އަންނަ މެއި މަހު 13 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ސަލްމާން ޚާންގެ އެކްޝަން ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ"ގެ ފުރަތަމަ ލަވަ ނެރުނުތާ 24 ގަޑިއިރު ނުވަނީސް 4 ލައްކަ 18 ހާސް މީހުން އެ ލަވަ ޔޫޓިއުބުން ބަލައިފިއެވެ. މިހާރު 6 ލައްކަ އާ ގާތްކުރާ އަދަދަކަށް މީހުން މި ލަވަ ބަލައިފައިވާ އިރު މި ލަވައަށް ލައިކް ނުވަތަ ޑިސްލައިކް ދިނުމުގެ ފުރުސަތެއް ބެލުންތެރިންނަކަށް ނެތެވެ.
"ސީޓީ މާރް"ގެ ނަމުގައި ނެރުނު މި ލަވައަކީ އައްލޫ އަރްޖުންގެ ތެލުގޫ ފިލްމު "ދުވަޅާ ޖަގަނަދަމް"ގައި، ހަމަ އެ ނަމުގައި ހިމެނުނު ލަވައެއްގެ ހިންދީ ރީމޭކެކެވެ. ތެލުގޫ ލަވައިގައި އައްލޫ އަރްޖުންއާއެކު ޕޫޖާ ހެގްޅޭ ހަރަކާތްތެރިވީއިރު ހިންދީ ލަވައިގައި ސަލްމާނާއެކު ހަރަކާތްތެރިވަނީ ޑިޝާ ޕަޓާނީއެވެ.
ކަމާލް ޚާންއާއި އިއުލިއާ ވަންތޫރް ކިޔާފައިވާ މި ލަވައިގެ ލިރިކްސް ހަދާފައިވަނީ ޝައްބިރް އަހްމަދެވެ. މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ތެލުގޫ ލަވައިގެވެސް މިއުޒިކް ތައްޔާރުކޮށްދިން ރޮކްސްޓާ ދޭވީ ޝްރީ ޕްރަސާދެވެ.
