ފޭސްބުކް ބޭނުންކުރާ 533 މިލިއަން މީހުންގެ ޒާތީ މައުލޫމާތު އާންމުކުރި އިރު އޭގެ ތެރޭގައި ފޭސްކްބުކްގެ ދެ ބާނީއެއްގެ ޒާތީ މައުލޫމާތުވެސް ހިމެނޭކަން ހާމަވެއްޖެއެވެ. މީގެ ތެރޭގައި މާރކް ޒަކަބާރގްގެ ފޯނު ނަންބަރުވެސް ހިމެނެއެވެ. ފޭސްބުކުން ހާމަކުރި ގޮތުގައި މިއީ 2019 ވަނަ އަހަރު އެ ޕްލެޓްފޯމް ގެ މައްސަލައެއް ހައްލު ކުރުމުގެ ތެރޭގައި އާންމުވެފައިވާ މައުލޫމާތުތަކެއްކަމަށެވެ. އަދި މި މައްސަލަވަނީ އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހައްލު ކުރެވިފައިކަމަށް ވެސް ފޭސްބުކުން މައުލޫމާތުދެއެވެ. ޒަކަބާރގްއާއި ބެހޭގޮތުން އާންމުކުރެވުނު މައުލޫމާތުތަކުގެ ތެރޭގައި އޭނާގެ ނަމާއި ދިރިއުޅޭތަނުގެ މައުލޫމާތުގެ އިތުރުން އުފަން ތާރީޚާއި ކައިވެނީގެ މައުލޫމާތު ހިމެނެއެވެ.

މިފަހަރު އާންމު ކުރެވުނު މައުލޫމާތުވަނީ ހެކަރުންގެ މެދުގައި އެއްފަހަރަށް ވުރެ ގިނަ ފަހަރު ވިއްކާ އެއިން މާލީ މަންފާ ހޯދާފައެވެ. މިގޮތަށް އާންމުކުރެވުނު މައުލޫމާތުގެ ޚަބަރު އެންމެ ފުރަތަމަ މީޑިޔާއަށް ތިލަ ކުރީ ބިސްނަޒް އިންސައިޑަރ އިންނެވެ. އެނޫހުން ހާމަކުރި ގޮތުގައި މި މައުލޫމާތުގެ ތެރޭގައި 106 ގައުމެއްގެ މީހުންގެ ނަމާއި، ދިރިއުޅޭތަނާއި އުފަންތާރީޚުގެ އިތުރުން އީމޭލް އެޑްރެސް ހިމެނެއެވެ.

މިއީ ފޭސްބުކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު ލީކުކުރި ފުރަތަމަ ފަހަރެއް ނޫނެވެ.