ސްޓެލްކޯގެ ޓްރާންސްފޯމަރ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމުގެ ސިލްސިލާ އަނެއްކާވެސް ފެށިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ އެކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށެވެ.

އެގޮތުން ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ކަމަށް ބުނެއެވެ. އަދި އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ 'އެކްސް' ގައި ވިދާޅުވީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.