މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ އަންހެން އަދި ފިރިހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން، މޯލްޑިވްސް ކެރަމް އެކަޑެމީ (އެމްސީއޭ) އިން ހޯދައިފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ފެށި ޤައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި، އަންހެނުންގެ ޓީމު އިވެންޓުގައި ތިން ޓީމަކުން ވާދަކުރިއިރު، ފިރިހެނުންގެ ޓީމު އިވެންޓުގައި ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގައި ބައިވެރިވީ ޓީމުތަކަކީ؛ ހުޅުމާލޭ ޔޫތު ކްލަބު (އެޗްވައިސީ)، މޯލްޑިވްސް ކެރަމް އެކަޑެމީ (އެމްސީއޭ) އަދި އައިލެންޑާސް ހޯޕް އެވެ. އަދި، ފިރިހެނުންގެ ޓީމް އިވެންޓްގައި ބައިވެރިވީ، އެޗްވައިސީ، އެމްސީއޭ، އައިލެންޑާސް ހޯޕްގެ އިތުރުން ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މިފަހަރުގެ މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން، އެމްސީއޭ އިން ހޯދީ ފައިނަލްގައި 2-1 ސެޓުން ހުޅުމާލޭ ޔޫތު ކްލަބު (އެޗްވައިސީ) ބަލިކޮށްގެންނެވެ.

ގައުމީ މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އެމްސީއޭގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ސީއޭއެމް

 

ފިރިހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އެމްސީއޭ އަށް ކުޅުނު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހާސިލްކޮށްފައިވާ އިންޑިއާގެ ޕްރަޝާންތު މޯރޭ އާއި ރާއްޖޭގެ ކުރީގެ ގައުމީ ޗެމްޕިއަން، ހުސެއިން އަލީ އަދި ރާއްޖޭގެ ގައުމީ ކެރަމް ޓީމުގެ އިބްރާހިމް ހުޖާން އަލީ ހިމެނެއެވެ. ފައިނަލްގައި ބަލިވި، އެޗްވައިސީ ޓީމުގައި ހިމެނޭ ފަހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ރާއްޖޭގެ އެއްވަނަ ކެރަމް ކުޅުންތެރިޔާ، އިސްމާއިލް އަޒްމީން އާއި ސްރީ ލަންކާގެ އަނަސް އަހުމަދު ހިމެނެއެވެ.

މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ފައިނަލްގައި އެމްސީއޭ އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން، އައިލެންޑާސް ހޯޕް ބަލިކޮށްފައެވެ. މި މެޗުން އެމްސީއޭ މޮޅުވީ 2-1 ސެޓުންނެވެ. ޗެމްޕިއަންކަން ހޯދީ އެމްސީއޭގެ އަންހެން ޓީމުގައި ހިމެނެނީ؛ އަންހެން ގައުމީ ކެރަމް ޓީމުގެ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ އިތުރުން، ގައުމީ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އާމިނަތު ނިފާޝާ އާއި އައިޝަތު ޒުލްފިޝާން އަދި ފާތިމަތު ސައުޝަން އެވެ.

މި މުބާރާތުގައި މިހާރު ކުރިއަށްދަނީ ފުރަތަމަ ޑިވިޝަނުގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.