މިއަދު ފެށިގެން ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ހިނގަމުންދާއިރު، އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮޅުންބުން މި އިންތިޚާބަށް ލިބިފައިވަނީ ވަރަށް ފިނި ތަރުޚީބެކެވެ. ހެނދުނު ކޮޅުނބު ގަޑިން 07:30 ގައި ފެށުމަށް ހަމަޖެހިފައިވާ ވޯޓުލުން ފެށުނީ 08:20 ވީ އިރުއެވެ. ސަބަބެއް ކަމަށް އޮފިޝަލުން ހާމަކުރީ ވޯޓުލާން އައި މީހުން މަދުކަމާއި ހާޟިރުވި ގަޑި ލަސްވުމެވެ. ވޯޓު ފޮށީގެ ސިޓީއުރަތައް ކެނޑުމަށް ހަމަޖެހިފައިވަނީ ވޯޓުލާން އެންމެ ކުރިން ހާޟިރުވާ ދެ މީހުންގެ ކުރިމަތީގައެވެ.

އެމްބަސީގެ 3 ވަނަ ފަންގިފިލާގެ އެއް ހޯލުގައި 4 ބަޔަށް ބަހައިގެން 4 ފޮއްޓަކަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖެހިފައިވާ އިރު، ވޯޓުލުމަށް ހާޟިރުވި މީހުން ވަރަށް ބޮޑަށް މަދުކަން ފާހަގަ ކުރެވެއެވެ. ހެނދުނު 9 ޖެހުމާއި ހަމައަށް އެތަނުގައި ބެހެއްޓިފައިހުރި 1 ނަންބަރު ވޯޓު ފޮއްޓަން ވޯޓުލުމަށް ދޫކުރެވުނީ 27 ނަންބަރެވެ. 2 ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލާން 20 ނަންބަރު ދޫކުރެވުނު އިރު، 3 ވަނަ ނަންބަރު ވޯޓު ފޮއްޓަށް ދޫކުރެވިފައިވަނީ 18 ނަންބަރެވެ. އަދި 4 ފޮއްޓަށް ވޯޓުލާން ދޫކުރެވުނު ކިއު ނަންބަރުގެ އަދަދަކީ 10 އެވެ.
ސިޓީކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ވޯޓުކުރިއަށް ދާއިރު ހެނދުނު 10:30 ވި އިރު ވޯޓުލުމަށް ކިއުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް މިއަދު ވޯޓުލުން ހަވީރު 05:30 އާއި ހަމައަށް ކުރިއަށް ދާނެއެވެ.

ހެނދުނު 11:30 ވި އިރު ކޮޅުނބުގައި ބެހެއްޓިފައި ހުރި 1 ނަންބަރު ވޯޓުފޮއްޓަށް ވޯޓުލީމީހުންގެ އަދަދު 61 އަށް އެރިއިރު 2 ނަންބަރު ވޯޓު ފޮއްޓަށް 52 މީހުން ވޯޓުލިއެވެ. އަދި 3 ނަންބަރު ވޯޓު ފޮއްޓަށް 62 މީހަކު ވޯޓުލީ އިރު 38 މީހަކު 4 ވަނަ ފޮއްޓަށް ވޯޓުލީކަމަށް އޮފިޝަލުން ހާމަކުރެއެވެ.
