އުރުދުންގެ ކުރީގެ ކްރައުން ޕްރިންސް ހަމްޒާ މިހާރު ހުރި ޙާލަތާއި މެދު ވާހަކަ ދެކެވެނީ އެކި ގޮތަށެވެ. ގޭގައި ބަންދުކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނާއިރު އުރުދުންގެ އަސްކަރިއްޔާގެ އޮފިޝަލުން ހާމަކުރި ގޮތުގައި ޕްރިންސް ހަމްޒާއަށް އަމުރު ކުރެވިފައިވަނީ، އެގައުމުގެ ސަލާމަތާއި ހަމަޖެހުމަށް އަސަރުކޮށްފާނެ އަމަލުތައް ހުއްޓާލުމަށް ކަމަށެވެ. ޕްރިންސް ހަމްޒާއަކީ އުރުދުންގެ މީހުންގެ މެދުގައި މަޤްބޫލު ފަރާތެކެވެ. ނަމަވެސް އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވަނީ، ޕްރިންސް ހަމްޒާ ބޭރުގެ ބާރުތަކާއި ގުޅިގެން ގައުމުގެ ސަލާމަތަށް ނުރައްކާވާނެ ފަދަ ޖަރީމާތައް ރޭވުމުގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކޮށްފައެވެ.
އުރުދުންގެ ޝާހީ އާއިލާ ގޮސް ގުޅެނީ އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާގެ އާއިލާ އާއެވެ. ޕްރިންސް ހަމްޒާއަކީ އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2 ގެ އެއްބަފާ ކޮއްކޮއެކެވެ. އުފަންވެފައިވަނީ 1980 ވަނަ އަހަރުގެ މަރޗް 29 ވަނަ ދުވަހުގެ އުރުދުންގެ ވެރިރަށް އަންމާނުގައެވެ. 1999 ގައި ބައްޕަ، ރަސްގެފާނު އަލްހުސެއިން ބިން ޠަލާލު ނިޔާވުމާއި ގުޅިގެން، 59 އަހަރުގެ ޢަބްދުﷲ އަށް ރަސްކަން ހަވާލުކުރެވި، ހަމްޒާއަށް ވަނީ ކްރައުން ޕްރިންސްގެ ލަގަބު ލިބިފައެވެ. ނަމަވެސް މިކަން ވެގެން ދިޔައީ، 50 އަހަރު ރަސްކަންކުރެއްވި ހުސެން ރަސްގެފާނުގެ 4 ކައިވެންޏަކަށް ލިބިފައިވާ 11 ދަރިންގެ މެދުގައި ތަފާތު ކުރުން ގެންގުޅުންކަމަށެވެ.

އޭގެ 5 އަހަރު ފަހުން ރަސްގެފާނު ޢަބްދުﷲ ވަނީ ހަމްޒާއަށް އެރުވުނު ކްރައުން ޕްރިންސްގެ ލަގަބު އަތުލާ، އޭނާގެ 26 އަހަރުގެ ދޮށީ ދަރިފުޅު އަލް ހުސެން ބިން އަބްދުﷲ 2 އަށް ދީފައެވެ. މި ލަގަބް ޕްރިންސް ހަމްޒާގެ އަތުން ނެގުނީ، އޭނާ ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން ދިނުމުގެ ނަމުގައެވެ. ނަމަވެސް މިކަން ވެގެން ދިޔައީ ރަސްގެފާނުގެ ބާރުތައް އެއްކުރުމަށް ކުރި ކަމެއްގެ ގޮތުގައެވެ. ރަސްގެފާނާއި ހަމްޒާއާއި ދެމެދު އޮތީ ވާދަވެރިކަމެއް ނެތް ރަގަޅު ގުޅުމެކެވެ.
ހަމްޒާ ފާހަގަ ވެގެން ގޮސްފައިވަނީ އޭނަގެ ބައްޕަ ފަދައިން އިސްލާމް ދީނަށް ލޯބިކުރާ އަދި އާންމު ރައްޔިތުންގެ މެދުގައި މަގުބޫލު ފަރާތަކަށެވެ. އޭގެފަހުން އުރުދުންގެ ރަސްކަމަށް ފާޅުގައި ފާޑުކިޔާ މީހެއްކަމުގައި ޕްރިންސް ހަމްޒާ ވެގެން ދިޔައެވެ. 2018 ވަނަ އަހަރު ފާސްކުރެވުނު ޓެކްސް ގާނޫނާއި ގުޅިގެން، އެގައުމު ހިންގަން އިސް ސަފުގައި ތިބި މީހުން ފެއިލް ވެއްޖެކަމަށް ބުނެ ހަމްޒާ ވަނީ ފާޑުކިޔާފައެވެ. އަދި އުރުދުންގެ ގަބީލާތަކުގެ އިސްވެރިންނާއި ހަމްޒާއާއި ގުޅުން ބަދަހި ވެގެން ދިއުން ވީ، ރަސްކަމުގެ އިސްފަރާތްތަކުގެ ހާސްކަން އިތުރުކުރުވި ކަމަކަށެވެ. މި ގަބީލާތަކުގެ މީހުންވަނީ، ކޮވިޑް-19 އާއި ގުޅިގެން ގައުމުގެ އިޤްތިޞާދު ދަށަށް ދިޔަ ވަގުތު ގައުމުގައި ހިނގި ފަސާދަ އާއި ގުޅިގެން މުޒާހަރާއަށް ނިކުންނަން ގޮވާލާފައެވެ. މިކަމުގެ އަޑީގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު، ސަރުކާރުން ވަނީ ހައްޔަރު ކޮށްފައެވެ.

ފަހުގެ ތާރީޚްތަކުގައި ޕްރިންސް ހަމްޒާ ފެނިފައިވަނީ ގަބީލާތަކުގެ އިސްވެރިންނާއި އެކު އެކިއެކި ބައްދަލުވުން ތަކުންނެވެ. މީޑިޔާގައި މި ފަދަ ބައްދަލުވުންތަކުގެ ފޮޓޯތައް ގިނަވެފައިވަ ވަނިކޮށް ކުއްލިއަކަށް ޕްރިންސް ހަމްޒާ އާންމުންނަށް ގެއްލުމުން އޭނާ ގޭގައި ބަންދުކޮށްފައިވާކަމަށް އަޑު ފެތުރެން ފެށިއެވެ. ޕްރިންސް ހަމްޒާގެ ހަރަކާތްތަކަށް ފާރަވެރި ވެގެން އިންޓެލިޖެންސުން ހިންގި ތަހުގީގުގައި އޭނާއާއި އަނބިމީހާ އުރުދުން އިން ފުރައިގެން ދިއުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސަން އުޅުނު ކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.
