ޒުވާނުންނަށް ޚާއްސަކޮށްގެން އެމްޓީވީ އިންޑިއާއިން ގެނެސްދޭ ފްރެންޗައިޒް ރިއަލިޓީ ގޭމް ޝޯވ، "ރޯޑީސް" އަކީ ފެށުނީއްސުރެވެސް ޒުވާނުންގެ ތެރޭގައި މަޤުބޫލުކަން ބޮޑު ޝޯވއެކެވެ. ދާދި ފަހުން ޝޯވގެ 17 ވަނަ ސީޒަން ދައްކައި ނިންމާލިއިރު، މި ޝޯވގެ ފުރަތަމަ ސީޒަން ދައްކާފައިވަނީ 2003 ވަނަ އަހަރުއެވެ.

2015 ވަނަ އަހަރުން ފެށިގެން "ރޯޑީސް"ގެ ފޯމެޓަށް ބަދަލުތަކެއް ގެނެސް އޭގެ ފަހުން ޝޯވ ކުރިއަށްދަނީ 4 ޓީމުގެ މެދުގައި ބައިވެރިން ވާދަކުރާ ގޮތަށެވެ. އެންމެ ފަހުން ގެނެސްދިން ސީޒަން "ރޯޑީސް ރެވޮލިއުޝަން"ގެ ގޭންގް ލީޑަރުންނަކީ ޕްރިންސް ނަރޫލާ، ނޭހާ ދޫޕިއާ، ނިކިލް ޗިނައްޕާ އަދި ރަފްތާރެވެ. ޝޯވ ހޯސްޓްކުރީ ފުރަތަމަ ސީޒަން ކާމިޔާބުކުރި ރަންވިޖޭ ސިންގއެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި ޝޯވގެ ހޯސްޓާއި ގޭންގް ލީޑަރުންނަށް ކޮންމެ އެޕިސޯޑަކުން ލިބޭ އާމްދަނީ އެނގޭ ހެއްޔެވެ؟ މިފަހަރު މި ހިމަނާލަނީ އެފަރާތްތަކަށް ކޮންމެ އެޕިސޯޑަކުން ލިބޭ އާމްދަނީއެވެ.

1. ރަންވިޖޭ ސިންގ

Rannvijay Singh

ރޯޑީސްގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރުމަށްފަހު ގޭންގް ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު މިހާރު ޝޯވ ހޯސްޓްކުރާ ރަންވިޖޭ ސިންގއަކީ މިޝޯވއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތެވެ. އެގޮތުން އޭނާއަށް ކޮންމެ އެޕިސޯޑަކުން 12 ލައްކަ ރުޕީސް ލިބެއެވެ.

2. ނިކިލް ޗިނައްޕާ

Nikhil Chinapa

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެންމެ ފަހުން ގެނެސްދިން ސީޒަން ކާމިޔާބުކުރި ގޭންގް ލީޑަރު ނިކިލް ޗިނައްޕާއަށެވެ. އޭނާއަކީ ކުރިން ޝޯވގެ ލީޑަރުކަން ކުރި ކަރަން ކުންދުރާ, އެހެން މަސައްކަތްތަކަށް ވަގުތު ދިނުމުގެ ގޮތުން ޝޯވއިން ވަކިވުމުން ޝޯވއާއި ގުޅުނު ލީޑަރެވެ. އޭނާއަށް ކޮންމެ އެޕިސޯޑަކުން 9 ލައްކަ ރުޕީސް ލިބެއެވެ.

3. ނޭހާ ދޫޕިއާ

Neha Dhupia

ރޯޑީސްގެ 2 ސީޒަން ކާމިޔާބުކޮށްފައިވާ ލީޑަރު ނޭހާ ދޫޕިއާއަށް ކޮންމެ އެޕިސޯޑަކުން 8 ލައްކަ ރުޕީސް ލިބެއެވެ. އެންމެ ފަހުން ގެނެސްދިން ސީޒަންގައި ނޭހާ ވަނީ ސެމީ ފައިނަލާއި ހިސާބުން ކަޓާފައެވެ. އޭނާ ކާމިޔާބުކޮށްފައިވަނީ "ރޯޑީސް ރައިސިންގ" އަދި "ރޯޑީސް އެކްސްޓްރީމް" އެވެ.

4. ޕްރިންސް ނަރޫލާ

Prince Narula

 ރޯޑީސް 12 ކާމިޔާބުކުރި ޕްރިންސް ނަރޫލާ ގޭންގް ލީޑަރުކަމާއި ގުޅުނު ފަހުން އޭނާއަށް ފައިނަލާއި ހަމައަށް ވާސިލް ނުވެވުނީ ނިމިދިޔަ ސީޒަންގައި އެކަންޏެވެ. އޭގެ ކުރިން އޭނާ ވަނީ އޭނާގެ ޓީމުން 2 ބައިވެރިން ފައިނަލަށް ގެންގޮސްދީފައެވެ. ޕްރިންސްއަށްވެސް ކޮންމެ އެޕިސޯޑަކުން 8 ލައްކަ ރުޕީސް ލިބެއެވެ.

5. ރަފްތާރް

Raftaar

ރެޕް ލަވަކިޔުންތެރިޔާ ރަފްތާރްއަކީ ރޯޑީޝް ޝޯވއާއި އެންމެ ފަހުން ގުޅުނު ގޭންގް ލީޑަރެވެ. އޭނާގެ ލަވަ އަލްބަމްގެ މަސައްކަތް ކުރުމަށް ޝޯވއާއި ވަކިވުމުން ޝޯވގެ ބާކީ ބައިގައި އޭނާގެ ބައި ފުރީ ރޯޑީސް 12 ގައި ވާދަކުރި ވަރޫން ސޫދެވެ. ރަފްތާރް ޝޯވއާއި ވަކިވުމާއި ހަމައަށް އޭނާއަށް ކޮންމެ އެޕިސޯޑަކުން 5.5 ލައްކަ ރުޕީސް ލިބެއެވެ.