ބ.ކެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކެންދޫ ފުޓްބޯލް ޗެލެންޖު 2024 މި ހަފްތާގެ ހުކުރު ދުވަހު ފަށައިފިއެވެ.
ކެންދޫ ފުޓްބޯލް ޗެލެންޖުގެ ނަމުގައި ކެންދޫ ކައުންސިލުން އިންތިޒާމު ކުރާ މި މުބާރާތަކީ ވާދަައިގެ ތައްޓަކަށް ކުޅެވޭ މުބާރާތެކެވެ. މީގެ ކުރިންވެސް އެކި ނަންނަމުގައި ކެންދޫ ކައުންސިލުން އައީ މި މުބާރާތް ބާއްވަމުންނެވެ. ނަމަވެސް މިދިޔަ އަހަރު މި މުބާރާތް ވަނީ މުޅިން ރީބްރޭންޑު ކުރެވި އައު ފެށުމަކުން ފަށާފައެވެ.
ކެންދޫ ފުޓްބޯލް ޗެލެންޖު 2023 ގެ ޗެމްޕިއަމް ޓީމަކީ ގްލޯރިއަސް ވިކްޓްރީ އެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މި މުބާރާތުގައިވެސް ޖުމުލަ 7 ޓީމު ވަނީ ބައިވެރި ވެފައެވެ. އެއީ، ގްލޯރިއަސް ވިކްޓްރީ، ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ވިނާސް ބޯއީސް، އެފް.ސީ ރައިވަލްސް، އެފް.ސީ ވެންގާޑް، ހޭޅި އަދި ބީ.އެލް.ޓީ އެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ގުރޫޕް އޭގެ ދެ ޓީމު ކަމަށްވާ އެފް.ސީ ވެންގާޑް އަދި ބީ.އެލް.ޓީ އެވެ. މި މެޗު ފަސޭހަކަމާއެކު ކާމިޔާބު ކުރީ އެފް.ސީ ވެންގާޑުންނެވެ. 8-1 ގެ ނަތީޖާއަކުން އެފް.ސީ ވެންގާޑް މި މެޗު ކާމިޔާބު ކުރީ ފަހަތުން އަރާ މޮޅުވެގެންނެވެ. މެޗުގެ ވަރަށް ކުރީކޮޅު، ބީ.އެލް.ޓީ އިން ލަނޑެެއް ޖަހާ ކުރި ހޯދި ނަމަވެސް، އެކަށީގެންވާ ކުޅުމެއް ބީ.އެލް.ޓީގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ.
މި މެޗުގައި އެފް.ސީ ވެންގާޑުގެ ޖާޒީ ނަންބަރު 17، އަބްދު ﷲ ޔާމިން ގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަބްދު ﷲ ޔާމިން ވަނީ މި މެޗުގައި ހެޓްރިކްވެސް ހަދާފައެވެ. އޭނާ ވަނީ ޖުމުލަ 5 ލަނޑު މި މެޗުގައި ޖަހައިދީފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އަބްދު ﷲ ޔާމިން ވަނީ ހޯދާފައެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ގުރޫޕު ބީ ގެ ފުރަތަމަ މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައިވެސް ބައްދަލުކުރި ދެ ޓީމެވެ. އެއީ ގްލޯރިއަސް ވިކްޓްރީ އަދި ވިނާސް ބޯއީސް އެވެ. ހޮނިހިރު ދުވަހުގެ މެޗު ފަށާނީ 16:00ގައެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެނީ ކެންދޫ ރަސްމީ ފުޓުބޯޅަ ދަނޑުގަ އެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރުމީޑިއާއެވެ. ކޯ ސްޕޮންސަރަކީ ފްލާވަރ ބޯއްޓެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ތަނބިވަށް، ނަޔަމް ޓްރޭޑާސް، ސީކް ޖަމުއިއްޔާ، ކެންދޫ ޒުވާނުންގެ ގުޅުން، ދޯނި މޯލްޑިވްސް، މުރާދު ކާޕެންޓްރީ، އަނަންތާރާ ކިހަވަށް އަދި ދިރާގު ހިމެނެއެވެ.
