ސަލްމާން ޚާންގެ އެކްޝަން ފިލްމު "ރާދޭ" އަކީ 2020 ވަނަ އަހަރު ފިތުރު ޢީދުގައި ރިލީޒްކުރަން ތާވަލުކުރި ފިލްމެކެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ފިލްމު ރިލީޒްކުރުން ފަސްކުރުމަށްފަހު، މިހާރު ވަނީ މި އަހަރު ފިތުރު ޢީދުގައި ފިލްމު ރިލީޒްކުރަން ނިންމާފައެވެ.

"ރާދޭ"ގެ ޓީމުން ނިންމާފައިވަނީ ސިނަމާތަކުގައި ފިލްމު ރިލީޒްކުރުމާއެކު އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް ފިލްމު ރިލީޒްކުރާށެވެ. އެގޮތުން އަންނަ މެއި މަހުގެ 13 ވަނަ ދުވަހު "ޒީ5" އަދި "ޒީ ޕްލެކްސް"ގައި ރާދޭ ރިލީޒްކުރާނެއެވެ.

މީގެ ދެދުވަސް ކުރިން ފިލްމުގެ ރަސްމީ ޓްރެއިލަރ ނެރެފައިވާއިރު ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދެއެވެ. ޓްރެއިލަރ ބަލައިލުމުން 2009 ގައި ނެރުނު ސަލްމާންގެ "ވޯންޓެޑް"ގެ މަތިން ހަނދާން އާވާނެއެވެ.

ސަލްމާން ޚާންއާއި ސުހައިލް ޚާން އަދި އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކޮށް ޕްރަބޫ ދޭވާ ޑައިރެކްޓްކުރި "ރާދޭ"ގެ މައިގަނޑު ރޯލުތައް ކުޅުނީ ސަލްމާންގެ އިތުރުން ޑިޝާ ޕަޓާނީ، ރަންދީޕް ހޫޑާ އަދި ޖެކީ ޝްރޯފްއެވެ. ޖެކްލިން ފެނާންޑޭޒްގެ އައިޓަމް ލަވައެއްވެސް ހިމެނޭ މި އެކްޝަން ފިލްމަކީ 2017 ވަނަ އަހަރު ނެރުނު ކޮރެއަން ފިލްމް "ދި އައުޓްލޯވސް"ގެ ރީމޭކެކެވެ.