ބ.ކެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކެންދޫ ފުޓްބޯލް ޗެލެންޖު 2024ގެ ޗެމްޕިއަން ޓީމަކީ ވިނާސް ބޯއީސް އެވެ. މި މުބާރާތުގެ ފައިނަލްގައި ގްލޯރިއަސް ވިކްޓްރީ އާއި ބައްދަލުކޮށް ވިނާސް ބޯއީސް މެޗު ކާމިޔާބު ކުރީ 1-3 ގެ ނަތީޖާ އަކުންނެވެ.
މި ދެޓީމަކީ މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކުރި ދެ ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ގްލޯރިއަސް ވިކްޓްރީއެވެ.
އިއްޔެ ކުޅެވުނު މި މުބާރާތުގެ ފައިނަލުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގްލޯރިއަސް ވިކްޓްރީގެ ހަމަ އެކަނި ގޯލު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ވިނާސް ބޯއީސްގެ ތިން ގޯލްގެ ތެރެއިން ދެ ލަނޑުޖަހައިދީފައިވަނީ ދެ ހިލޭޖެހުމުންނެވެ. މި މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޭން އޮފް ދަ މެޗުކަން ހޯދާފައިވަނީ ވިނާސް ބޯއީސްގެ ޖާޒީ ނަންބަރ 90، ޖެރީ އޮމްބެބެ އެވެ.
މި މުބާރާތުގެ އެއްމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ގްލޯރިއަސް ވިކްޓްރީގެ ގޯލް ކީޕަރ އަބްދުލް ބާސިތެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށްވެސް ހޮވިފައިވަނީ ގްލޯރިއަސް ވިކްޓްރީގެ ފޯވާޑް، ހުސައިން ހަނާން އެވެ. އަދި މުބާރާތުގެ އެއްމެ ކުޅުންތެރިޔާއަށްވެސް ހޮވިފައި ވަނީ ހަމަ އެ ޓީމުގެ ފޯވާޑް، ރަޝާދު އަބްދުލް މަތީނެވެ.
މުބާރާތުގެ ފެއާރ ޕްލޭ ޓީމަކީ ބީ.އެލް.ޓީއެވެ. މި މުބާރާތުގައި ވަނީ ޑްރީމް ޓީމެއްވެސް ހޮވާފައެވެ. ޑްރީމް ޓީމުގައި ހިމެނެނީ:
. ގްލޯރިއަސް ވިކްޓްރީގެ ޖާޒީ ނަންބަރ 1، އަބްދުލް ބާސިތު.
. ގްލޯރިއަސް ވިކްޓްރީގެ ޖާޒީ ނަންބަރ 2، މުހައްމަދު ޝިމާން.
. ގްލޯރިއަސް ވިކްޓްރީގެ ޖާޒީ ނަންބަރ 27، މަލްސޫން ޔާމީން.
. ގްލޯރިއަސް ވިކްޓްރީގެ ޖާޒީ ނަންބަރ 8، ރައްޝާފް މުހައްމަދު.
. ގްލޯރިއަސް ވިކްޓްރީގެ ޖާޒީ ނަންބަރ 97، އަބްދު ﷲ ރަޝީދު.
. ވިނާސް ބޯއީސް ގެ ޖާޒީ ނަންބަރ 21، މަފްރޫހް ޒާކިރު.
. އެފް.ސީ ވެންގާޑުގެ ޖާޒީ ނަންބަރ 5، މުހައްމަދު އަރުޝަދު.
. އެފް.ސީ ވެންގާޑުގެ ޖާޒީ ނަންބަރ 26، އަލީ ޖައިލަމް.
. ޑީ.އެސް.އާރު.ސީ ގެ ޖާޒީ ނަންބަރ 17، އަސްފަރު އަލީ.
. ހޭޅީގެ ޖާޒީ ނަންބަރ 9، ޝަމާން މޫސާ.
. ހޭޅީގެ ޖާޒީ ނަންބަރ 5، ޒަފިޔާން ހުސައިން ނަޖީބް އެވެ.
އަންނަ އަހަރުވެސް މި މުބާރާތުގެ ކުޅުން އޮންނާނެއެވެ. މިއީ ކެންދޫގައި މިފަދަ ގޮތަކަށް އިންތިޒާމު ކުރެވޭ އެއްމެ ބޮޑު ކުޅިވަރު މުބާރާތެވެ. މި މުބާރާތަށް މުޅި ބާ އަތޮޅު ގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ. އަދި އިއްޔެ ކުޅެވުނު ފައިނަލް މެޗު ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އަތޮޅުގެ އެކި ރަށްރަށުން ކެންދުއަށް ޒިޔާރަތްކޮށްފައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރުމީޑިއާއެވެ. ކޯ ސްޕޮންސަރަކީ ފްލާވަރ ބޯއްޓެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ތަނބިވަށް، ނަޔަމް ޓްރޭޑާސް، ސީކް ޖަމުއިއްޔާ، ކެންދޫ ޒުވާނުންގެ ގުޅުން، ދޯނި މޯލްޑިވްސް، މުރާދު ކާޕެންޓްރީ، އަނަންތާރާ ކިހަވަށް އަދި ދިރާގު ހިމެނެއެވެ.
