ސްޓެލްކޯ އާއި އެމްއެންޔޫ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މައިގަނޑު ދާއިރާއަކީ، ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓަރންސް) އާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަތުމެވެ. އަދި ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ޞައްޙަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖުތައް އެކުލަވާލުމެވެ.

ސްޓެލްކޯ އިން ބުނީ މި ދިރާސާގައި ވޭތުވެދިޔަ 10 އަހަރު (2014 އިން 2024 އަށް) ގެ ޑޭޓާ އިވެލުއޭޓް ކުރާނެ ކަމަށެވެ.

މި ދިރާސާގެ އަސާސީ މަޤްޞަދަކީ އަންނަނިވި ކަންކަން ޙާޞިލްކުރުމަށް ސްޓެލްކޯގެ ކަރަންޓް ބިލްތަކުގެ ފުރިހަމަ ދިރާސާއެއް ކުރުމެވެ.
•    ކަރަންޓު ބޭނުންކުރާ ވައްޓަފާޅި
•    ބިލްކުރުމުގެ ޞައްޙަކަން ވަޒަންކުރުން
•    ހަކަތައިގެ ކުރުންތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުން
•    ކަސްޓަމަރުންގެ ހިތްހަމަޖެހުން
•    މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު

މީގެ އިތުރުން މި ދިރާސާއިން ޙާޞިލްކުރަން ބޭނުންވާ ކަންކަމަކީ ކަސްޓަމަރުންގެ އެކި ކެޓަގަރީތަކުގެ (ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް) ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަތުމާއި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރު ދެނެގަތުން ކަމުގައި ސްޓެލްކޯ އިން ބުނެއެވެ. އަދި މީޓަރ ކުރެވިފައިވާ ޔޫސޭޖް ޑޭޓާ އާއި ބިލްކުރެވޭ އަދަދުތަކާ އަޅާކިޔައިގެން ކަރަންޓް ބިލްތަކުގެ ޞައްޙަކަން ކަށަވަރުކުރުން ވެސް ހިމެނޭކަމަށް ބުންޏެވެ.

މީގެ އިތުރުން ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަނެ އަދަދުކުރުމާއި ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުމާއި ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތަކާއި ޚިޔާލު ދެނެގަތުމާއި ކުންފުނީގެ އިސްތިރާޖު ކަނޑައެޅުމާއި ގޮތް ނިންމުމުގެ މަރުޙަލާތަކަށް އެހީތެރިވުމަށްޓަކައި ޚިޔާލުދީ، ތަފާސް ހިސާބާއި ދިރާސާގެ މައްޗަށް ބިނާކުރާ މަޝްވަރާ ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.