އިންޑިއާގައި ކޮންޓްރޯލެއް ނެތި ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔާތޭ 2" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ. މިއީ ކުރިން މިދިޔަ އޮކްޓޯބަރ 20 ގައި ރިލީޒްކުރަން ނިންމި ފިލްމެކެވެ. އޭރު ކޮވިޑާއި ގުޅިގެން ސިނަމާތައް ބަންދުކުރުކުމުން މިއަހަރުގެ މެއި 13 އަށް ރިލީޒްކުރަން ފަސްކޮށް، އަނެއްކާވެސް ކޭސްތައް އިންތިހާއަށް އިތުރުވުމުން މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ސިނަމާތައް ބަންދުކުރުމުން ގިނަ ފިލްމުތަކެއް ވަނީ އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރަންވެސް ފަށާފައެވެ. ނަމަވެސް މި ފިލްމުގެ ޓީމުން ވަނީ މި ފިލްމު އަޅުވާނީ ސިނަމާތަކުގައިކަން ކަށަވަރުކޮށްދީފައެވެ. އެހެންކަމުން އަދި މި ފިލްމު ރިލީޒްކުރެވޭނެ ދުވަހެއް ލަފާކޮށްލާކަށްވެސް ނޭނގެއެވެ.

ޖޯން ޑަބަލް ރޯލުން ފެނިގެންދާ މި އެކްޝަން ފިލްމު ރިލީޒްކުރުން ފަސްކުރިކަން އާންމުކުރަމުން ފިލްމުގެ ޓީމުން ބުނެފައިވަނީ މިފަދަ ނުރައްކާ ދަނޑިވަޅެއްގައި ފިލްމު ރިލީޒްކުރުމަށްވުރެ ޤައުމުގެ މީހުންގެ ޞިއްޙަތާއި ސަލާމަތް މާ މުހިންމު ކަމަށާއި ފަހުން ފިލްމު ރިލީޒްކުރާނެ ތާރީޚެއް އާންމުކުރާނެ ކަމަށެވެ

މިލަޕް ޒަވޭރީ ލިޔެ ޑައިރެކްޓްކުރި މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނާނީ ޖޯންގެ އިތުރުން ދިވްޔާ ކޯސްލާ ކުމާރް، ރަޖީވް ޕިއްލާއީ އަދި އަނުޕް ސޯނީއެވެ.