އިއްޔެއިން ފެށިގެން އިނގިރޭސި ވިލާތާއި މުޅި ދުނިޔެވަނީ މޮޅީގެ ސާލެއް ލާފައެވެ. އިނގިރޭސި ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް، އުމުރުން 100 އަހަރު ފުޅުގައި ވަނީ އަވަހާރަވެފައެވެ. އުމުރުގެ އެންމެ ފަހުގެ ދުވަސްތައް ހޮސްޕިޓަލުގައި ހޭދަކުރުމަށްފަހު ޕްރިންސް ފިލިޕް އަވަހާރަވި އިރު އަރިހުގައި އަނބިކަނބަލުން ރާނީ އިންނެވި ކަމަށް މައުލޫމާތުލިބެއެވެ. އެކުގައި 73 އަހަރުގެ ޒަވާޖީ ހަޔާތެއް ވެއަތު ކުރުމަށްފަހު ވަކިވެގެން ދިޔަ ފިރިކަލުންގެ ހަނދާނުގައި 8 ދުވަސް ވަންދެން ރާނީވެސް ހިތާމަފާޅުކުރައްވާނެއެވެ. ޖަނާޒާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ އޭގެ ފަހުންނެވެ.
މި ދަނޑިވަޅުގައި އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ އެއް ބަޔަކީ، އާއިލާ އާއި ވަކި ވެގެން ގައުމު ދޫކޮށް ގޮސްފައިވާ، ފިލިޕްގެ ކާފަ ދަރިކަލުން ހެރީ އަދި އަނބިކަނބަލުން މޭގަންއަށެވެ. ފިލިޕް އަހަވާރަވި ޚަބަރު ލިބުމާއި އެކު ހެރީގެ ދެމަފިރިން ވަނީ ޝާހީ ވެބްސައިޓް މެދުވެރިކޮށް ތައުޒިޔާ ދަންނަވާފައެވެ. ނަމަވެސް ޖަނާޒާގައި ބައިވެރިވުމަށް މާބަނޑު މޭގަން ނުދާނެކަމަށް ހެރީ ވަނީ ހާމަކޮށްފައެވެ. މޭގަން އިނީ ދެވަނަ ދަރިފުޅަށް ބަލިވެއެވެ.
ދާދިފަހުން ހެރީގެ ދެމަފިރިން، އެމެރިކާގެ މަޝްހޫރު ޓީވީ ޝޯއަކަށް ދިން އިންޓަރވިއުއަކަށް ފަހު ޝާހީ އާއިލާއާއި ހެރީގެ ދެމަފިރިންގެ މެދުގައިވާ ނުތަނަސްކަން ވަނީ އިތުރުވެފައެވެ. ޕްރިންސް ފިލިޕް ބަލި އެނދުގައި އޮއްވާ އެފަދަ އިންޓަރވިއު އެއް ދިނުމުން ގިނަ ބަޔަކު ވަނީ ހެރީގެ ދެމަފރިންނަށް ނުރުހުމުގެ ބަސްތައް ރައްދުކޮށްފައެވެ.
