ކަލްކަތާ ނައިޓް ރައިޑާސް އިން ފަސޭހަކަމާއެކު ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށް، އައިޕީއެލްގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުން ކަލްކަތާ މޮޅުވީ 8 ވިކެޓުންނެވެ.

މިއީ ކަލްކަތާ އިން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމުން ވަނީ 2012، 2014 އަދި 2024 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެ ޓީމުން ބަލިވީ 2021 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުން އެކަންޏެވެ. އަނެއްކޮޅުން މިއީ ހައިދަރުއާބާދު ފައިނަލްގައި ބަލިވި ދެވަނަ ފަހަރެވެ. އެއީ 2018 އާއި 2024 ވަނަ އަހަރެވެ. އެ ޓީމު ވަނީ 2016 ވަނަ އަހަރުގެ ފައިނަލްގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިކޮށް، ޗެމްޕިއަންކަން ހޯދައިފައެވެ.

ރޭގެ މޮޅާއެކު ކަލްކަތާ ވަނީ މިހާތަނަށް މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ތިން ޓީމުގެ ތެރޭގައި ހިމެނިފައެވެ. އައިޕީއެލްގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވަނީ މުމްބާއީ އިންޑިއަންސް އާއި ޗެންނާއީ ސުޕަ ކިންގްސް އެވެ. މި ދެ ޓީމުން ވެސް ވަނީ ތިން ފަހަރު ތަށި އުފުލާލައިފައެވެ.

ޗެންނާއީގެ އެމްއޭ ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ހައިދަރުއާބާދުން ގަސްދުކުރީ ބެޓްކުރާށެވެ. ހައިދަރުއާބާދުން ކުޅެން އަރައި ފުރަތަމަ ދެ އޯވަރުގެ ތެރޭގައި ދެ ވިކެޓަށް ހެދުނީ އެންމެ ހަ ލަނޑެވެ. މެޗުގެ މިހާ ކުރީކޮޅު ހައިދަރުއާބާދުގެ ބެޓްސްމަނުންނަށް ހުއްޓުވުމުގައި ކަލްކަތާގެ އޮސްޓްރޭލިއާ އުކުންތެރިޔާ، މިޗޭލް ސްޓާކްގެ ކުޅުން ފާހަގަކޮށްލެވުނެވެ. އޭނާ ވަނީ ފުރަތަމަ އޯވަރުގެ ތެރޭގައި ހައިދަރުއާބާދުގެ އަބީޝެކް ޝަރްމާ ނުބައިކޮށްލާފައެވެ.

މެޗުގެ ފުރަތަމަ އިނިންގްސްގައި ހައިދަރުއާބާދުގެ ހުރިހާ ކުޅުންތެރިން 18.3 އޯވަރުގެ ތެރޭގައި ނުބައިވީ އެންމެ 113 ލަނޑަށެވެ. އެ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް އާއި އައިޑެން މާކްރަމް ފިޔަވައި އެހެން ކުޅުންތެރިއަކަށް 20 އިން މަތީގެ ސްކޯއެއް ނުހެދުނެވެ. ކަމިންސް ވަނީ 19 ބޯޅައިން 24 ލަނޑުހަދައިފައެވެ. މާކްރަމް 23 ބޯޅައިން 20 ލަނޑުހެދިއެވެ. މި އިނިންގްސްގައި ކަލްކަތާގެ އޯލްރައުންޑަރު، އަންދްރޭ ރަސެލް ތިން ވިކެޓްނެގިއިރު، ސްޓާކް އާއި ހަރްޝިތު ރާނާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، ކަލްކަތާ އިން މޮޅުވެގެން ފޭބީ 10.3 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 114 ލަނޑުހަދައިގެންނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 26 ބޯޅައިން 52 ލަނޑުހެދި ވެންކަޓޭޝް އައްޔަރް (ވެންކީ) އެވެ. މި އިނިންގްސްގައި ވެންކީ ވަނީ ދެ ފަހަރު ހަޔަކަށް، ފަސް ފަހަރު ހަތަރަކަށް ޖަހައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ވިކެޓްކީޕަރު ބެޓްސްމަން، ރެހްމަނުﷲ ގުރްބާޒް 32 ބޯޅައިން 39 ލަނޑުހެދިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަލްކަތާގެ ސްޓާކް އެވެ.

ފައިނަލް މެޗަށްފަހު ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިންއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ރަނަރަޕް މަގާމް ހާސިލްކުރި ހައިދަރުއާބާދު އެވެ. މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެމްވީޕީ އެވޯޑް ހޯދީ ކަލްކަތާގެ ސުނިލް ނަރައިން އެވެ. ޒުވާން ކުޅުންތެރިޔާއަށްދޭ އެމާޖިންގ ޕްލެއާ އަށް ހައިދަރުއާބާދުގެ ނިތިޝް ރެޑީ ހޮވުނުއިރު އެންމެ މޮޅު ކެޗަކަށް ހޮވުނީ ލަކްނޯ ސުޕަ ޖަޔަންޓްސްއާ ދެކޮޅަށް ކަލްކަތާގެ ރާމަންދީޕް ސިންގ ގެ ކެޗެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާއަށްދޭ އޮރެންޖް ކެޕް ހޯދީ ބެންގަލޫރު އަދި އިންޑިއާގެ ކުރީގެ ކެޕްޓަން، ވިރާތު ކޯލީ އެވެ. އެންމެ ގިނަ ވިކެޓްނެގި ކުޅުންތެރިޔާއަށްދޭ ޕާޕްލް ކެޕް ހާސިލްކުރީ ކިންގްސް ޕަންޖާބްގެ ހަރްޝަލް ޕަޓޭލް އެވެ.