ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ދުވަސްވަރުގައި އޮންލައިން ޕްލެޓްފޯމްތަކުން ފިލްމާއި ސީރީޒްތައް ބެލުން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އޭގެ ތެރެއިންވެސް ސީރީޒްތައް ބަލާ މީހުން ފިލްމު ބަލާ މީހުންނަށްވުރެ ގިނަކަން ފާހަގަކޮށްލެވެއެވެ. އިންޑިއާގައި ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އޮންލައިން ޕްލެޓްފޯމްތަކަށް އެކި އުފެއްދުންތައް ލުމަށް ދަނީ ތައްޔާރުވަމުންނެވެ.

* އަޖޭގެ އަލަތު ވެބް ސީރީޒް

މިދިޔަ އަންގާރަ ދުވަހު ބޮލީވުޑް ސުޕަސްޓާ އަޖޭ ދޭވްގަން ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރެއް ދީފައެވެ. "ރޫދްރާ - ދި އެޖް އޮފް ޑާކްނެސް" ގެ ނަމުގައި ގެނެސްދޭ ވެބް ސީރީޒްއަކީ އަޖޭ ދޭވްގަންގެ އަލަތު ވެބް ސީރީޒެވެ. ސީރީޒް ދައްކާނީ ޑިސްނީ ޕްލަސް ހޮޓްސްޓާ ވީއައިޕީ އިންނެވެ. މިއީ ބްރިޓީސް ހިޓް ސީރީޒެއް ކަމަށްވާ "ލުދާ"ގެ މައްޗަށް ބިނާކޮށް ހަދާ ސީރީޒެއް ކަމަށްވެއެވެ.

މި ސީރީޒްގައި އަޖޭ ކުޅެނީ އޭނާ އެންމެ ގިނައިން ފެންނަ ސިފައިންގެ މީހެއްގެ ރޯލުން ނަމަވެސް އޭނާ ބުނާގޮތުގައި މި ސީރީޒްގައި ތަފާތެވެ. މިފަހަރު އެ ކެރެކްޓަރ މާ ޝައުޤުވެރިވެފައި، ވަރުގަދަވުމުގެ އިތުރުން އެ ކެރެކްޓަރގެ ވަރަށް އަނދިރި ފަރާތެއް އޮވެއެވެ. ކުރުކޮށް ބުނާނަމަ މިފަހަކުން ފެންނާނެ އެންމެ ވަރުގަދަ ކެރެކްޓަރއަށް ވާނެކަމަށްވެސް އަޖޭ ބުނެފައިވެއެވެ.

* ސިދާތު ޝުކްލާއާއި ސޯނިއާ ރާތީ އެކުގައި

ޓީވީ ސިލްސިލާތަކުން ބެލުންތެރިންގެ މަޤުބޫލުކަން ހޯދި ސިދާތު ޝުކްލާގެ އާ ސީރީޒެއް އަނެއްކާވެސް އަންނަނީއެވެ. ސޯނިއާ ރާތީއާއެކު ސިދާތު ކުޅޭ ސީރީޒްގެ ނަމަކީ "ބްރޯކެން ބަޓް ބިއުޓިފުލް 3" އެވެ. މިއީ 2018 ގައި އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ގެނެސްދިން "ބްރޯކެން ބަޓް ބިއުޓިފުލް"ގެ 3 ވަނަ ސީޒަނެވެ.

ކުރީ ދެ ސީޒަންގެ ލީޑް ރޯލުން ފެނުނީ ވިކްރާންތު މާސޭއާއި ހަރްލީން ސެތީއެވެ. ސަޕޯޓިންގ ރޯލުތަކުން ޝީތަލް ޓާކުރް، ޕޮޕީ ޖައްބަލް، ނިކިލް ސަބްރަވާލް، ޕޫޖާ ބަމްރާ ފަދަ ތަރިން ހަރަކާތްތެރިވީއިރު 3 ވަނަ ސީޒަން ލީޑް ދެ ތަރިން ފިޔަވައި އެއްވެސް ތަރިއެއްގެ މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.

ސީރީޒްގެ ޝޫޓިންގ ނިމި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ކުރިއަށް ދާއިރު ހުރިހާ ކަމެއްވެސް ރަނގަޅަށް ހިނގައްޖެނަމަ އަންނަ މެއި މަހުގެ މެދުތެރޭ ސީރީޒް ދައްކަން ފެށޭނެކަމަށް ޓީމުން މަޢުލޫމާތު ދެއެވެ.

* "މަހާރާނީ" އަށް ސޯހަމް ޝާހް

ބޮލީވުޑް ފިލްމު "ތުމްބަޅް"ގެ އެކްޓަރ އަދި ޕްރޮޑިއުސަރ ސޯހަމް ޝާހް، އިންޑިއާގެ ސިޔާސީ ލީޑަރެއް ކަމަށްވާ ލައްލޫ ޕްރަސާދު ޔަދަވްގެ ރޯލު ކުޅެން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ސޯހަމް މިހާރު އަންނަނީ މި ރޯލަށް ތައްޔާރުވުމަށް ބަރުދަން އިތުރުކޮށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ސޯހަމް ލައްލޫގެ ރޯލު ކުޅޭ ސީރީޒްގެ ނަމަކީ "މަހާރާނީ" އެވެ.

* ލޮލް - ހަސީ ތޯ ފަސީ ޓްރެއިލާ ނެރެފި

މަޝްހޫރު ދެ ކޮމެޑިއަނުން ކަމަށްވާ ބަމަން އިރާނީއާއި އަރްޝަދު ވަރްސީގެ ކޮމެޑީ ވެބް ޝޯވގެ ޓްރެއިލަރ ރިލީޒްކޮށްފިއެވެ. ބަމަންއާއި އަރްޝަދުގެ އިތުރުންވެސް ކޮމެޑިއަނުން މި ޝޯވގައި ބައިވެރިވާނެއެވެ. ބިގް ބޮސް ފޯމެޓަށް ތައްޔާރުކޮށްފައިވާ މި ޝޯވގައި އަރްޝަދާއި ބަމަންއާއި ދެން ތިބި ކޮމެޑިއަނުންނާއި ހަވާލުވެފައި އޮތް ޓާސްކަކީ ހަމައެކަނި އެހެން މީހުން ހެއްވުމެވެ. އަމިއްލަ މީހާއަށް ހެވިއްޖެނަމަ އެމީހަކު ގެއިން ބޭރުކޮށްލައި ފައިސާގެ އިނާމުން ބާކީކުރެވޭނެ ކަމަށްވެއެވެ.