ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވައިދޭ ވަގުތުތައް އެޑިއުކޭޝަން މިނިސްޓްރީން މަދުކޮށްފިއެވެ.
އެ މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލަރއެއްގައި ބުނީ މިއީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ފަރާތުން ލިބުނު ޚިޔާލާއި މަޝްވަރާތަކަށް ފަހު، ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން ކިޔަވައިދިނުން 45 މިނިޓުން 35 މިނިޓުގެ ވަގުތަކަށް މަދުކޮށްފައިވާ ކަމަށާއި އެ ބަދަލާއެކު، ކޮންމެ ހަފުތާއަކު ނަގަންޖެހޭ މާއްދާތަކުގެ އަދަދުތަކަށްވެސް ބަދަލު ގެނެސްފައިވާ ކަމަށް އެ މިނިސްޓްރީގެ ސަރކިއުލަރގައި ބުނެފައިވެއެވެ.
އޮގަސްޓް 23 ން ފެށިގެން އެ ބަދަލުތަކާ އެއްގޮތަށް ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމް ކުރެއްވުމަށް އެ ސަރކިއުލަރގައި ބުނެފައިވެއެވެ. އަދި ކުރިއެކޭވެސް އެއްފަދައިން އާ އާއްމު ހާލަތުގައި އަމަލުކުރުމަށް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލި ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އެގޮތުން ސެޝަން ގަޑީގެ ތެރެއިން އަތްދޮވުމާއި އެހެނިހެން ކަންކަމަށް 1 ގަޑިއިރު ލިބޭނެ ގޮތަށް، ސެޝަންތަކުގެ ދިގުމިން ހަތަރު ގަޑިއިރަށް ވުރެ ދިގުނުވާނެހެން ހަމަޖެއްސެވުމަށް ވަނީ އެދިފައެވެ.
އެ އުސޫލުގައިވާ އަދަދަށް ގަޑި ނުނެގޭ ނަމަ އެ ގަޑިތައް ގެންދާނީ އޮންލައިންކޮށް ކަމަށްވެސް މިނިސްޓްރީގެ ސަރކިއުލަރގައި ބުންޏެވެ.
ކޮވިޑުން ރައްކާތެރިވުމަށް މާޗު 12 ގައި ސްކޫލުތައް ބަންދުކޮށް، އަލުން ކިޔަވައިދޭން ފެށީ މިދިޔަ ޖުލައި، 1 ގައެވެ.
އޭރު މާލެ ސަރަހައްދުގައި ގްރޭޑު 9 އިން މައްޗަށް ކިޔަވައިދޭން ފެށިނަމަވެސް އެހެން ރަށްރަށުގައި މިދިޔަ މަހުން ފެށިގެން ހުރިހާ ގްރޭޑަކަށްވެސް އަންނަނީ ކިޔަވައިދެމުންނެވެ.
ލޮކްޑައުނަށްފަހު ދިން ލުޔާއެކު މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީ ސްކޫލުތައް އިތުރު ދެ ހަފުތާއަށް ބަންދުކުރުމަށް ފަހު އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށާފައެވެ.
