ބިސްރަވައަކީ އަންހެނާގެ ދަރިމައިވުމުގެ ނިޒާމުގެ ތެރޭގައި ލައްވާފައިވާ ވަރަށް ފުރިހަމަ ގުނަވަނެކެވެ. އަންހެނާގެ ހަށިގަނޑުގައި ހުންނަ ބިސް، ރައްކާކުރެވިފައިވަނީ މިގުނަވަނުގައެވެ. އަދި އެ ބިސް ބޮޑުވެ ދުވަސް ހަމަވުމުން އެ ބިސް ނެރެ ދޫކޮއްލަނީވެސް މި ގުނަވަނުންނެވެ. މިއީ އަންހެނަކު ދަރިމައިވުމުގައި އެންމެ އަސާސީ އެއް ގުނަވަނެވެ. އެހެނީ ބިސް ނުވާނަމަ ދަރިމައިވުމެެއްވެސް ނުވާނެއެވެ. އަދި ބިސް ދޫކުރުމުގައި ދަތިކަމެއް ވަނީނަމަ ދަރިމައިވުމަށް ދަތިވާނެއެވެ.
ބިސްރަވައިގައި ފެންކޮތަޅު އުފައްދާ ބައްޔަކީ (ޕޮލިސިސްޓިކް އޯވަރީ ސިންޑްރޮމް) އަންހެނާގެ ހަށިގަނޑުގައި ހުންނަ ހޯމޯންތަކުގެ މިންވަރު ފުށުއެރުމުގެ ސަބަބުން ދިމައިވާ ކަމެކެވެ. މިކަމަކީ ގިނަ އަންހެނުން ތަހައްމަލު ކުރަމުން އަންނަ ކަމެކެވެ. މި ކަމުގެ ސަބަބުން މައްސަރު ކަންތަކުގައި އަންހެނުންނަށް އުނދަގޫތަކާއި ކުރިމަތިވެއެވެ. މައްސަރު ކަންތަކުގެ ތަރުތީބު އޮޅުމާއި، އެކަންތައް ކުރިމަތި ނުވެ ގިނަ ދުވަސް ހޭދަވުމާއި މާ ގިނައިން ލޭ އައުންފަދަ ކަންކަން ކުރިމަތިވެއެވެ. މީގެ އިތުރުން އަންހެނާގެ ހަށިގަނޑުގައި ހުންނަ ފިރިހެން ހޯމޯންގެ ނިސްބަތް މަތިވެއެވެ. މައްސަރު ކަންތަކުގެ ތަރުތީބު ފުށުއަރަނީ އަންހެނާގެ ބިސްރަވައިގައި ގިނަ އަދަދަކަށް ކުދިކުދި ފެނުގެ އެތިއެތިކޮޅުތަކެއް (ސިސްޓް) ތަކެއް އުފެދި، ގަވައިދުން ބިސް ދޫކުރުމުގައި ނާކާމިޔާބު ވާތީއެވެ.
މިކަން ދިމައިވާ "ހަގީގީސަބަބެއް" އަދިވެސް ހޯދިފައެއް ނުވެއެވެ. ނަމަވެސް މިކަމަށް މަގުފަހިކުރުވާ ބައެއް ކަންކަން އެބަހުއްޓެވެ. ހަކުރު މަތިކޮަަށް ހުރުމަކީ ހޯމޯންތަކުގެ ތަރުތީބު ފުށުއެރުމަށް މަގުފަހިވެދާނެ ކަމެކެވެ. ހަމަ އެއާއިއެކު ހަށިގަނޑުގައި އިންފެކްޝަނެއް ގިނަ މުއްދަތަކަށް ހުންނަކަމުގައި ވަނީނަމަ އޭގެ ސަބަބުން ބިސްރަވައިގެ މަސައްކަތަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން މިކަމަކީ އާއިލީ ގޮތުން ވާރުތަވެސް ކޮށްފާނެކަމެކެވެ. އަދި މިކަމަކީ އިންސާނާ އުފެދުމުގައި ވެސް ހުރެދާނެކަމެކެވެ.
ބިސްރަވައިގެ ސިސްޓަކީ ގިނަ އަންހެންކަނބަލުންނަށް ހިތްދަތިކާއި މޮޅިވެރިކަން ގެނުވަނިވި ކަމެކެވެ. އެހެނީ މިކަމުގެ ނަތީޖާއެއްގެ ގޮތުން ދަރިމައި ނުވުން ނުވަތަ ދަރިމައި ވުމަށް ދަތިވުން ހިމެނެއެވެ. ނަމަވެސް މާބަނޑުވުމަކީ ނުވާނޭ ކަމެއް ނޫނެވެ. ހަމައެއާއި އެކު މާބަނޑު ދުވަސްވަރު އެކި އެކި އުނދަގޫތައް ކުރިމަތިވުމަކީވެސް ގާތް ކަމެކެވެ. ބައިގެން ދިއުމާ ދުވަސްނުފުރާ ވިހެއުމަކީވެސް ކުރިމަތިވެދާނޭ ކަމެކެވެ. މޫނުގައި އޮށާޅަ ނެގުމާއި ބަރުދަން އިތުރުވުމަކީ ވެސް އާންމު ކަމެކެވެ. މީގެ އިތުރުން ނަފްސާނީގޮތުން މީހާ ބަލިކަަށިވުމަކީވެސް މިކަމުގެ ސަބަބުން ދިމައިވެދާނެ ކަމެކެވެ.
ކަމުގެ ޠަބީއަތުން ބިރުވެރިކަން އިހުސާސް ކުރުވިނަމަވެސް މިކަމަކީ ހައްލު ހޯދުމަށް އުނދަގޫ ކަމެއް ނޫނެވެ. ސިއްހީ މާހިރުންގެ ބަސް އަހާ އެމީހުންގެ އިރުޝާދުތަކަށް ތަބައަ ވުމަކީ މިކަމުގައި އެންމެ ބުއްދިވެރި ގޮތެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުމަކީ މިކަމުގައި އޮއެއް އެންމެ ބޮޑު ހައްލުކަމަށް ޑަކްޓަރުން އެއްބަސްވެލައްވައެވެ. އިސްވެ ދެންނެވުނުފަދައިން ބަރުދަން އިތުރުވުމަކީ މިކަމުގެ ސަބަބުން ދިމައިވާ ކަމެކެވެ. އެހެންކަމުން ބަރުދަށް ލުއިކުރުމަށް ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ބަރުދަން ހިފެހެއްޓިފައިހުރުމަކީ ހޯމޯންތަަކުގެ މިންވަރު އޭގެ ހަމައިގައި ހުރުމަށް ފަސޭހަވެގެންދާނޭ ކަމެކެވެ. އެގޮތުން ކެއުމުގައި ތެލުގެ ބާވަތްތައް މަދުކޮށް ސިއްހަތަށް ފައިދާހުރި ދުޅަހެޔޮކާނާ ކެއުން މުހިންމެވެ. އާންމުދިރިއުޅުމުގައި ހެލިފެލިވެ އުޅުން އަމުދުން މުހިންމެވެ. ގަވައިދުން ކަސްރަތު ކުރުން އަދި ވަކީން މުހިންމެވެ. ހިތްވަރާއެކު މިކަމާ ކުރިމަތިލާ ކެތްތެރިކަމާއެކީ މަސައްކަތް ކޮށްފި ކޮންމެ މީހަކަށް އުޖާލާ ކަމާއި އަމާންކަން ހުއްޓެވެ.
މިކަމުގެ ފަރުވާއެއްގެގޮތުން ބޭސް ބޭނުން ކުރެވެމުންވެސް ދެއެވެ. މައްސަރު ކަންކަން ތަރުތީބު ކުރުމަށާއި، ދަރިމައިވުމަށް ފަސޭހަ ކުރުމަށެވެ. އަދި މާބަނޑު ދުވަސްވަރު ދިމައިވާ އެކިއެކި އުނދަގޫތަކުން ދުރުވުމަށްވެސް މެއެވެ.
މިބަލި ތަހައްމަލު ކުރަމުންދާ އަންހެންކަނބަލުން މާޔޫސް ނުވާށެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަބަދަލާއި އެކު ޑަކްޓަރީ ފަރުވާއަކީ މިކަމުގައި ވަރަށްވެސް ބޮޑު ހައްލެކެވެ.
