އެ ބޭންކުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮވިޑް-19 ގެ މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް އެންމެ މުހިންމު އެއްއަމާޒަކީ ބޭންކާއި ދިވެހި މުޖުތަމައުއާ އޮތް ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މުޖުތަމައަށް ފައިދާކުރާނެ ވިހި ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަންފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އުއްމީދަކީ މި ހުޅުވާލެވުނު ފުރުސަތުގައި ގިނަ ރަށްރަށަކުން ޕްރޮޕޯސަލް ލިބިގެން ދިޔުން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގުމަށް އެއްމިލިއަން ރުފިޔާ ބީއެމްއެލް ހޭދަކޮށްފައިވާކަމަށްއެބޭންކުންބުނެއެވެ.
ކޮމިއުނިޓީ ފަނޑުގެ ދަށުން ނެއްލައިދޫ ކޮމިއުނިޓީ ޕާކާއި، ދ. މާއެނބޫދޫގެ ސްކޫލު ލައިބްރަރީ ތަރައްގީކުރުމާއި، އއ. ދަނގެތި އަދި ށ. ފޭދޫގައި ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމާއި، ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާއި ކ. ގާފަރުގައި ސެން ކްލާސްރޫމެއް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި ފަންސާސް ހާސް ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެއެވެ.
ކޮންމެ ކްއާޓަރއެއްގައި ފަސް މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކުއާޓަރއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަސް ކަމަށް އެބޭންކުން ބުނެއެވެ.
