އާއިލީ ޑްރާމާތަކެއް ގެނެސްދެމުން އަންނަ ބޮލީވުޑް ޑައިރެކްޓަރ ސޫރަޖް ބަރްޖަތިޔާގެ އާ ފިލްމުގެ ލީޑުން ފެނިގެންދާނީ އަމީތާބް ބައްޗަންއާއި ބަމަން އިރާނީ އަދި އަނޫޕަމް ކޭރްކަން ހާމަކޮށްފިއެވެ. 3 ރަޙުމަތްތެރިންގެ މެދުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ޝޫޓިންގ މިއަހަރު ސެޕްޓެމްބަރުގައި ފަށާނެކަމަށް ވެއެވެ.

ރަސްމީ އެއްވެސް ފަރާތަކުން ފިލްމުގެ ނަން ހާމަކޮށްފައި ނުވިނަމަވެސް ފިލްމުގެ ނަމަކީ "އޫނޗާއީ" ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމާއި ބެހޭ މާގިނަ މަޢުލޫމާތެއް ހާމަކޮށްފައި ނުވިނަމަވެސް ބަމަން ވަނީ ފިލްމުގައި އޭނާއާއި އަމީތާބް އަދި އަނޫޕަމް ކޭރް ހަރަކާތްތެރިވާކަން ކަށަވަރުކޮށްދީފައެވެ.

ބަމަން ބުނެފައިވާ ގޮތުގައި އޭނާއާއި އެ ފިލްމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވަނީ އަޖޭ ދޭވްގަން ޑައިރެކްޓްކުރާ "މޭޑޭ"ގެ ޝޫޓިންގ ސެޓުގައެވެ. އަމީތާބު އޭނާއާއި އެވާހަކަ ދެއްކިތާ އެއްދުވަސް ފަހުން އަނޫޕަމް ކޭރް ގުޅާފައި އަނެއްކާވެސް އެވާހަކަ ދެއްކުމުން، އެމީހުންނާ އެކީ މަސައްކަތް ކޮށްލާހިތުން އެއްބަސްވީއެވެ. އަނެއްކޮޅުން ސޫރަޖްއަކީ އޭނައާ އެއް ސްކޫލަކުން ކިޔެވި މީހަކަށްވެފައި އޭނާއަކީ އިޙުތިރާމް ލިބިގެންވާ މީހެއްގެ އިތުރުން އޭނާގެ އެކްޓަރުންނަށްވެސް ވަރަށް އިޙުތިރާމުކުރާ މީހަކަށްވުމަކީވެސް އޭނާ އެ ފިލްމަށް އެއްބަސްވި ސަބަބެކެވެ.