ރޯދައަށް ހުރުމަކީ ރޯދަވެރިޔާގެ އަނގައިގައި ހުންނަ ކުޅު ހިކި އަނގައިގެ ތެތްކަން ކުޑަވާ ކަމެކެވެ. ކުޅަކީ އަނގައިގައި އެކި ކަހަލަ ޖަރާސީމު އަށަގަތުމުން ސަލާމަތްކޮއްދޭ އެއްޗެކެވެ. މިގޮތުން އަނގަޔާއި ކަރުތެރޭގައި ހުންނަ ކުޅު ހިކުމުގެ ނަތީޖާއެއްގެ ގޮތުން އަނގައިގައި ދައުރުވާ ވައިގެ ތެތްކަން ކުޑަވެއެވެ. ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ އަނގައިގައި އާދަޔާ ހިލާފު ވަހެއް އުފެދެއެވެ. ނަމަވެސް ރޯދަވެރިޔާ ރޯދަވީއްލާ ހިސާބުން އަނގައިގައި ކުޅު އުފެދި އަނގައިގެ ތެތްކަން އިތުރުވެއެވެ. އޭގެ ސަބަބުން އަނގައި ގެ ވަސް ރަނގަޅުކޮށްދެއެވެ.

ރޯދަ ވެރިޔާގެ އަނގައިގައި ދުވާ ވަސް ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން ރަނގަޅަށް އަނގަތެރެ ދޮވެ ރީއްޗަށް ދަތް އުނގުޅާނަމަ އަނގައިން ނުކުންނަ ވަހުގެ ނުބައިކަން ކުޑަކޮށްދޭނެއެވެ. ހަމަ އެއާއިއެކު ހާރުގަޑީގައި ތެލުގެ ބާވަތްތައް މަދުކޮށް ތާޒާ މޭވާ ފަދަ ހުތްކަން ހުންނަ މޭވާ ކާ ކަމުގައި ވަނީނަމަވެސް ވަސްދުވުން މަދުކުރެވިދާނެއެވެ. މީގެ އިތުރުން ކެފެއިން ހުންނަ ބުއިންތައް، ކޮފީ އަދި ކަޅުސައި ފަދަ ބުއިންތަކުން ދުރުވުވަމަކީވެސް ރޯދަވެރިޔާގެ އަނގައިން ދުވާ ވަސް ކުޑަކޮއްދޭނެ ކަމެކެވެ. އެހެނީ އެފަދަ ބުއިންތަކަކީ އިންސާނާގެ ގައިން ފެން ބޭރުކުރުމަށް އެހީވެދޭ ބުއިންތަކެކެވެ.

ރޯދަވެރިޔާ އޭނާގެ އަނގައިން ދުވާ ވަސް މަޑުކުރުމަށް ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ރޭގަނޑުގެ ވަގުތުތަކުގައްޔާއި ހާރުދަމު ގިނަ އަދަދަކަށް ފެން ބުއިމެވެ. ހަށިގަނޑުގައި ހުންނަ ފެނުގެ ނިސްބަތް އިތުރުވުމީ އަނގައިން ކުޅު ހިކުނަނުދީ ހިފަހައްޓައިދޭނެ ކަމެކެވެ. ކޮަންމެ އަކަސް ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ އެކަމާއި އަހަރެމެން މުސްލިމުން ޝަކުވާ ކުރަންޖެހޭނޭ ކަމެއް ނޫނެވެ. މާތް ﷲ ގެ ހަޟްރަތުގައި ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ގޮމަކަސަތޫރިއަށްވުރެ މީރުވަހެއް ކަމުގައި ދީނީ ދަންނަބޭކަލުން އަންނަނީ ވިދާޅުވަމުންނެވެ.