މީގެ ދެމަސް ކުރިން އަޅުގަނޑުމެނާ ވަކިވެގެން ދިޔަ ބޮލީވުޑް ތަރި ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާކަމާއި، މުމްބައި ފުލުހުން އެކަން ފޮރުވަން ގިނަ މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވި، ސުޝާންތުގެ އާއިލާއިން މުމްބައި ފުލުހުނަށް ކުރި އިތުބާރު ގެއްލި މި މައްސަލަ، އިންޑިޔާގެ ތަހުގީގީ މައި އިދާރާއަށް ހަވާލުކުރުމަށް އެދި ބިހާރު ފުލުހުން ހުށައެޅި މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް އިއްވައިފިއެވެ.

މިއަދު ހެނދުނު އޮތް ސުޕްރީމް ކޯޓުގެ އަޑު އެހުމުގައި އެކޯޓުން ވަނީ ސުޝާންތު ސިންގުގެ މަރާ ގުޅޭ އެއްވެސް މައްސަލަ އެއް އިންޑިޔާގެ އެއްވެސް ކޯޓަކަށް ހުށައަޅައިފިނަމަ އެކަން ތަހުގީގު ކުރާނީ ސީ.ބީ.އައި އިން ކަމަށް ކަނޑައަޅާފައެވެ. މިއީ މިހާތަނަށް އިންޑިޔާގައި އެންމެ ގިނަ އާންމުން ބައިވެރިވެގެން މީޑިޔާގެ އެހީތެރިކަމާއެކު މިފަދަ ކަމަކަށް ގޮވާލި ފުރަތަމަ ފަހަރެވެ. މި މީޑިޔާ ކެމްޕޭންގައި އިންޑިޔާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުން ވެސް ވަނީ ސުޝާންތުގެ މަރު ތަހުގީގު ކުރުމަށް ސީ.ބީ.އައި އާ ހަވާލު ކުރުމަށް ގޮވާލާފައެވެ.

ނަމަވެސް މި މަރުގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ، ސުޝާންތުގެ ލޯބިވެރިޔާ ރިޔާ ޗަކްރަބަރްތީގެ ވަކީލުންގެ ފަރާތުން ވަނީ މިކަން ސީ.ބީ.އައި އާ ހަވާލުކުރުމުގެ ބަދަލުގައި މުމްބައި ފުލުހުން ކުރިއަށް ގެންދިއުމަށް އެދިފައެވެ. މިކަމާ އެކު ރިޔާ އާ މުމްބައި ސަރުކާރުގެ އިސްވެރިންނާއި ގުޅިފައިވާ މިންވަރާ މެދު އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސަރުކާރުގެ އިސްވެރިންނާ ރިޔާ އާއި ދެމެދު ލޯބީގެ ގުޅުން އޮތްކަމަށް ވެސް އަންނަނީ ވާހަކަ ދެކެވެމުންނެވެ. މި ލިސްޓުގެ އެންމެ ކުރީގައިވަނީ މަހާރަޝްޓްރާގެ ޒުވާން މިނިސްޓަރު އަދި "ބޭބީ ޕެންގުއިން" ނަމުން މަޝްހޫރު އަދިތުޔާ ޓާކްރޭގެ ނަމެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ނަމަ ސުޝާންތުގެ މަރު ރަގަޅަށް ތަހުގީގު ކުރެވިއްޖެނަމަ މިކަމުގައި ސަރުކާރުގެ އިސްވެރިންގެ އަތެއްވާ ކަންވެސް ހާމަ ވެގެން ދާނެއެވެ.

ރިޔާގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ތުހުމަތު ވެސް ކުރެވިފައެވެ. މިކަމާ ގުޅިގެން އެތައް ދުވަހެއްގެ މަތިން އިންޑިޔާގެ އެންފޯސްމަންޓް ޑިރެކްޓަރުގެ އޮފީހަށް ރިޔާ އަދި އޭނާގެ ބޭބެއާއި ރިޔާގެ ފަރާތުން ވަޒީފާ ދީފައިވާ ސުޝާންތުގެ ބައެއް މުވައްޒަފުން ވަނީ ހާޟިރު ކުރެވިފައެވެ. ރިޔާ އާއި ސުޝާންތު އެކީގައި ހޭދަ ކުރި އެއް އަހަރުގެ ތެރޭގައި ސުޝާންތުގެ އެކައުންޓުން 170 މިލިއަން ރުޕީސް ރިޔާގެ އެކި ކަންކަމަށް ބޭނުން ކުރިކަމަށް އާއިލާއިން ވަނީ ހެއްކާއި އެކު ހުށައަޅާފައެވެ. މި މުއްދަތުގައި ރިޔާގެ އާމުދަނީ އާ ނުބައްދަލު ދެ ފްލެޓެއް ގަނެ، އެހެނިގެން ޚަރަދު ކޮށްފައިވާތީ،  އެންފޯސްމަންޓް ޑިރެކްޓަރުގެ ފަރާތުން ރިޔާ އާ ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދިނުމަށް ރިޔާ ވަނީ ނުކުޅެދިފައެވެ.

ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ސުޝާންތުގެ މަރުގެ ތަހުގީގު ސީ.ބީ.އައި އަށް ހަވާލު ކުރުމުން އިންޑިޔާގެ ގިނަ ބަޔަކު އަންނަނީ އެކަމާ އުފާ ފާޅު ކުރަމުންނެވެ. މިކަން ސީ.ބީ.އައި އަށް ހަވާލުކުރުމަށް އެދި ކުރިކެމްޕޭންގެ އެންމެ ކުރީގައި ތިބީ ސުޝާންތުގެ އާއިލާ އާއި ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭއެވެ. ސުޝާންތުގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލި މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ނުހިމެނޭ އިރު، ކަންގަނާ ރަނާވުތު އަދި ޝޭކަރު ސުމަން ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.