ހދ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީ އިން ބުނީ، އެއްގަމުތޮށި ލުމުގެ މަސައްކަތް 13 ޖުލައި 2024 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 22،323 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 6،806 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 1،985 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމަށް ނިންމާފައި ވެއެވެ. އަދި 366 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ނިންމާފައި ވެއެވެ.

މީގެ އިތުރުން 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 1،859 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއެ ހަރުކުރުން ހިމެނެއެވެ.

މިއީ 45.11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.