މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ސްވިމިން ޓީމުގެ މުހައްމަދު ރިހާން ޝިހާމް އަނެއްކާވެސް ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

އެގޮތުން، ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ރިހާން އާކުރީ، މިއިވެންޓުގެ ފައިނަލް ސީ ގައި ވާދަކޮށް، 01.00.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ. 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ރިހާންއެވެ. އެއީ މިއަދު ހެނދުނު ހަމަ މިމުބާރާތުގެ ހީޓްގައި 01.00.73 އިން ރޭސް ނިންމައިގެންނެވެ.

މިއީ މި ފަހަރުގެ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްގައި ރިހާން އާކުރި ދެވަނަ ރެކޯޑެވެ. މީގެކުރީން، ރިހާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ވެސް އާކޮށްފައެވެ. އެއީ މި އިވެންޓްގައި 18.03.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި 19.26.54 ގެ ވަގުތަކުން އިން ރޭސްނިންމައިގެން، މުބާލް ޢައްޒާމް އިބްރާޙީމެވެ.

ރިހާންގެ އިތުރުން މުހައްމަދު އާން ހުސެއިން ވެސް ވަނީ ގައުމީ ރެކޯޑެއް އާކޮށްފައެވެ. އެއީ، މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގައި 00.54.46 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އާން އެފަހަރު ޤައުމީ ރެކޯޑު އާކޮށްފައިވަނީ 00.55.11 އިންނެވެ.