ދޮގާއި މަކަރު ހެދުމަކީ އިރެއްގައި ބޮޑެތި އަދަބުތަކެއް ލިބި، އެކަންކަމާ ހަމަ އެންމެންހެން ދުރުވާން އެދޭ ބޮޑެތި ޖަރީމާތަކެކެވެ. އާނއެކެވެ! މިއަދުވެސް އެކަން އޮތީ ހަމަ އެހެނެވެ. ނަމަވެސް މިއަދު ދޮގު ހެދުމާއި އޮޅުވާލުމާއި މަކަރު ހެދުން މި އޮތީ ބިމުހުރި ވެއްޔާ އެއްވަރަށް ގިނަވެ އާއްމު ވެފައެވެ. ކަނޑު ހުރި ލޮނާއި އެއްވަރަށް ފެތުރި އޭގެ ރަހަ މީރުކޮށް، ބޮއެ އުޅޭ ހިސާބަށް ގޮސްފައެވެ.
މިހުންނަނީ އިސްލާމް ދީނުގައިވެސް ބޮޑެތި އަދަބުތައް ކަނޑައެޅިފައި ހުންނަ ބޮޑެތި ފާފަ ތަކެވެ. އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައިވެސް ދޮގު ހެކި ދިނުން ހިމެނެއެވެ. އެކަމަކު މިއަދުގެ ހާލަތު ނިކަން ދެކެބަލާށެވެ. އެންމެ އާދައިގެ އާއްމު ރައްޔިތު މީހާއިން ފެށިގެން އެކި ދަރަޖަ ދަރަޖައިގެ މީހުންނާއި ސިޔާސީ ބޭބޭފުޅުންނާއި ވުޒާރާތަކާއި އިދާރާތަކުގެ ވެރިންނާއި ގައުމުތަކުގެ ވެރިންނަށްވެސް ދޮގުހެދުމުގެ ތުހުމަތު އެބަ ކުރެވެއެވެ. އޮޅުވާލުމާއި މަކަރު ހެދުމުގެ ތުހުމަތުތައް ކުރެވެއެވެ. ޝަރުއީ ކޯޓުތަކުން، ދައުލަތްތަކުގެ މުއައްސަސާތައް، ކޯޓުތަކުގައިވެސް ދޮގުހަދައިގެން ވާހަކަ ދައްކާކަމަށް އެބަ ބުނެއެވެ. ހެޔޮވާނީ ކޮންފަދަ އަކުން ހެއްޔެވެ؟
ދޮގު ހެދުމަކީ މިއަދު ހައްޓަށް ބުރަ ކަމެއް ނޫނެވެ. އޮޅުވާލުމަކީވެސް ހަމަ އެފަދައިން މާ ބޮޑު ތަކުލީފެއް އުފުލާން ޖެހޭނެ ކަމެއް ނޫނެވެ. ދޮގުހެދުމާއި އޮޅުވާލުމާއި މަކަރު ހެދުން މިހާ އާއްމު ވެގެން މި ދަނީ މި ސަބަބާއި ހުރެގެން ކަމަށް ވެދާނެއެވެ. ދުނިޔެމަތީގައި ދޮގެއް ހަދާލައިގެން ނިކަން ފަސޭހައިން ސަލާމަތްވެވިދާނެއެވެ. ދުނިޔެއަކީ ކެހިވެރި ތަނެކޭ ބުނެވެނީ މިފަދަ އެތައް ކަމެއް މިދުނިޔޭގައި ހިނގާތީއެވެ.
ދުނިޔެ އަކީ ވަގުތީ ހަޔާތެއްކަން ހަނދާން ހުރީ ކާކުބާއެވެ؟ ތިމާގެ ފަގީރު ކަމާއި މުއްސަނދި ކަމާއި، ތިމާގެ މަގާމަކީ މި ވަގުތީ ދުނިޔޭގެ ވަގުތީ ހަޔާތުގެ ހަނދާން ނެތެންޖެހޭނެ ސަބަބެއް ނޫނެވެ. ނަމަވެސް ކަން ވަނީ އެހެންނެވެ. އެކަމުގެ ހެއްކަކީ ދޮގާއި މަކަރުހެދުމާއި އޮޅުވާލުން އިންތިހާއަށް ގިނަވެގެން ދާ ކަމެވެ. ދޮގުހެދުން ފަދަ ފާފަ ތަކަކީ ޤިޔާމަތްދުވަހު އޭގެ އަޒާބާއި ވޭން ހުންނާނޭ ކަމެއްކަން ހަނދާނުގައި ނުހުންނާނެ މުސްލިމަކު، މުއުމިނަކު އަދި އިސްލާމަކު މި އުޑު ދަށުގައި ނުހުންނާނެއެވެ. ނަމަވެސް މިތިބަހާ މުސްލިމުންނާއި މުއުމިނުންނާއި އިސްލާމުން މިތިބަ ތިބެގެން ހަދާހާ ދޮގުތަކާއި އޮޅުވާލާ އޮޅުވާލުންތަކުން، އެއްކަލަ ނުބައި އިބިލީސް ކަލޭގެ ވެސް ހައިރާން ކުރުވަފާނެއެވެ.
ދޮގުހެދުމާ އޮޅުވާލުން ކިތައްމެ އާއްމު ވީނަމަވެސް، އަދި މިއީ ކުރަން ކިތައްމެ ފަސޭހަ ކަމެއް ކަމުގައި ވީނަމަވެސް. މިއީ ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ. ފުރިހަމަ މުއުމިނަކު އެނގި ހުރެ ގަސްތުގައި ދޮގެއް ނުހަދާނެއެވެ. އޮޅުވައެއް ނުލާނެއެވެ. މަކަރެއް ނަހަދާނެއެވެ. މިއީ އަހަރެމެން މުސްލިމުން ދުރުވާން ޖެހޭ، ދިރިއުޅުމުގެ ނުބައި އާދައެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން