އެއްވަނައަށް ހޮވޭ ފަރާތަކަށް 50 ހާސް ރުފިޔާގެ އަގުހުރި އިނާމެއް ލިބޭ ޓިކްޓޮކް މުބާރާތެއް ފަށައިފިއެވެ. "ކައިލާން ޕްރެޒެންޓްސް އިޒަބެލް ޑުޕޮންޓް ޓިކްޓޮކް ޗެލެންޖް" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގައި އެއްވަނައަށް ހޮވޭ ފަރާތަކަށް -/25000 ހާސް ރުފިޔާގެ ކޭޝް ޕްރައިސް އަކާއެކު ކައިލާންގެ އިތުރު -/25000 ރުފިޔާގެ ގިފްޓް ވައުޗައެއް ލިބިގެން ދާނެއެވެ. މީގެ އިތުރުން ދެވަނަ އަދި ތިންވަނައަށްވެސް އަގުހުރި އިނާމު ތަކެއް ލިބިގެންދާ މި މުބާރާތް ކުރިއަށްދާނީ ޓީވީ މޯލްޑިވްސްގެ ފިލްމީ އުދަރެސް ޕްރޮގްރާމްއާއި ކައިލާން ގްރޫޕް ގުޅިގެންނެވެ.

ޖުމްލަ 7 ބުރަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ބައިވެރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ކޮންމެ ބުރެއްގައިވެސް ވަކި ތީމްއަކަށް ޓިކްޓޮކް ހުށަހަޅައިދޭގޮތަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޓީވީއެމް ޓިކްޓޮކް ޗެލެންޖް ހޭޝްޓެގް ޖެހުމަށްފަހު ޓިކްޓޮކް އަޕްލޯޑް ކޮށް ލިންކް ޓީވީއެމް ވައިބަރ ނަންބަރ: 7972200 އަށް މެސެޖް ކޮށްލުމުން މުބާރާތުގައި ބައިވެރިވެވުނީއެވެ. އަދި މުބާރާތަށް ހޮވޭ ޓިކްޓޮކްތައް ޓީވީއެމް ޓިކްޓޮކް ޕޭޖަށް އަޕްލޯޑް ކުރަމުންދާނެއެވެ. ބްރޯޑްކާސްޓް ކުރުމުގެ އުސޫލްތަކާއި ޤަވާއިދުތަކަށް ނުފެތޭ އެއްވެސް ޓިކްޓޮކެއް މި މުބާރާތުގައި ބައިވެރިއެއް ނުކުރެވޭނެއެވެ.

މި މުބާރާތުގައި ޕޮއިންޓް ލިބޭނީ 5 ކެޓެގަރީއެއްގެ ދަށުންނެވެ. ފުރަތަމަ ފަނޑިޔާރުންގެ ހޮވުމަށް %40 ލިބޭނެއެވެ. އެސްއެމްއެސް ވޯޓުން %30 ލިބޭނެއެވެ. އެންމެ ގިނަ ލައިކްސް ލިބޭ ޓިކްޓޮކަކަށް %10 ލިބޭއިރު އެންމެގިނަ ކޮމެންޓަށްވެސް %10 ލިބޭނެއެވެ. މީގެއިތުރުން އެންމެގިނަ ޝެއާއަށްވެސް %10 ލިބޭނެއެވެ. މި މުބާރާތަށް ފަނޑިޔާރުކަން ކޮށްދެއްވާނީ ތޭރަވާ، އައްޒަ، މިޒޫ އަދި ރިޝްއެވެ.

މި މުބާރާތުގެ ފުރަތަމަ ބުރު މިހާރު ހުޅުވާލެވިފައިވާއިރު ފުރަތަމަ ބުރުގެ ތީމްއަކީ "އާންމު ދިވެހި ފިލްމެއް، ލަވައެއް ނުވަތަ އެކްޓަރަކާއި ގުޅުންހުރި ލަވައެއް ނުވަތަ ވީޑިއޯއެއް" އެވެ. ފުރަތަމަ ބުރުގެ ޓިކްޓޮކްތައް އަޕްލޯޑް ކުރުމުގެ ސުން ގަޑިއަކީ މިހިނގާ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ ރޭގަނޑު 12 ޖަހާއިރެވެ.