ބައިވެރިޔާ ތިމާއަށް ކިހާ ވަރަކަށް ވަފާތެރި ހެއްޔެވެ؟ ވަގުތު ދޭ ހެއްޔެވެ؟ ތެދުވެރި ހެއްޔެވެ؟ ތިމާގެ ބައިވެރިޔާގެ ފަރާތުން ތިމާއަށް ލޯތްބާއި އަޅާލުން ލިބުމަކީ ކިހާ ބޮޑު ނިޢުމަތެއްތޯއެވެ. ގިނަ ބައެއްގެ ފަރާތުން އަބަދުވެސް ބައިވެރިޔާގެ އެކިއެކި ޝަކުވާތައް އަޑު އިވެއެވެ. މި ކިޔައިދެނީ ތިމާގެ ބައިވެރިޔާ ތިމާއަށް ވަފާތެރިތޯ ބެލިދާނެ 4 ގޮތެކެވެ.

* ހުރިހާ ކަމެއް ހިއްސާކުރާނެ

  ތިމާގެ ބައިވެރިޔާ ވަފާތެރިނަމަ، އޭނައާ ދިމާވާ ހުރިހާ ކަމެއް ހިއްސާކުރާނެއެވެ. އެންމެ ކުދިކުދި ކަންތަކުން ފެށިގެން ބޮޑެތި ކަންތައްތަކާ ހަމައަށެވެ. ދުވަސް ވޭތުވެގެން ދާގޮތާއި ބައްދަލުކުރި މީހުންނާއި ސަބަބު ކިޔައިދިނުން އެމީހުންނަށް އުނދަގުލެއް ނުވާނެއެވެ. ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ބައިވެރިޔާ ތިމާއާ ހުރިހާ ކަމެއް ހިއްސާކުރާނަމަ އޭނައަކީ ވަފާތެރި މީހެކެވެ.

* ޤަވާއިދުން ޙާލު ބަލާނެ

  ތިމާގެ ބައިވެރިޔާ ވަފާތެރިނަމަ، ކޮންމެ ދުވަހަކު ފޯނު ކޯލު ނުވަތަ މެސެޖުގެ ޒަރީއާއިން ތިމާގެ ޙާލު ބަލައި އަޅައިލާކަން އިހުސާސްކޮށްދޭނެއެވެ. ތިމާގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ އުފަލެއް އަދި ހިތާމައެއްގައި ބައިވެރިވުމަކީވެސް ބައިވެރިޔާ ތިމާއަށް ވަފާތެރިކަމުގެ އަލާމާތެކެވެ.

* ބައިވެރިޔާގެ އަސްލު ސޫރަ ފެންނާނެ

  ބައެއް މީހުންނަކީ ހިތާމަތަކާއި ދަތި އުނދަގޫތައް ހިތުގައި ފޮރުވައިގެން ތިބޭ ބައެކެވެ. އެމީހުންގެ ސިއްރުތައްވެސް އެމީހުން ހިއްސާކުރާނީ ވަރަށް ގާތް ވަރަށް ޚާއްސަ މީހުންނާއެވެ. ނަފުސާނީ ގޮތުން ބައިވެރިޔާއަށް ދިމާވާ އެކިއެކި ކަންކަން ތިމާއާ ހިއްސާކުރާނަމަވެސް ބައިވެރިޔާއަކީ ތިމާއަށް ވަފާތެރި މީހެކެވެ.

* ތިމާއަށް އިޙުތިރާމު ކުރާނެ

  އިޙުތިރާމަކީ ކޮންމެ ކަހަލަ ގުޅުމެއްގައިވެސް އެންމެ މުހިންމު އެއް އަސާސެވެ. އިޙުތިރާމު ނެތްނަމަ އެއްވެސް ގުޅުމެއް ދެމިއެއް ނޯންނާނެއެވެ. ތިމާގެ ބައިވެރިޔާ ތިމާއަށް ވަފާތެރިނަމަ، އޭނާ ތިމާއަށް އިޙުތިރާމު ކުރާނެއެވެ. އިޙުތިރާމު ކުރާނަމަ، ތިމާއަށް ބޭވަފާތެރިވެ ތިމާގެ އިހުސާސްތަކާއި ކުޅެލާކަށް ނުވެސް ވިސްނާނެއެވެ.

މީގެ އިތުރުންވެސް ތިމާގެ ބައިވެރިޔާގެ ވަފާތެރިކަން ބެލިދާނެ ގޮތްތައް ހުންނާނެއެވެ. ނަމަވެސް މިއީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު 4 ގޮތެވެ. މި 4 ސިފަ ތިމާގެ ބައިވެރިޔާ ގައިގައި ހުރެއްޖެނަމަ އޭނާއަކީ ތިމާއަށް ވަފާތެރި މީހެކެވެ.