ބ.ކެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކެންދޫ ފުޓްބޯލް ޗެލެންޖު 2024ގެ ދެވަނަ މެޗުގައި ގުރޫޕް ބީގެ ދެ ޓީމު ކަމަށްވާ ވިނާސްބޯއީސްއާ ގްލޯރިއަސް ވިކްޓްރީ 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
މިއީ މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލްގައި ވާދަކުރި ދެޓީމެވެ. ގްލޯރިއަސް ވިކްޓްރީ އަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ގްލޯރިއަސް ވިކްޓްރީ އިން ކާމިޔާބު ކުރި ގޯލާއި އެކުގައެވެ. މި މެޗު ފޯރިގަދަކޮށް ފެނިގެންދިޔައިރު ގްލޯރިއަސް ވިކްޓްރީގެ ކުޅުންތެރިއަކަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެ ރަތްކާޑު ދައްކާފައެވެ. އެ ޓީމުގެ ޖާޒީ ނަންބަރު 13 ރަޝްނާނަށް ފުރަތަމަ ރީނދޫ ކާޑު ދައްކާފައިވަނީ އިދިކޮޅު ކުޅުންތެރިއެއްގެ ފަޔަށް އަރާ ފައުލް ކުރުމުންނެވެ.
މި މެޗުގައި ގްލޯރިއަސް ވިކްޓްރީގެ ގޯލް ކީޕަރ، އަބްދުލް ބާސިތުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި ތަފާތު މޮޅު ކުޅުމެއް ދައްކާ އެ ޓީމުގެ ޖާޒީ ނަންބަރ 27، މަލްސޫން ޔާމީން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
މިއަދުވެސް މި މުބާރާތުގެ ކުޅުން އޮންނާނެއެވެ. މިއަދު އޮންނަަނީ ގުރޫޕު އޭ ގެ ދެވަނަ މެޗެވެ. މި މެޗުގައި ބައްދަލު ކުރާނީ ހޭޅި އަދި އެފް.ސީ ރައިވަލްސް އެވެ. މިއަދު ހަވީރު 16:00ގައި މި މެޗުގެ ކުޅުން ކެންދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި އޮންނާނެއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރުމީޑިއާއެވެ. ކޯ ސްޕޮންސަރަކީ ފްލާވަރ ބޯއްޓެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ތަނބިވަށް، ނަޔަމް ޓްރޭޑާސް، ސީކް ޖަމުއިއްޔާ، ކެންދޫ ޒުވާނުންގެ ގުޅުން، ދޯނި މޯލްޑިވްސް، މުރާދު ކާޕެންޓްރީ، އަނަންތާރާ ކިހަވަށް އަދި ދިރާގު ހިމެނެއެވެ.
