އިންޑިއާގައި މިހާރު އެންމެ ގިނައިން ބަލާ ޓީވީ ޝޯވއަކީ "އަނޫޕާމާ" އެވެ. ޓީއާރްޕީ ޗާޓުގެވެސް އެންމެ ކުރީގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އަދި މިހާރުވެސް އެންމެ ކުރީގައި އޮތް އަނޫޕާމާގެ ވާހަކަ އަދިވެސް އިތުރަށް ޝައުޤުވެރިވާނެއެވެ. އަނެއްކާވެސް ޝޯވއަށް އާ ކެރެކްޓަރއެއް އަންނަނީއެވެ. މިފަހަރު އަންނަ ތަރިއަކީ ސޮނީ ޓީވީއިން ދެއްކި "ޖެސީ ޖެސީ ކޮއީ ނެހީ"ގެ އެކްޓަރ އަޕޫރްވާ އަގްނީހޯތުރީއެވެ. މި ޚަބަރާއެކު ޝޯވގެ ފޭނުން ވަނީ އަޕޫރްވާ އަންނާނީ އަނޫޕާމާގެ އާ ލޯބިވެރިޔާގެ ރޯލަށް ކަމަށް ބުނަން ފަށާފައެވެ. ނަމަވެސް އެއީ އަދި ރަނގަޅު ޚަބަރެއް ނޫނެވެ.
މަހާރާޝްތުރާ ލޮކްޑައުން ކުރުމާއި ގުޅިގެން އަނޫޕާމާގެ ޝޫޓިންގ މިހާރު ކުރިއަށް ގެންދާ ވާޕީ (ސިލްވާސާ) ގައި އަޕޫރްވާ ވަނީ ޝޫޓިންގ ފަށާފައިކަމަށް ޝޯވއާއި ގާތް ފަރާތަކުން އީޓައިމްސްއަށް ބުނެފައިވެއެވެ. އަދި އަޕޫރްވާ ކުޅެނީ އަނޫޕާމާގެ ލޯބިވެރިޔާގެ ރޯލު ނޫންކަމަށާއި ޝޯވގެ ވާހަކަ ކުރިއަށް ގެންދިޔުމަށް ވަރަށް މުހިންމު ރޯލެއް އޭނާ ކުޅޭނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ. އަދި އަޕޫރްވާގެ ކެރެކްޓަރއާއިއެކު ޝޯވއަށް ގިނަ ޓުވިސްޓުތަކެއްވެސް އައުމުގެ އިތުރުން އަނޫޕާމާގެ ދިރިއުޅުމާއި ޝާހް އާއިލާއަށް ބޮޑެތި ބަދަލުތަކެއްވެސް އަންނާނެކަމަށް އަޕޫރްވާ ބުނެފައިވެއެވެ. އޭނާ އެ ރޯލު ކުޅެން ނިންމީ އޭނާގެ އެ ބައިގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް އެކި ސިފަސިފައިގައި ހިންގާލެވޭ ކެރެކްޓަރއަކަށް ވާތީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އަނޫޕާމާއަކީ އަޕޫރްވާ 3 އަހަރަށްފަހު ޓީވީ ޝޯވތަކަށް އެނބުރި އަންނަ ޝޯވއެވެ. އަނޫޕާމާގެ ރޯލެއް ހުށަހެޅުމުން އެ ހުށަހެޅުމަށް ނޫނެކޭ ބުނަންޖެހޭ ރަނގަޅު އެއްވެސް ސަބަބެއް ފެންނަން ނެތްކަމަށާއި އެއީ ރާޖަން ޝާހީއަކީ ޓީވީ ޕްރޮޑިއުސަރުންގެ ތެރެއިން އެންމެ ރަނގަޅު އެއް ޕްރޮޑިއުސަރުކަމަށްވާތީ ކަމަށްވެސް އަޕޫރްވާ ބުނެފައިވެއެވެ.
އަނޫޕާމާގެ އެންމެ ފަހުން ފެނުނު ޕްރޮމޯ ވީޑިއޯގައި ފެންނަނީ ވަންރާޖް ގެއްލިގެން އުޅޭ މަންޒަރުތަކެކެވެ. އަނޫޕާމާގެ ރޯލު ކުޅޭ ރުޕާލީ ގާންގޫލީ ކޮވިޑަށް ފައްސިވެ ރަނގަޅުވުމަށްފަހު މިހާރު ވަނީ ޝޫޓިންގތައް ފަށާފައެވެ. އަނޫޕާމާގެ މައިގަނޑު ރޯލުތައް ކުޅެނީ ރުޕާލީ ގާންގޫލީގެ އިތުރުން ސުދާންޝޫ ޕާންޑޭއާއި މަދަލްޝާ ޝަރްމާއާއި ޕާރަސް ކަލްނަވަތެވެ. މިއީ ސްޓާ ޖަލްޝާއިން ދެއްކި ބެންގާލީ ސީރީޒް "ސްރީމޯޔީ"ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒެކެވެ.
