ސަރުކާރުން ފަށާފައިވާ “ފަސް އަހަރުން ފަސް މިލިއަން ގަސް” އިންދުމުގެ ޕްރޮގްރާމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިންދި ގަހުގެ އަދަދު 36،825 އަށް އަރައިފިއެވެ.

ސްޓެލްކޯ އިން ބުނީ މިއަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 36،825 ގަސް އިންދާފައިވާ ކަމަށެވެ.

އެންމެ ހަތަރު މަސް ދުވަސް ތެރޭގައި މިއަދަދަށް ސްޓެލްކޯ އިން ގަސް އިންދާފައިވާއިރު، ބާކީ އިންދަންޖެހޭނީ 463،175 ގަހެވެ.

ތިމާވެށި ރައްކާތެރިކޮށް، ރާއްޖޭގެ ފެހިކަން ގަދަ ކުރުމަށްޓަކައި ސަރުކާރުން ފަށާފައިމިވާ ޕްރޮގްރާމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މަޢިއްޒުއަށް ޝުކުރު އަދާ ކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފުރިހަމައަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މީގެއިތުރުން ފަހުމީ ވިދާޅުވީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ޕްރޮގްރާމް ފެށިފަހުން މަހަކު ގާތްގަނޑަކަށް 9200 ގަސް އިންދުމަށް އެކުންފުނިން އަމާޒު ކޮށްފައިވާ ކަމަށެވެ.