އަލްބަޓް އައިންސްޓައިންގެ ނަން ހިމެނެނީ ވިހިވަނަ ޤަރުނުގައި ދުނިޔެ ދުށް އެންމެ ނުފޫޒު ގަދަ ސައިންސްވެރިންގެ ތެރޭގައެވެ. މީލާދީން 1879 ވަނަ އަހަރު ޖަރުމަނުވިލާތަށް އުފަންވި އައިންސްޓައިން މަޝްހޫރުވެފައި ވަނީ ރިލޭޓިވިޓީ ތިއަރީ އުފެއްދި ފިޒިސްޓްގެ ގޮތުގައެވެ. "ލޯ އޮފް ފޮޓޯ އިލެކްޓްރިކް އިފެކްޓްސް"އާ ބެހޭ ގޮތުން އޭނާ ހޯދިހޯދުންތަކާއި، ފިޒިކްސްގެ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކާ ގުޅިގެން 1921 ވަނަ އަހަރު އޭނާ އަށް ވަނީ ނޮބެލް ޕްރައިޒް ވެސް ލިބިފައެވެ. މި ލިޔުމުގައި ހިމަނާލާނީ އައިންސްޓައިންއާ ބެހޭ ގޮތުން އާންމުކޮށް ނުދައްކާ ހުރި ޝައުޤުވެރި ބައެއް ވާހަކަތަކެވެ.
އައިންސްޓައިން އުފަންވި އިރު ބޮލުގެ ފުއްކިބައިގެ ބައްޓަން ހުރީ އާދައިގެ އެހެން ކުދިންނާ ތަފާތު ގޮތަކަށެވެ. އެހެންކަމުން އޭނާގެ މަންމަ އާއި އާއިލާގެ މީހުން ޤަބޫލުކުރީ އެއީ އުފަންވުމުގައި ހުރި ނުކުޅެދުންތެރިކަމެއް ކަމަށެވެ.
ކުޑައިރު އައިންސްޓައިން އަށް ވާހަކަދެއްކުމުގައި އުނދަގޫކަން ކުރިމަތިވިއެވެ. އޭނާ އަށް ވާހަކަދެއްކެނީ ވަރަށް ލަސްލަހުންނެވެ. އަދި ހަމައެހާމެ މަޑުމަޑުންނެވެ. ޖުމުލައެއް އެއްކޮށް ފުރިހަމަކުރުމަކީ އޭނާ އަށް ވަރަށް ދަތިކަމަކަށް ވިއެވެ. އާދައިގެ އެހެން ކުދިންނެކޭ އެއްގޮތަށް އޭނާ އަށް ވާހަކަދައްކަން ފެށުނީ އުމުރުން 9 އަހަރުގައެވެ.
އައިންސްޓައިންގެ ހިތުގައި ސައިންސަށް ޝައުޤުވެރިކަން އުފެދުނީ އޭނާގެ އުމުރުން އެންމެ 5 އަހަރުގައެވެ. އެއީ އޭނާ ބަލިވެ އޮތް ދުވަހަކު ބައްޕަ އޭނާ އަށް ހަދިޔާއަކަށް ދިން ކޮމްޕަސް (ސަމުގާ) އެއްގެ ސަބަބުންނެވެ. އެ ކޮމްޕަސްގެ ކަށި އަބަދުވެސް އެއްދިމާއެއް ފާހަގަކޮށް ދައްކައިދޭތީ އޭނާ އަށް ވިސްނުނީ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް، އެ ކަށި އެ ދިމާއަށް ގެންދާ ކޮންމެ ވެސް ކަހަލަ ބާރެއް ހުންނަކަމެވެ.
އައިންސްޓައިން އަކީ ވަރަށް ހުނަރުވެރި ވަޔޮލިން ކުޅުންތެރިއެކެވެ. ވަޔޮލިން ކުޅުމަށް ހުންނަ ޝައުޤުވެރިކަމަކީ އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން މީހުންނަށް އެންމެ ނޭނގޭ އެއް ކަންތަކެވެ. އޭނާ ވަޔޮލިން ކުޅެން ދަސްކުރަން ފެށީ އުމުރުން އެންމެ 6 އަހަރުގައެވެ. ސައިންޓިސްޓަކަށް ނުވި ނަމަ އޭނާ ހުސްވެ ހުންނާނީ މިޔުޒިކަށް ކަމުގައި އޭނާ ބުނެފައި ވެއެވެ.
ކޮލެޖަށް ވަނުމަށް ހަދާ އިމްތިހާނުން އައިންސްޓައިން ފާހެއް ނުވިއެވެ. ހިސްޓްރީ އާއި ޖިއޮގްރަފީ އާއި ލޭންގްއޭޖް ފަދަ މާއްދާތަކުން އޭނާ ފެއިލްވި އިރު، ފާސްވީ ސައިންސާއި ހިސާބުން އެކަންޏެވެ. އެހެންކަމުން އޭނާއަށް ޖެހުނީ އަމިއްލަ ގޮތުން ބައިވެރިވެގެން އަލުން އެ އިމްތިހާނު ހަދާށެވެ.
އައިންސްޓައިން އަށް 3 ޤައުމުގެ ރައްޔިތުކަން ލިބިފައި އޮތެވެ. އެއީ ޖަރުމަނުވިލާތާއި، ސްވިޒަލޭންޑް އަދި އެމެރިކާގެ ރައްޔިތެކެވެ. މިކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު އޭނާއާ ސުވާލުކުރިއެވެ. ގިނަ ޤައުމުތަކެއްގެ ރައްޔިތުކަން ލިބިފައި އޮތުމުން އޭނާގެ މަޝްހޫރުކަމަށް ކުރީ ކޮން ކަހަލަ އަސަރުތަކެއް ހެއްޔެވެ؟ ޖަވާބުގައި އައިންސްޓައިން ބުންޏެވެ. "އަހަރެންގެ ނަޒަރިއްޔާތުތައް ދޮގުވެއްޖެ ނަމަ އެމެރިކާ މީހުން ބުނާނީ އަހަންނަކީ ސްވިސް ފިޒިސްޓެއް ކަމުގައެވެ. ސްވިސް މީހުން ބުނާނީ އަހަންނަކީ ޖަރުމަނު ސައިންޓިސްޓެއް ކަމުގައެވެ. ޖަރުމަނު މީހުން ބުނާނީ އަހަންނަކީ ޔަހޫދީ ފަލަކީ ޢިލްމުވެރިއެއް ކަމުގައެވެ."
އައިންސްޓައިން އަށް އިސްރާއީލްގެ ދެވަނަ ރައީސްކަން ލިބުމުގެ ފުރުޞަތު ފަހިވެފައި އޮތެވެ. މީލާދީން 1952 ވަނަ އަހަރު އިސްރާއީލްގެ ފުރަތަމަ ރައީސް ޚައިމް ވައިޒްމަން އަވަހާރަވުމަށްފަހު އެ މަޤާމަށް އެންމެ އެކަށީގެންވާ ކެނޑިޑޭޓަކީ އައިންސްޓައިން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ. ނަމަވެސް އޭނާ ވަގުތުން އެކަމާ ދެކޮޅުހެދިއެވެ. އޭރު އޭނާ އަކީ އުމުރުން ދުވަސްވެފައި ހުރި މީހަކަށް ވާތީ، އުމުރުގެ ސަބަބުން އެފަދަ ޒިންމާއެއް އުފުލުމުގެ ޤާބިލުކަން ނެތް ކަމަށް ބުނެ އެކަމަށް އިންކާރުކުރިއެވެ.
އައިންސްޓައިން ދުނިޔެދޫކުރީ 1955 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހެވެ. އައިންސްޓައިން މަރުވުމުން އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދި ޑޮކްޓަރު ވަނީ އައިންސްޓައިންގެ ސިކުނޑި ނަގާ، ރައްކާކޮށްފައެވެ. އަދި އެ ސިކުނޑީގެ ވަރަށް ގިނަ ތަޙުލީލުތަކެއް ވަނީ ކޮށްފައެވެ. ފަހުން ވަނީ އެ ސިކުނޑީގެ ބައިތައް ކުދިކުދިކޮށް ކޮށާލުމަށްފަހު، ސައިންސްވެރިންނަށް ބަހާލާފައެވެ. މި ކަން ކޮށްފައި ވަނީ އައިންސްޓައިންގެ ފިރިހެން ދަރިފުޅު ހެންސް އަލްބަޓް އައިންސްޓައިންގެ ހުއްދައާ އެކުގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން