ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 86 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓުވެސް ވަނީ ސައިޓަށް ގެންދެވިފައި ކަަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 10,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3825 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 9,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން ހިމެނެއެވެ. އަދި 3500 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ވެސް ހިމެނެއެވެ.

މީގެ އިތުރުން 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1549 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުން ވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ބުންޏެވެ.

މި މަޝްރޫއަކީ 40.73 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.