ބޮލީވުޑްގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބެއް ހޯދި ކުޅަދާނަ އެކްޓަރު ސުޝާންތު ސިންގުގެ މަރުގައި އާދަޔާ ޚިލާފް ގިނަ ކަންތަކެއް ވާކަމަށް ޝައްކުކުރެވިގެން އަދި މުމްބާއި ފުލުހުން މި މަރާއި ގުޅޭ ކަންތަކެއް ފޮރުވާކަމަށް ތުހުމަތުކޮށް މީޑިޔާއިން ހިންގާ "ތަހުގީގު"ގައި، އެދުވަހު ދެ ހަށިގަނޑެއް އެމްބިއުލެންސްއަށް އެރުވިކަމުގެ ތުހުމަތު ކުރެވިއްޖެއެވެ.
މި މަރުގައި ފޮރުވިފައިވާ ވަރަށް ގިނަ ކަންކަން ހުރިކަމަށް ބުނެ މީޑީޔާގައި އެންމެ ބޮޑު ކެމްޕޭން ހިންގަމުންދާ ރިޕަބްލިކް ނެޓްވޯކްގެ ފަރާތުން ކޮންމެ ރެއަކު ބާއްވާ ބަހުސްގައި، އެ ނެޓްވޯކްގެ އެޑިޓަރ-އިން-ޗީފް އަރްނަވް ގޯސްވާމީ ވަނީ، އެދުވަހު ސުޝާންތުގެ ގެއިން ދެ ހަށިގަނޑު ނެރެގެން އެމްބިއުލެންސްއަށް އެރުވިތޯ ސުވާލުކޮށްފައެވެ. އަރްވަން މިހެން ސުވާލުކޮށްފައިވަނީ، މިބަހުސްގައި މުމްބައި ފުލުހުން ދިފާޢުކޮށް ވާހަކަދައްކާ ފަރާތްތަކަށް އަމާޒުކޮށެވެ. އާދައިގެ މަތިން ސުޝާންތުގެ ހަށިގަނޑުވެސް ވަނީ މަރުވެގެން ގިނައިރުވުމުން ހަރުވެފައެވެ. އެނދުގައި ސުޝާންތު އޮތް އިރުވެސް އެކަން ވަރަށް ސާފުކޮށްފެންނަން އޮތެވެ. ނަމަވެސް އެ އިމާރާތުން ނެރެގެން އެމްބިއުލެންސްއަށް އަރުވައިގެން ގެންދާއިރު، ހަށިގަނޑު އޮންނަނީ ކުރުގެޅިގެން އޮންނަ ގޮތަށެވެ. އެވަރުންވެސް ސްޓެރެޗަރގެ ދެކޮޅަށް އެ ހަށިގަނޑު ފޯރައެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑު ހަރުވުމަށްފަހު އެހާފަސޭހައިން، އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލަންބާ ހެދުމަކީ ނާދިރުކަމެއް ކަމަށް އެ ބަހުސްގައި ބައިވެރިވި، ޕޯސްޓްމޯޓަމްގެ ތަޖުރިބާ ހުރި ޕްރޮފެސަރުންވެސް ވަނީ ބުނެފައެވެ.
އިންޑިޔާގައި މިހާތަނަށް މީޑިޔާއިން ހިންގާ އެންމެ ބޮޑު މީޑިޔާ ކެމްޕޭންގައި ވަނީ، ފުލުހުން ނުހޯދާ އެތައް ހެއްކަކާއި، އެ ހާދިސާއާ ގުޅުން ހުރި ގިނަ ފަރާތްތަކެއްގެ ބަޔާންވެސް ހޯދާފައެވެ. ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވީ އަމިއްލައަށް ކަމަށް މުމްބައި ފުލުހުންގެ އިސްފަރާތްތަކުން ހާމަކޮށް އަދި ޕޯސްޓްމޯޓަމް ރިޕޯޓުންވެސް އެގޮތަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އާއިލާގެ ފަރާތުން ވަނީ މި މައްސަލަ އަލުން ސުޝާންތުގެ އުފަން ސްޓޭޓްކަމަށްވާ ބިހާރު ޕޮލިހަށް ހުށައަޅާފައެވެ. އާއިލާގެ ފަރާތުން މައްސަލަހުށައެޅީ ސުޝާންތުގެ ލޯބިވެރިޔާ ރިޔާ ޗަކްރަވަރްތީ، ސުޝާންތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމާ، ސުޝާންތުގެ މަރުގެ ފަހަތުގައި ރިޔާގެ އަތެއްވާ ކަމަށް ތުހުމަތުކޮށެވެ. ބިހާރު ފުލުހުންގެ ފަރާތުން އެ މައްސަލަ، އިންޑިޔާގެ ތަހުގީގީ މައި އިދާރާ އާ ހަވާލުކުރުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ވަނީ ހުށައަޅާފައެވެ. މާދަމާ މިކަމުގައި ސުޕްރީމްކޯޓުގެ ނިންމުން އިއްވާނެއެވެ.
ކޮންމެ ދުވަހަކު އެތައް ސުވާލުތަކެއް ކުރިމަތިކުރުވަމުން އަންނަ ރިޕަބްލިކް ނެޓްވޯކް ބަހުސްގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި މުމްބައި ފުލުހުންނަށް އަންނަނީ ފާޑުކިޔަމުންނެވެ. މިހާރުގެ މައިގަނޑު ސުވާލަކީ، އެދުވަހު ކާކުކަން ނޭގޭ އަންހެނަކު އެގެއަށް ވަނުމުގެ ހުއްދަ ދިން ކަމާ، ސުޝާންތުގެ ހަށިގަނޑު އޮތް ކޮޓަރިން ނެރުނު ދަބަހެއް، ފުލުހުނގެ ހާޟިރުގައި އެ އަންހެންމީހާއަށް ދިންކަމަށް ހެއްކާއި އެކު ދައްކާފައެވެ. އެދަބަސް ހިފައިގެން ސުޝާންތުގެ ކޮޓަރިން ނިކުތްމީހަކީ، ސުޝާންތުގެ މުވައްޒަފެއް ކަމަށްވާ ދިބޭޝް ސާވަންތު ކަމަށް ޝައްކު ކުރެވޭ އިރު، ދިބޭޝް މިހާރުވަނީ މުމްބައި އިން ބޭރަށް ގޮސްފައިކަމަށްވެސް ރިޕަބްލިކް އިން ބުނެއެވެ. ސުޝާންތު މަރުވިއިރު އެ ފްލެޓްގައި ތިބި ހަތަރު މީހުންގެ ތެރެއިން އެއްވެސް މީހަކާ މިހާތަނަށް ފުލުހުން ސުވާލުކޮށްފައެއް ނުވެއެވެ.
