ގޮހޮރުފާރަކީ ދިވެހިން ގެ ތެރޭގައި އާންމު ބައްޔެކެވެ. ނަމުން "ގޮހޮރުފާރު" ކީ ނަމަވެސް މި ބައްޔަކީ އިންސާނާގެ ބަނޑުގައި ނުވަތަ ކުޑަ ގޮހޮރުގެ މަތީބައިގެ އެތެރޭގައި ހުންނަ ދުލި ފަށަލަ ތަކުގައި ރޯ ފާރުގަނޑުތަކެއް އުފައްދާ ބައްޔެކެވެ.
މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ވައިގެ އުނދަގޫ ބޮޑުވުން ހިމެނެއެވެ. މޭނުބައި ކުރުމާއި ހޮޑުލެވުމުގެ އިތުރުން ކާހިތް ނުވުމަކީވެސް މި ބަލީގެ އަލާމާތެކެވެ. މީގެ އިތުރުން ބޮޑުކަމުދާ ތަކެތީގެ ކުލަ، ކަޅު ކުލަ އަކަށް ބަދަލުވުންވެސް ހިމެނެއެވެ.
އިންސާނާގެ ބަނޑާއި ގޮހޮރުގެ ރައްކާތެރިކަމަށްޓަކައި ދުލިފަށެއް ލެވިފައިވެއެވެ. ބަނޑުގައި ނުވަތަ ގޮހޮރުގައި އެސިޑުގެ މިންވަރު އިތުރުކަމުގައި ވަނީނަމަ ގޮހޮރުފާރަށް މަގުފަހިކުރުވައެވެ. ހަމަ އެއާއި އެކީ މި ދުލިފަށުގެ ބޯމިން ތުނިވަނީ ކަމުގައި ވާނަމަވެސް ގޮހޮރު، ފާރު ކުރުވަފާނެއެވެ.
ގޮހޮރުފާރުވާން ދިމައިވާ ސަބަބުތަކުގެ ތެރޭގައި ދިގު މުއްދަތަކަށް ބާރުގަދަ ބޭސް ބޭނުން ކުރުން ހިމެނެއެވެ. މިފަދަ ބޭސްތައް ދިގު މުއްދަތަކަށް ބޭނުން ކުރަނީނަމަ ބަނޑާއި ގޮހޮރުގެ ދުލިފަށުގައި ޖަރާސީމު އަށަގަތުމަށް މަގުފަހި ވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ގޮހޮރު ފާރުވުން ހިމެނެއެވެ. މީގެ އިތުރުން "ހެލިކޯ ބެކްޓާރ ޕައިލޯރީ" ނަމަކަށް ކިޔާ ޖަރާސީމެއްގެ ސަބަބުންވެސް ގޮހޮރުފާރު އުފެދެއެވެ. ނަމަވެސް މި ޖަރާސީމަކީ އިންސާާގެ ހަށިގަނޑުގައި ހުންނަ ފައިދާ ކުރަނިމި ޖަރާސީމެކެވެ. އެހެނަސް މިބާވަތުގެ "ނުބައި" ޖަރާސީމަކަށް އިންސާނާ ހުށަހެޅުމުން މި އިންސާނާގެ ހަށިގަނޑުގައި ހުންނަ ރަނގަޅު ޖަރަަސީމުތައްވެސް އިންސާނާ އާއި ދެކޮޅަށް މަސައްކަތް ކުރެއެވެ. އެކަމުގެ ނަތީޖާ އަކީ ގޮހޮރު ފާރުވުމެވެ.
ގޮހޮރުފާރު ވުމަކީ އޭގެ ސަބަބުން އިންސާނާގެ ބަނޑު ނުވަތަ ގޮހޮރު ފޫގޮސް ލޭ އައުންފަދަ ކަމެއް ކުރިމަތިވެދާނެ ކަމެކެވެ. މީގެ އިތުރުން ހަޖަމުގެ ނިޒާމަށް ބުރޫއެރުންވެސް ހިމެނެއެވެ. ގޮހޮރުފާރުވެ ގިނަ މުއްދަތަކަށް ހުރުމަކީ އޭގެ ސަބަބުން ހަޖަމުގެ ނިޒާމަށް ޖެހޭ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ. އެގޮތުން ބަނޑާއި ގޮހޮރުގެ ކެންސަރު ހިމެނެއެވެ.
މިބަލިން ރައްކާތެރިވެ ތިބުމަށް ދުޅަހެޔޮ ސިއްހަތެއް މުހިންމެވެ. ޖަރާސީމުއަށަގަތުމުން ދުރުވެ ހުރުމަކީ މިކަމުގައި އޮތް ވަރަށްބޮޑު ރައްކާތެރިކަމެކެވެ. އެގޮތުން ސާފުތާހިރުކަމަށް ސަމާލުކަންދީ ކެއިން ބުއިމުގައި ފަރުވާތެރިވުން ވަރަށްވެސް މުހިންމެވެ. މީގެ އިތުރުން ޑަކްޓަރުންދޭ ބޭސް ތަކާއި އެކީ ކެއުމަށް ދީފަ ހުންނަ ވައިގެ ބޭސްފަދަ ބޭސްތަކަކީ ޑަކްޓަރުގެ އިރުޝާދާއި އެކީ ގަވައިދުން ކާން ޖެހޭނެ ބޭސް ތަކެކެވެ. އެހެނީ އެ ބޭސް ތަކުގެ ސަބަބުން، އެހެން ބޭސް ތަކުން އުފައްދާ އެސިޑުގެ މިންވަރު ކުޑަކޮށްދެއެވެ. އެހެންކަމުން ގޮހޮރުފާރުވުމުގެ ފުރުސަތު ބޮޑުތަނުން ކުޑަ ކޮށްދެއެވެ.
