ގުގުރިދެމުން ކަމަށްބުނެވެނީ ނިދާފައި އޮންނަ ގަޑީގައި ނޭވާލާއިރު ބާރުއަޑެއް ހުރުމުންނެވެ. މިއީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. ނަމަވެސް މިކަން އެންމެ އާންމުކޮށް ފެންނަނީ ބަރުދަން އިތުރު ފިރިހެނުންގެ ފަރާތުންނެވެ. އަދި މިއީ އުމުރުން ދުވަސްވާވަރަކަށް އިތުރަށް ގޯސްވެދާނެކަމެކެވެ. ދޭތެރެއަކުން ނޫނީ މަދުމަދުން ގުގުރި ދެމުން މިއީ މައްސަލައެއް ނޫނެވެ. މިކަމުން އުނދޫވާނީ އެކުގައި ނިދާ މީހަކަށެވެ. ދިގު މުއްދަތަކަށް މިކަން ދެމިގެންގޮސް، އެކުގައި ނިދާ މީހާގެ ނިދި ހަލާކުވާ ހިސާބަށް ދާނަމަ ތިމާއަށް ވެސް ހަމަނިދި ލިބުމުގެ ފުރުސަތު ކުޑައެވެ. ގުގުރި ދެމުމަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިޔާގެ އަލާމާތަކަށް ވެސް ވެދާނެއެވެ. ގުގުރިދަމާ މީހާއަށް ނޭނގޭވަރަށް ކައިރީގައި ނިދާމީހުނަން މިކަން އެނގޭނެއެވެ. އެހެންކަމުން ތިމާގެ ބައިވެރިޔާ ދިގުކޮށް އަދި ބާރަށް ގުގުރިދަމާ ނަމަ މިއީ ސިއްޙީފަރުވާ ހޯދަން ޖެހޭ ކަމެކެވެ.
ސަބަބު
ގުގުރިދެމެނީ، ނޭވާލުމުގެ ތެރޭގައި އަނގައާއި ނޭފަތްބެދުމުގެ ސަބަބުންނެވެ. މިކަން މިހެން ދިމާވާން މެދުވެރިވާ އެކިއެކި ކަންކަން ހުރެއެވެ.
- ނޭފަތްބެދުން: ބައެއް މީހުނަށް ސައިނަސްގެ އުނދަގޫވާ ދުވަސްވަރު ގުގުރިދެމެއެވެ. އަދި ނޭފަތުގެ ކަށިގަނޑު ލެނބިފައި ހުންނަ ނަމަވެސް ގުގުރި ދެމޭނެއެވެ.
- ދުލާއި ކަރުގެ މަސްތަކުގެ ބާރުދަށްވުން: ނިދާފައި އޮންނަ ގަޑީގައި ދުލާއި ކަރުތެރޭގެ މަސްތަކުގެ ބާރުދަށްވެ ނޭވާލުމަށް ވައިދައުރުވާ މަގަށް ފެތުރޭނަމަވެސް ގުގުރިދެމޭނެއެވެ.
- ކަރުގައި މަސްޖެހުން: ބަރުދަން އިތުރުވުމުގެ ސަބަބުން ކަރުގައި މަސްޖަހާފައި ހުންނަ ނަމަ ގުގުރި ދެމޭނެއެވެ. އަދި ބައެއް ކުޑަކުދިންގެ ޓޮންސިލް އަދި އެޑެނޮއިޑް ބޮޑުވުމުގެ ސަބަބުންވެސް ގުގުރި ދެމޭނެއެވެ.
- ކުޑަދޫ ދިގުވުން: ކުޑަދޫ ދިގުނަމަވެސް ނޭވާލުމަށް ކަރުގައި އޮންނަ ޖާގަ ހަނިކުރާނެއެވެ. އަދި ކުޑަދޫ ދެކަފިވެފައި ހުންނަ ނަމަ ނޭވާލުމުގައި ދެބައި ވައިބްރޭޓްވުމުގެ ސަބަބުން ވެސް ކަރުތެރެ ބެދެން ދިމާވެއެވެ.
- ބަނގުރަލާއި މަސްތުވާތެކތި ބޭނުން ކުރުން: ބަނގުރާ ބޭނުން ކުރުމާއި، މަސްތައް ހަމަ ޖައްސާލުމަށް ބޭނުން ކުރެވޭ ތަކެތީގެ ސަބަބުން ކަރާއި ދުލުގެ މަސްތައް މާބޮޑަށް މަޑުވެ އޭގެ ބާރު ކެނޑުމުން ވެސް ގުގުރި ދެމޭނެއެވެ.
- ނިދަން އޮންނަ ގޮތުން: އުއްޑުން ނިދަން އޮންނަ ނަމަ ގުގުރި ދެމުން އިތުރުވާނެއެވެ. ނަމަވެސް މާހަރު ނޫން ބާލީހެއް ބޭނުންކޮށްގެން ބޯ ކުޑަކޮށް އުފުލިފައި އެއް ފަރާތަށް އޮންނަ ނަމަ މިކަމަށް ލުއި ލިބޭނެއެވެ.
- ހަމަ ނިދިނުލިބުން: ރޭގަނޑުގެ ނިދި ރަގަޅަށް ނުލިބޭ ނަމަވެސް ކަރާއި އަނގައާއި ގުޅިފައި ހުންނަ މަސްތައް މާބޮޑަށް ރިލެކްސް ވުމުގެ ސަބަބުން މި މައްސަލަ މެދުވެރިވެދާނެއެވެ.
ޙާލަތު ދެނެގަތުން
ގުގުރި ދެމުމާއި ބެހޭގޮތުން ޑޮކްޓަރުގެ ގިނަ ސުވާލު އަމާޒުވާނީ އެކުގައި ނިދާ ބައިވެރިޔާއަށެވެ. ދެންބަލާނީ ސިއްޙީ މައްސަލައެއް ހުރިތޯއެވެ. ގުގުރި ދެމުމުގެ ޙާލަތު ހުރިގޮތް އަދި އޭގެ ނުރައްކާ ދެނެގަތުމަށް އެކްސް ރޭ، ސީ ޓީ ސްކޭން ނުވަތަ އެމް އާރު އައި ހަދައިގެން ނޭވާލާ މަގު ބަންދުވާން ދިމާވާ ސަބަބު ހޯދާނެއެވެ. އަދި ނިދި ތަހުލީލު ކުރުމަށް މެޝިނެއްގެ އެހީގައި ޕޮލިސޮމްނޮގްރަފީއެއް ހަދާފާނެއެވެ. އޭރުން ނިދީފައި ސިކުނޑީގެ މަސައްކަތްތަކާއި، ނޭވާލުމާއި ހިތުގެ ވިންދު ހުންނަ ގޮތް ބަލާ މޮނިޓަރ ކުރެވޭނެއެވެ.
ފަރުވާ
ވައްޓަފާޅިއަށް ގެނެވޭ ބަދަލުތައް: ބަރުދަން ލުއިކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުން އަދި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމަށް ޑޮކްޓަރު މަޝްވަރާދޭނެއެވެ.
މިކަމަށް ޚާއްސަ އާލާތެއް ބޭނުންކުރުން: އަނގައިން އަދި ނޭފަތުން ވައި ދައުރުކުރުމަށް އޮންނަ ޖާގަ ބެދުނަ ނުދިނުމަށް، ޕްލާސްޓިކުން ހެދިފައިވާ ޚާއްސަ އާލާތެއް ބޭނުން ކުރުމުންވެސް މިކަމަށް ހައްލު ލިބެއެވެ.
އޮޕަރޭޝަން: ކަރުތެރޭގައި ކުރުގެޅިފައިވާ ބައެއް ޓީޝޫތައް ނެގުމަށް ޚާއްސަ އޮޕަރޭޝަނެއް ކޮށްގެންވެސް މިކަމަށް ހައްލު ހޯދެއެވެ.
ޚާއްސަ މެޝިން: ގުގުރި ދެމުމުގެ އުނދަގޫ ވަރަށް ބޮޑުވާ މީހުން ނިދާއިރު ބޭނުންކުރުމަށް ޚާއްސަ މެޝިންވެސް ހުރެއެވެ.
މީގެ އިތުރުން ވެސް ގަވާއިދުން އެއްގަޑިއެއްގައި ނިދާފައި ނިދާ ހޭލަން މަސައްކަތްކުރާށެވެ. ކޮންމެ ދުވަހެއްގެ ނިދި އެއް ގަޑިއެއްގައި ބަރާބަރަށް ލިބޭ ނަމަވެސް ގުގުރި ދެމުމުގެ މައްސަލަ އަށް ވަރަށް ބޮޑުލުޔެއް ލިބޭނެއެވެ. ހަމައަށް ނިދި ނުލިބޭނަމަ ދުވާލުގެ ވަގުތު ވަރުބަލިވެފައި ހުންނަން ޖެހެއެވެ. އަދި މިފަދަ މީހުނަށް މަސައްކަތުގެ މާހައުލުގައި ޒަޚަމްތައް ލިބުން އަދި އުޅަނދު ދުއްވުމުގައި އެކްސިޑެންޓްވުން ގިނަވާނެއެވެ.
ސިއްޙީ ނުރައްކާ
ދިގުކޮށް އަދި އަޑުބާރުކޮށް ގުގުރި ދެމޭނަމަ ސިކުނޑިއަށް ލޭފޮނުވާ ނާރުތައް ހަނިވުމުގެ މައްސަލަ ދިމާވެއެވެ. އަދި މިކަމުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮވެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ނިދީގައި ސްޓްރޯކެއް ޖެހި، ކައިރީގައި އެހެން މީހަކު ނެތްނަމަ ހިތާމަވެރި ހާދިސާއެއް ހިނގުން ގާތެވެ.
ގުގުރި ދެމުމާއި ސްލީޕް އެޕްނިޔާއަކީ ހިތުގެ މައްސަލަތަކާއި ގުޅުން ހުރި ކަންކަމެވެ. މީގެތެރޭގައި ލޭގެ ޕްރެޝަރު މަތިވުމާއި، ހިތުގައި ހުންނަ ލޭފޮނުވާދޭ ނާރުތައް ބެދުން ހިމެނެއެވެ. މިއީ ހިތް ހުއްޓުމަށް ދިމާވާ އެންމެ އާންމު ސަބަބުތަކެވެ.
ގުގުރި ދެމުމުގެ ސަބަބުން ހިތުގެ ވިންދުގެ ތަރުތީބު ގެއްލެން ދިމާވާނެއެވެ. ދިގު މުއްދަތަށް ގުގުރި ދެމުމުގެ މައްސަލަ ހުންނަ މީހުންގެ ހިތުގެ މަތީބަޔާއި ތިރީގައި އެއްވަރަކަށް ވިންދު ނުޖަހާނެއެވެ.
