗޯ ޖެހި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 39 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑުޖަހައިދިނީ ޒުވާން އިނގިރޭސި މިޑްފީލްޑަރު، ކޯބީ މައިނޫ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ދިން ޕާހަކުން މައިނޫ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން ޔުނައިޓެޑް ކުރީގަ އޮވެގެންނެވެ.
ސިޓީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖެރެމީ ޑޮކޫ އެވެ. މިއީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު، ފިލް ފޯޑެން ދިން ބޯޅައަކުން ޑޮކޫ ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ، އާލިން ބްރައުޓް ހާލަންޑް އާއި ހޫލިއަން އަލްވަރޭޒަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މި މެޗުން ހޯދީ މޮޅާއެކު ޔުނައިޓެޑުން އެފްއޭ ކަޕް ކާމިޔާބުކުރި ނަމަވެސް، އެ ޓީމުގެ ކޯޗުގެ މަގާމުން އެރިކް ޓެން ހާގް ވަކިކުރާނެ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޕްރިމިއާ ލީގުގެ ޓީމުތަކުގެ ތެރެއިން އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރާ ކްލަބުތައް:
ޔުއެފާ ޗެމްޕިއަންސް ލީގު: މެންޗެސްޓާ ސިޓީ، އާސެނަލް، ލިވަޕޫލް، އެސްޓަން ވިލާ.
ޔުރޮޕާ ލީގު: ޓޮޓެންހަމް ހޮޓްސްޕާ، މެންޗެސްޓާ ޔުނައިޓެޑް
ކޮންފަރެންސް ލީގު: ޗެލްސީ
