އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ހަރަކާތްތެރިވާ އެކައްޗަކީ ލޭގެ ތެރޭގައި ހުންނަ މާއްދާއެއް ކަމަށްވާ "ވައިޓް ސެލްސް" (ލޭގެ ހުދު ސެލްސް) އެވެ. ލޭގެ ތެރޭގައި ދައުރުވާ ޖަރާސީމުތަކާއި ދެކޮށަށް ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން މި ސެލްތަކަށް ލިބިގެންވެއެވެ.

ރޯދައަށް ހުރުމަކީ އޭގެ ސަބަބުން އިންސާނާގެ ދިފާއީނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ. ރޯދަވެރިޔާގެ ލޭގެ ތެރޭގައި ހިމެނޭ ހުދު ސެލްތަކުގެ ލަޝްކަރު އައުވެގެން ދެއެވެ. އިންސާނާ ރޯދައަށް ހުރުމުގެ ސަބަބުން ލޭގެ ތެރޭގައި ހުންނަ "ކާނާ" ގެ މިންވަރު މަދުވެއެވެ. މިކަމުގެ ސަބަބުން ލޭގެ ތެރޭގައި ދައުރުވާ އެކިއެކި ސެލްތަކަށް ބޭނުންވާ "ކާނާ" ލިބުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. އެގޮތުން އިންސާނާގެ ދިފާއީ ނިޒާމުގައި ހިމެނޭ ލޭގެ ހުދު ސެލްތަކަށްވެސް މިކަމުގެ އަސަރު ފޯރައެވެ. ނަމަވެސް ލޭގެ ހުދު ސެލްތަކުގެ ތެރޭގައި ހިމެނޭ ދުޅަހެޔޮ ސެލްތަކަށް މިކަމުން އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެހެނަސް ލޭގެ ހުދު ސެލްތަކުގެ ތެރޭގައި ހުންނަ ދުވަސްވީ ސެލްތަކާއި ބަލިކަށި ސެލްތަކަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބި އެ ސެލްތައް ނެތިދެއެވެ.

ގުދުރަތުގެ ނިޒާމު ހަމަޖެހިފައިވާގޮތުން މިގޮތަށް ލޭގެ ތެރެއިން މަދުވާ ލޭގެ ހުދު ސެލްތަކުގެ ބަދަލުގައި އޭގެ އައު ސެލްތަކެއް އުފެދެއެވެ. މައިބަދައިން އުފައްދައިދޭ އައު ލޭގެ ހުދު ސެލްތަކާއެކު ދިފާއީ ނިޒާމުގައި ހުންނަ މި ސެލްތަކުގެ ދުޅަހެޔޮކަން އިތުރުކޮއްދީ މި ލަޝްކަރުގެ ބާރު ގަދަވެގެން ދެއެވެ.