އިންސާނެއްގެ އަތުގައި ކަންފަތެއް އުފައްދައިފިއެވެ. ޝެރީ ވަލްޓާރ ނަމަކަށް ކިޔާ މި އަންހެންމީހާގެ އެއް ކަންފަތާއި އެ ކަންފަތުގެ އެރޭގެ ބައެއް ގުނަވަންތަކަށް ކެންސަރު ޖެހުމުގެ ސަބަބުން އެ ގުނަވަންތަަށް ވަނީ ބުރިކޮއްލާފައެވެ. އެހެންކަމުން އޭނާ އުޅެންޖެހިފައިވާނީ އެއް ކަންފަތް ނެތް އިންސާނެއްގެ ގޮތުގައެވެ. 

އާންމުކޮަށް މިފަދަ ހާލަތްތަކުގައި ބުރިކޮއްލަން ޖެހޭ ގުނަވަންތަކުގެ ބަދަލުގައި ޕްލާސްޓިކް ގުނަވަންތައް ހަރުކުރެއެވެ. އެއީ ސިފަ ހުތުރުވިޔަ ނުދިނުމަށެވެ. ނަމަވެސް މި އަންހެންމީހާ އެގޮތެއް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ އަށް ފަރުވާ ކުރާ ޑަކްޓަރުންނާއި އިތުރު އެހެން ޑަކްޓަރުންގެ ޓީމަކާއި ގުޅިގެން އޭނާގެ މޭކަށިގަނޑުގައި ހުންނަ މަޑު ކަށިތަކުން ކުޑަ ކަށިކޮޅެއް ނަގާ ކަންފަތެއްގެ ބައްޓަމަށް ތައްޔާރު ކުރުމަށްފަހު އޭނާގެ އަތުގެ ހަންގަނޑު ދަށުގައި ބެހެއްޓިއެވެ. މިފަދަ މަޑު ކަށިތަކަކީ އެގޮތަށް ހަށިގަނޑުގެ ތެރޭގައi ބަހައްޓައިފިނަމަ ހެދިބޮޑުވާނެ އެއްޗެކެވެ. 

އެގޮތުން އެ ކަށިކޮޅު މި އަންހެންމީހާގެ އަތުގައި ހަތަރު މަސްވަންދެން ބެހެއްޓިއެވެ. އެއަށްފަހު ކުޑަ އޮޕަރޭޝަނަކަށްފަހު އެ ކަންފަތުގެ ބައްޓަމަށް ބޮޑުކުރި ކަށިކޮޅު ނަގާ އޭނާގެ ބުރިކޮއްލި ކަންފަތުގެ ބަދަލުގައި ހަރުކުރިއެވެ.

ދުނިޔޭގެ ސިއްހީ ނިޒާމަކީ އިންތިހާއަށް ކުރިއަރަމުން އަންނަ ނިޒާމެކެވެ. މިފަދަ އެތަކެއް ކަމެއް މިހާރުގެ ޑަކްޓަރުން އަންނަނީ ކުރަނުންނެވެ.