ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ މީޑިއޭޓަރ ބޭނުންކުރި ގިނަ ބަޔަކަށް ސިއްޙީ މައްސަލަތައް ޖެހި އެތައް ބަޔަކު މަރުވި މައްސަލައެއް ފެންމަތިވެ ކުންފުނީގެ ވެރިން ޖަލަށްލާ ކުންފުނި 3 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ. ފްރާންސަށް ނިސްބަތްވާ މި ކުންފުނިން ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެކަމަށް ބުނެ މި ބޭސް ވިއްކާތާ މިހާރު 33 އަހަރު ވެއްޖެއެވެ. ކުންފުނީގެ މި ބޮޑު އޮޅުވާލުން ފެންމަތިވެ ކޯޓުގައި ހިނގި ދިގު ޝަރިއަތްތައް ނިމި ހުކުމް އިއްވަމުން ފަނޑިޔާރު ވަނީ، "ކުންފުނިން ޚިދުމަތް ލިބިގަންނަ މީހުނަށް އޮޅުވާލާ، ސިއްޙީ ނިޒާމާއި މެދު މީހުންގެ މެދުގައި އޮތް އިތުބާރު ގެއްލުވާލައިފި" ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ބޭހުގައި ހިމެނޭ ގެއްލުން އެނގުނުތާ އެތައް އަހަރެއް ވީއިރުވެސް އެކަމަށް ހައްލެއް ގެނެސްފައިނުވާ ކަމަށްވެސް ފަނޑިޔާރު ފާހަގަ ކުރިއެވެ.
ކުންފުނި ޖޫރިމަނާ ކުރުމުގެ އިތުރުން ކުންފުނީގެ އިސްވެރިއަކު ވަނީ 4 އަހަރަށް ޖަލަށް ލާފައެވެ. ފްރާންސްގެ ހެލްތު މިނިސްޓްރީ އިން ހާމަކުރި ގޮތުގައި މީޑިއޭޓާރ ގައި ހިމެނޭ މާއްދާއެއްގެ ސަބަބުން 500 މީހުނަށް ހިތުގެ މައްސަލަތައް ޖެހިގެން މަރުވެފައިވެއެވެ. ތަޖުރިބާކާރުން ހާމަކުރާގޮތުގައި މި އަދަދު 2100 އަށް އަރާނެއެވެ. މި ބޭހަކީ ގެއްލުންދޭ ބޭހެއްކަން އެންމެ ފުރަތަމަ ފާހަގަ ވެފައިވަނީ 2009 ވަނަ އަހަރު ތެރޭގައެވެ. އެއިރު 5 މިލިއަނަށްވުރެ ގިނަމީހުން މި ބޭސް ބޭނުންކޮށްފައިވެއެވެ. 2019 ވަނަ އަހަރު ކޯޓުގައި ފެށުނު މި ޝަރިއަތުގައި 400 ވަކީލުން މަސައްކަތްކޮށްފައިވެއެވެ.
މި މައްސަލަބަލާ، ކުންފުންޏާއި މެދު ފިޔަވަޅު އެޅުން ލަސްކުރުމުގެ ސަބަބުން ފްރާންސްގެ މެޑިސިން އޭޖެންސީވެސް ވަނީ 350،000 އަށް ވުރެ ގިނަ ޑޮލަރުން ޖުރިމަނާ ކޮށްފައެވެ. މި ކުންފުންޏާއި ދެކޮޅަށް ދަޢުވާކުރާ 6500 މީހަކު ވަނީ، ބޭހުގެ ސަބަބުން ލިބުނު ބަދަލުގެ ގޮތުގައި 1.17 ބިލިއަން ޑޮލަރު ހޯދުމަށް އެދިފައެވެ.
މި ބޭހުގައި ހިމެނޭ ސައިޑް އިފެކްޓްސް އާއި ބެހޭގޮތުން ސުވާލު ގިނަވެ، 1997 އިން ފެށިގެން 2004 އާއި ހަމައަށް ސްވިޒަރލެންޑް، ސްޕެއިން އަދި އިޓަލީގައި މި ބޭސް ވިއްކުން މަނާ ކުރިއެވެ.
