ކޯވިޑް-19ގެ ކޮންމެ ވެކްސިނެއް ޖަހާފައިވާ މީހެއް ނަމަވެސް ބަލިޖެހިދާނެކަމަށާއި ވެކްސިން ޖެހުމަށްފަހުވެސް މާސްކު އެޅުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެއްކަމަށް ބޭހާއި ވެކްސިން އުފައްދާ އިންޑިޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބަރަތު ބަޔޮޓެކުން ބުނެފިއެވެ.
ބަރަތު ބަޔޮޓެކުގެ ޗެއާމަން އަދި އެމްޑީ، ޑރ ކުރިޝްނާ އެއްލާ ވިދާޅުވަނީ ވެކްސިނުން ރައްކާތެރިކޮށްދެނީ އިންސާނާގެ ފުއްޕާމޭގެ ތިރީބައި އެކަނިކަމަށެވެ. އަދި ފުއްޕާމޭގެ މަތީބަޔަށް ވެކްސިންގެ ސަބަބުން އެއްވެސް ރައްކާތެރިކަމެއް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ އިންސާނާ ބަލިން ސަލާމަތްވާނޭ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވެކްސިން ޖެހުމަށްފަހުވެސް މާސްކު އެޅުމުގައި ދެމިތިބުމަކީ ބޭނުންތެރި ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިޔާގެ ކޮވިޑްގެ ހާލަތު ގޯސްވެފައި ވީނަމަވެސް މެއި މަހުން ފެށިގެން އިންޑިޔާގެ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވެކްސިން ދިނުމަށްވަނީ ކަނޑައަޅާފައެވެ. ފެށޭ މަހުގެ ތެރޭގައި ބަރަތު ބަޔޮޓެކުން ވެކްސިންގެ 30 މިލިއަން ޑޯޒު ތައްޔާރުކުރާނެއެވެ. އަދި އަހަރެއްގެ ތެރޭގައި ވެކްސިންގެ 700 މިލިއަން ޑޯޒް ތައްޔާރުކުރުމުގެ ޤާބިލުކަން އެ ކުންފުންޏަށް ލިބިފައިވެއެވެ.
