ރާއްޖެއިން 100އަށް ވުރެ ގިނަ މީހުންނަށް މިއަދުވެސް ކޮވިޑް ޖެހިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ އިރުއޮއްސި 6ން މިއަދުގެ އިރުއިއްސި 6އަށް ރާއްޖެއިން ވަނީ 170 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އޭގެތެރޭގައި ހިމެނެނީ 139 ދިވެހިންނާއި ބަންގްލަދޭޝް 23 މީހުންނާއި އިންޑިއާ 7 މީހަކާއި ސައުތް އެފްރިކާ މީހެކެވެ.
ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވް ވި 169 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިވަނީ 6079އަށް އަރާފައެވެ.
ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 18 ރަށަކުން ވަނީ ފެނިފައެވެ. އަދި 13 ރިސޯޓުން 8 ފަތުރުވެރިއަކާއި 13 މުވައްޒަފުންވެސް މި ލިސްޓުގައި ހިމެނެއެވެ.
މި ބަލީގައި ރާއްޖެއިން 160 މިއަދު ރަނގަޅުވި އިރު، އަދާހަމައަށް ޖުމްލަ 3648 މީހުން ވަނީ ރަނގަޅުވެފައެވެ.
މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު 2407 އަށް އަރައެވެ. އަދި 144 މީހުންނަށް ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަ އިރު، 24 މީހުން ވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.
