ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ލޯންގް ސަރވިސް އެވޯޑު ދީފިއެވެ. މި އެވޯޑް ހަވާލުކުރުމަށް މިރޭ ބޭއްވުނު ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ 29 މުވައްޒަފުންނަށް އެވޯޑު ހަވާލުކުރެވުނެވެ.
އަލްފާޟިލާ އަމްޝޫދާ ނަޢީމް (ސްވިފްޓް ސަރވިސް މެނޭޖަރ)، އަލްފާޟިލާ އައިމިނަތު ނަސީމް (ކަސްޓަމަރ ސަރވިސް މެނޭޖަރ) އަދި އަލްފާޟިލާ އާއިޝަތު ޝާދުނާ (މެނޭޖަރ، ޗެކް ޕްރޮސެސިންގ) އަށް ވަނީ ބޭންކަށް 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާތީ ހާއްސަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން، އަލްފާޟިލާ ފާޠިމަތު ޙުސައިން (ކަސްޓަމަރ ސަރވިސް އޮފިސަރ)، އަލްފާޟިލާ ފާޠިމަތު މުޙައްމަދު (މެނޭޖަރ، އެޖެންޓް ބޭންކިންގ)، އަދި އަލްފާޟިލާ މަރިޔަމް ޙަމީދު (ޗީފް ކޮމްޕަލަޔަންސް އޮފިސަރ) އަށް ވަނީ 30 އަހަރުގެ މުއްދަތަކަށް ބޭންކަށް ހިދުމަތް ކޮށްދެއްވިކަމުގެ އެވޯޑު ދީފައެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަރީފް ވިދާޅުވީ " ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ތިޔަ މުވައްޒަފުން މަސައްކަތަށް ދެއްވާ އަހުމިއްޔަތުކަމަށާއި ވަޒީފާގައި ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު ދެމިހުންނެވިކަމަށްޓަކައި އެކަމުގެ އަގު ވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އަދި ފާއިތުވި 35 އަހަރުގެ ދިގު މުއްދަތަކަށް ހީވާގި ކަމާއެކު މަސައްކަތް ކޮށްދެއްވިކަމަށްޓަކައި އަމްޝޫދާ، އާމިނަތު އަދި ޝާދުނާއަށް ހާއްސަ ޝުކުރެއް ދަންނަވަން."
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު، އަދި ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ބޭންކެވެ. އަދިހަމައެހެންމެ ބޭންކުގައި މިވަގުތު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ %99 އަށް ވުރެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފަޚުރުވެރި ދިވެހީންނެވެ. ބޭންކުގެ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތާއި މަސައްކަތަށް ބޭނުންވާ ތަމްރީނުދިނުމާއި އިންސާނީ ހުނަރު ތަރައްގީ ކުރުމާއި ވަޒީފާގެ ކުރިއެރުންތައް ފޯރުކޮށްދެވެއެވެ. ބޭންކުގައި ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑު އަދި ލޯންގް ސަރވިސް އެވޯޑު ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.
