ހަރުދަނާ މާލީ ނަތީޖާ ހޯދުމުގެ ފަހަތުގައި ވަނީ ކަސްޓަމަރުން  ބޭންކަށް ކުރައްވާ އިތުބާރު ކަމަށް ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަމުންނެވެ.

ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވަނީ ބޭންކުގެ ކާމިޔާބީއާމެދު ފަހުރުވެރިވާކަން ފާޅުކުރައްވާ، މި ކާމިޔާބީ އަށް ވާސިލްވުމަށް ކަސްޓަމަރުންނަށް ދޭ ހިދުމަތާއި، އިންފްރާސްޓްރަކްޗަރ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީ މުހިންމު ދައުރެއް އަދާކޮށްފައިވާކަން ހާމަކުރައްވާފައެވެ. 

"2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވޭ. މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދު. މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން، އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުން. އަޅުގަނޑުމެންގެ ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ. ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި މިވަނީ މާކެޓްގެ %55 އިންސައްތައާއެކު އަޅުގަނޑުމެންގެ މަގާމު އިތުރަށް ވަރުގަދަވެފަ." 

ކަސްޓަމަރުން ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރައްވަމުން ކާރލް އިތުރަށް ވިދާޅުވީ "ތިޔަބޭފުޅުން ފަސްނުޖެހި އަޅުގަނޑުމެންނަށް ތިޔަ ކުރައްވާ އިތުބާރަށް ޝުކުރުއަދާކުރަން. އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގަލަކީ ތިޔަދެއްވާ އެއްބާރުލުން. އަދި ބޭންކުގެ މި ކާމިޔާބު ދަތުރުގައި ތިޔަބޭފުޅުން ތިއްބެވިކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ވީހާވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބޭނެ ގޮތްތަކާއި ތިޔަބޭފުޅުން ހިދުމަތް ހޯއްދެވުމުގައި ކުރައްވާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރާނަން."  

ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިތިބިކަން ފާހަގަ ކުރައްވަމުން ކާރލް ވިދާޅުވީ " އެކުވެރި އަރަބި އިމާރާތުގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން ކަސްޓަމަރުން މުއާމަލާތްކުރެވޭނެ ގޮތަށް ދާދިފަހުން އަޅުގަނޑުމެންގެ ސިސްޓަމްތައް ވަނީ ކޮންފިގްރޭޓް ކޮށްފައި. އަޅުގަނޑުމެންނަށް މިހާރު ރެންމިންބީ އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ރެންމިންބީ އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތްތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުންކުރެވޭނެ." 

ބޭންކުގެ ކުރިމަގާ ގުޅޭ ގޮތުން ކާރލް ވިދާޅުވީ "އަޅުގަނޑުމެން މިތިބީ ރާއްޖޭގައި އެންމެން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ވަރަށްވެސް ސާބިތުކަމާއެކު. އަޅުގަނޑުމެން ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. ބޭންކް އޮފް މޯލްޑިވްސްއަށާއި ދިވެހިރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެންނާއެކު މަސައްކަތްކުރާނަން."